"އައި ފީލް މޯލްޑިވްސް" ކެމްޕެއިން ޕޯސްޓަރެއް
ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ އާ ކެމްޕެއިން "އައި ފީލް މޯލްޑިވްސް" ލޯންޗުކޮށްފި
ޖުނާން އަޙުމަދު 8 އޭޕްރީލް 2025 (އަންގާރަ)   07:31
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ އާ ކެމްޕެއިނެއްގެ ގޮތުން "އައި ފީލް މޯލްޑިވްސް" ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

މި ކެމްޕެއިން އިއްޔެ އިފްތިތާހު ކޮށްފައިވަނީ، އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއި މީޑިއާގެ މަންދޫބުން ހިމެނޭހެން 50 ވުރެ ގިނަ ބައިވެރިންނާ އެކު އެވެ. އެ ރަސްމިއްޔާތުގައި، އައި ފީލް މޯލްޑިވްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ކޯ ފައުންޑަރ މުޙައްމަދު ބައްސާމް އާދަމް ވިދާޅުވީ، އައި ފީލް މޯލްޑިވްސްގެ ޕާޓްނަޝިޕް އަދި މެމްބަޝިޕްގެ ފުރުސަތުތައް މިހާރު ރަސްމީކޮށް ހުޅުވާލާފައިވާނޭ ކަމަށާ، އަދި މިއީ މި ކެމްޕެއިންގެ ފެށުން ކަމުގައިވާތީ އެއްވެސް ފީއެއް ނެތި ހުރިހާ ފަރާތްތަކަށް ވެސް މެންބާޝިޕް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަދި މި ޕްރޮމޯޝަން ހަރަކާތުގެ މައިގަނޑު ވިސްނުންތަކާއި އިންޑަސްޓްރީ އިޝްތިހާރު ކުރުމުގައި އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، އައި ފީލް މޯލްޑިވްސް އަކީ ހަމައެކަނި ކެމްޕޭނެއް ނޫންކަމަށާ، އެއީ އެއްބާރުލުން ދޭ ހަރަކާތެއް ކަމަށެވެ.

އަދި އެ ހަރަކާތުގައި ބައިވެރިވުމަށް މުޅި ޓޫރިޒަމް އިންޑަސްޓްރީއަށް ދަޢުވަތު އަރުވާ ކަމަށާ، މިއީ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލުތައް ހިއްސާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރުކޮށް މިކަމުގައި މާނަހުރި ބަދަލެއް ގެނައުމުގެ ބައެއްގެ ގޮތުގައި ތިބުމަށް ދެވޭ ދައުވަތެއް ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

މި ކެމްޕެއިންގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތަކަށް ހާއްސަކޮށް ވަރަށް އަވަހަށް ވެބްސައިޓެއް ލޯންޗު ކުރުމަށް ހަމަޖެހިފައި ވާއިރު، މި ހަރަކާތުގެ ބައިނަލްއަގުވާމީ މުހިންމު ދެ ޕާޓްނަރުން ކަމަށްވާ ގަތަރު ޓްރެވަލް މާޓް (ކިއުޓީއެމް) އާއި އިންޓަނޭޝަނަލް ވެލްނެސް ޓޫރިޒަމް އެކްސްޕޯ ޖަޕާން (އައިޑަބްލިއުޓީ) އިން ވަނީ އެ ފަރާތްތަކުގެ އިވެންޓްތަކާއި ހުރި ފުރުސަތުތަކާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް މި ރަސްމިއްޔާތުގެ ބައިވެރީންނަށް ހިއްސާ ކޮށްދިނެވެ.

އަދި މީގެ އިތުރުން 2025–2026 ވަނަ އަހަރުގެ އައި ފީލް މޯލްޑިވްސް އިން ބައިވެރިވާނެ ގްލޯބަލް އިވެންޓްތަކާއި ސްޓްރެޓެޖިކް ފުރުސަތުތަކުގެ މައުލޫމާތު ދީފައިވާއިރު، ރޫޓްސް ވޯލްޑް އާއި އައިޓީބީ ޗައިނާ އާއި އޭޓީއެމް ދުބާއީ އާއި އެމްއައިޓީޓީ ރަޝިޔާ އާއި ބިޓް އިޓަލީ ފަދަ ބޮޑެތި ބީޓޫބީ ފެއާތަކުގެ މައުލޫމާތު ވެސް މި ރަސްމިއްޔާތުގައި ހިއްސާކުރިއެވެ.

ކޮމެންޓް