އިއްޔެއިން ފެށިގެން އަންނަ މެއި މަހުގެ އެއްވަނަ ދުވަހާ ހަމައަށް ދުބާއީގައި އޮންނަ އޭ.ޓީ.އެމް ފެއަރގައި ސަގާފީ ހަރަކާތް ހުށައެޅުމަށް ހަބޭސް އިން ހުށައެޅި ބިޑު ބޭއިންސާފުން ކެންސަލް ކުރުމުން އެކަމާ ގުޅިގެން އެ ގްރޫޕުން ވަނީ ހާއްސަ ބާޔާނެއް ވެސް ނެރެފައެވެ.
އެބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ސަގާފަތް ދައްކުވައިދިނުމަށް ހާއްސަ ހަރަކާތްތަކެއް އޭޓީއެމް ފެއާ 2025 ގައި ހުށަހަޅައި ދިނުމުގެ ފުރުސަތު އެމްއެމްޕީއާރުސީ (މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން) އިން ހުޅުވާލުމުން އެކަމުގެ ބިޑަށް އެދި ހަބޭސް އިން ހުށަހެޅުމުން އެ ފުރުސަތު ހަބޭސްއަށް ލިބުނު ނަމަވެސް، މަސައްކަތުގެ ދާއިރާއަށް އައި ބަދަލެއްގެ ސަބަބުން، އޭރުކޮށްފައިވާ ބިޑް ކެންސަލް ކުރެވުނުކަން އެމީހުނަށް އަންގާފައިވާ ކަމަށެވެ.
އަދި އެހެން އެކަން އޮއްވާ، އަލުން ބިޑަށް ހުޅުވާލުމެއް ވެސް ނެތި، އަދި ކުރިން އޮޑިޝަނަށް ހާޒިރު ވެސް ނުވާ ބަޔަކު އެކަމަށް މިހާރު ހޮވާފައިވާ ކަން ހަބޭސްއަށް އެންގިފައިވާ ކަމަށާ، ހީވެސް ނުކުރާ ގޮތަކަށް މިކަން ބަދަލުކޮށްލުމަކީ އެ ގްރޫޕުގެ ނުހަނު ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމެއް ކަމަށް ވެސް ހަބޭސްގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން މިފަދަ ކަންކަމަށް ގާބިލް އެކަށޭނަ ބަޔަކު އިހްތިޔާރު ކުރުމުގައި، ހާމަކަން ބޮޑުކަމާއި އިންސާފުވެރިކަން ނެތް ކަމަށް މިހާރު ވަރަށް ބޮޑަށް ގަބޫލުކުރެވިފައިވާ ކަމަށް ބުނެ ހަބޭސްއިން ބުނެފައި ވަނީ، މިއީ ބޮޑުވެގެންވާ ކޮރަޕްޝަންގެ އަމަލެއްކަމަށް މިހާރު އެމީހުންނަށް ގަބޫލުކުރެވިއްޖެ ކަމަށެވެ.
މިކަމުގައި ހަބޭސް އިން އިތުރަށް ބުނެފައި ވަނީ، ދިވެހި ސަގާފަތަކީ 5 މީހަކު ގޮސްގެން ދެޖިންސު މަސްހުނިވެ، އުރައިގެން، ނުވަތަ ކޮނޑަށް އަރައިގެން ލަވަ ޖަހާފަ ނެށުން ކަމަށް ވާނަމަ ދިވެހި ސަގާފަތް ވަރަށް ނިކަމެތި ކޮއްލެވެނީ ކަމަށް އެމީހުން ދެކޭ ކަމަށެވެ.
އަދި ސްކޯޕް ބަދަލުވާކަން އެނގެން ވާނީ ބިޑު ކާމިޔާބުވެގެން ރޯދަމަހު މެންދުރު ގެންގޮސް އޮޑިޝަން ބާއްވާފަ އޭގެން ފާސް ވެފައި ވަނިކޮށް ނޫން ކަމަށާ، އިއުލާނު ކުރާ އިރު އެވަރު ނޭނގޭނަމަ އެއީ ވަރަށްބޮޑު މައްސަލައެއްކަމަށް އެމީހުން ދެކޭކަމަށް ހަބޭސް އިން ބުނެއެވެ.
އަދި ސަރުކާރުން އެކަމަށް ކޮންމެހެން ގެންދަން ބޭނުންވާ ވަކި ބަޔަކު ތިބިނަމަ، ބިޑަށް ހުޅުވާނުލި ނަމަވެސް، ކުރިން އެކަންކުރި ބީދައިން އެތެރެ އެތެރެއިން އެކަން ނިންމާލި ނަމަ އެހެން މީހުންގެ ވަގުތު ސަލާމަތް ކުރެވުނީސް ކަމަށް ދެކޭ ކަމަށް ވެސް ހަބޭސްއިން ބުނެއެވެ.
ހަބޭސްއިން މި ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، މި ސަރުކާރުގެ އެތެރޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެ، މިފަދަ އެތައް ކަންތައްތަކެއް އެއްވެސް ބިޑެއް ނުވަތަ ލިޔެކިޔުމެއް ފެންނަން ވެސް ނެތި ނިންމަމުން، މި ސަރުކާރުގެ މަތިފަޑީގައި ތިއްބެވި ބޭފުޅުންގެ ޖީބުތަކަށް ބައި އަޅުއްވަމުން އަންނަކަމުގެ ގިނަ ތުހުމަތު ތަކެއް އާންމުން އަންނަނީ ކުރަމުން ކަން ފާހަގަ ކޮށްލެވެއެވެ.