އެއް މިލިޔަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމުގެ ތެރެއިން.-- ފޮޓޯ: އެމްއެމްޕީއާރުސީ
ފަސްވަރަކަށް މަހުން މިލިޔަން ޓޫރިސްޓުން. ރެކޯޑެއް
ހިޝާމް ހާރޫން 7 ޖޫން 2025 (ހޮނިހިރު)   21:05
މި އަހަރުގެ މިހާތަނަށް އެއް މިލިޔަން ޓޫރިސްޓުންނަށް މަރުހަބާ ކިޔައި، މިދިޔަ އަހަރު ގާއިމުކުރި ރެކޯޑު މުގުރާލައިފި އެވެ.

މިއަދުގެ ވަގުތެއްގައި އެއް މިލިޔަން ވަނަ ޓޫރިސްޓުގެ ގޮތުގައި އައިސްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގް އެވެ. އޭނާ ރާއްޖެ އަށް ކުރި ފުރަތަމަ ދަތުރުގައި އިންޑިގޯއިން އޭނާ ޗުއްޓީ ހޭދަކުރުމަށް އައީ ފިރިމީހާއާ އެކު ބަނޑޮސް އައިލެންޑް ރިސޯޓަށެވެ.

އިންޑިއާއަކީ މިވަގުތު ރާއްޖެއަށް ހަ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް 56،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. މިދިޔަ އަހަރު ނިމުނު އިރު ވެސް އިންޑިއާ އޮތީ ރާއްޖޭގެ ހަ ވަނައިގަ އެވެ. އިންޑިއާ އަކީ 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ ގައުމެވެ.

ސިޔާސީ ގޮތުން ދެގައުމުގެ ދެމެދުގައި ހިނގި ނުތަވަސްތަކާ އެކު، އޭރު އިންޑިއާގެ ސޯޝަލް މީޑިއާގައި ރާއްޖޭގެ ބޮއިކޮޓް ކުރުމަށް ގޮވާލުމާ އެކު، އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް މަދުވި އެވެ. އެކަމަކު، އޭގެ ފަހުން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް، އަނެއްކާ ވެސް އިންޑިއާގެ ޓޫރިސްޓުން އިތުރު ކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ހާއްސަ ކެމްޕެއިންތަކެއް ހިންގަމުންނެވެ

މިދިޔަ އަހަރު ރާއްޖެއަށް އެއް މިލިޔަން ޓޫރިސްޓުން ހަމަވީ، ޖޫން މަހުގެ 27 ގަ އެވެ. އެއީ އެންމެ އަވަހަށް އެއް މިލިޔަން ޓޫރިސްޓުން ހަމަކުރި ރެކޯޑެކެވެ.

ނަމަވެސް، އޭގެ 20 ދުވަސް ކުރިން، މި އަހަރު އެއް މިލިޔަން ޓޫރިސްޓުން ހަމަކޮށް، މިދިޔަ އަހަރު ގާއިމުކުރި ރެކޯޑު ވަނީ މުގުރާލެވިފަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެއް މިލިއަން ޓޫރިސްޓުން އައި އިރު އެއީ މިދިޔަ އަހަރަށް ވުރެ 8 ޕަސެންޓުގެ އިތުރުވުމެވެ. މި ޖޫން މަހުގެ މިހާތަނަށް ވަނީ މިދިޔަ އަހަރަށް ވުރެ 18 ޕަސެންޓު އިތުރަށް ޓޫރިސްޓުން އައިސްފަ އެވެ. މި ވަގުތު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ޗައިނާ އާއި ރަޝިއާ އިން ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2.1 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

ކޮމެންޓް