މާލޭ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅަން ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އޭރުގެ މިނިސްޓަރު މަހުލޫފް ސޮއިކުރައްވަނީ.--
ކުޑަވެސް ހިއްސާއެއްނެތި ކަންކަމުގެ ކްރެޑިޓް މިސަރުކާރުން ނެގުމަކީ ލަދުވެތިކަމެއް
ހުޅުމާލޭގައި ސުވިމިން ޕޫލެއް އަޅަން މި ސަރުކާރުން ކުރި އެއްވެސް ކަމެއް ނޯންނާނެ - މަހުލޫފް
ޖުނާން އަޙުމަދު 10 އޭޕްރީލް 2025 (ބުރާސްފަތި)   08:35
އެތައް ބުރަ މަސައްކަތަކުން ކޮށްފައި ހުންނަ ބޮޑެތި މަސައްކަތުގެ ކުރެޑިޓް، ކުޑަވެސް ބައިބެރިވުމެއްނެތި މި ސަރުކާރުން ނަގަން އުޅުމަކީ ވަރަށް ލަދުވެތި އަދި އެހާމެ ހަޑިކަމެއް ކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަޙުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެންވިދާޅުވެ މީސްމީޑިއާގައި ޕޯސްޓްކުރައްވާފައި މިވަނީ، މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު، ސުވިމިން ޕޫލްގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގެން އެއީ މި ސަރުކާރުން ކުރާ ކަމެއް ކަމަށް ވިދާޅުވެ ދައުލަތުގެ މީޑިއާއަށް މި ހަފްތާތެރޭ އިންޓަވިއުއެއް ދެއްވާފައި ވަނިކޮށެވެ.

މިނިސްޓަރު ރާފިއުގެ ވާހަކައަށް ރައްދު ދެއްވައި އެކްސްގައި ޕޯސްޓް ކުރައްވަމުން މަހުލޫފް ވިދާޅުވީ ރާއްޖޭގައި ތަރައްގީ ކުރާ ފުރަތަމަ ބައިނަލްއަގުވާމީ ސުވިމިން ޕޫލަކީ މިސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ކުޑަވެސް މިންވަރަކަށް އޮތް މަސައްކަތެއް ނޫން ކަމަށެވެ.

ސްވިމިން ޕޫލްގެ މަސައްކަތާ ގުޅޭގޮތުން ކުރީސަރުކާރުގައި އެކި ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުންތަކުގެ ފޮޓޯތައް ވެސް ިއްސާކުރައްވާ މަހްލޫފް ވިދާޅުވެފައި ވަނީ މިސަރުކާރުން އެ މަސައްކަތަށް އެންމެ ރުފިޔާއެއްވެސް ހަރަދުކުރަން ނުޖެހޭނެ ކަމަށާ، އަދި އެންމެ ފުރަތަމަ މާލެއިން ކަނޑައެޅި ބިމުގައި އެމަސައްކަތް ކުރަން ޖާގަ ކުޑަވެ އެތައް މިލިއަން ރުފިޔާއެއް އަގުބޮޑުވާތީ ފަހުން ބިން ހަމަޖެއްސީ ވެސް ހުޅުމާލެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތައް އަހަރުތަކެއްގެ ބުރަ މަސައްކަތުން އެކަމަށް ހިނގާ ހަރަދު ކަށަވަރުކޮށް، ބޮޑު ސިންގާ ބިމެއް ކަނޑައަޅާ އަދި އެގްރީމަންޓުގައި ސޮއިކޮށް މިހުރިހާކަމެއް ފެށީ ކުރީގެ ސަރުކާރުން،" މަހުލޫފް ވިދާޅުވި އެވެ.

ސުވިމިން ޕޫލް އަޅަނީ ޗަމްޕާ ހުސައިން އަފީފްގެ ދީލަތި އެހީގައި ކަމަށް ވިދާޅު މަހްލޫފް ވިދާޅުވީ، ސުވިންމިން ޕޫލެއް އެޅުމަށް ހިނގާ ހަރަދު ހަމަޖައްސާދެއްވާނެ ކަމުގެ ޔަގީކަން ރައީސް ސޯލިހަށް އަދި ސުވިމިން އެސޯސިއޭޝަންގެ ރައީސް ސައްތާރަށް ވަރަށް ސާފުކޮށް އަފީފް އޮތީދެއްވާ އެފައިސާ ޔަގީންކޮށްދެއްވާފައި ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"މިކަމަށް ވޯލްޑް އެކުއާޓިކްސްގެ އެހީތެރިކަންވެސް ލިބޭ. މިމަސައްކަތުގައި އަޅުގަނޑާ އެންމެ ގާތުން އެހާމެ ބުރަކޮށް މަސައްކަތްކުރެއްވީ ސުވިމިންގް ރައީސް ސައްތާރު، އިސްމާއިލް، ޝާރިފް އަދި ސްޕޯޓްސް އަދި ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ވެރިން. އެތައް ބުރަ މަސައްކަތަކުން ކޮށްފައި ހުންނަ މިކަހަލަ ބޮޑެތި މަސައްކަތުގެ ކުރެޑިޓް، ކުޑަވެސް ބައިވެރިވުމެއްނެތި މިސަރުކާރުން ނަގަން އުޅުމަކީލަދުވެތި އަދި ހަޑިކަމެއް." މަހުލޫފް ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިފަހުން ދެވަނަ އަހަރު ހިނގަމުން ދާއިރު ވެސް މާގިނަ މަޝްރޫއުތަކެއް ނުހިންގި ވެރިކަމުގެ ހިންގުން ދޯހަޅިވެ، ގިނަރައްޔިތުންތަކެއްގެ ފާޑުކިޔުން އަމާޒުވަމުން އަންނަން ފެށުމުން ކުދިކުދި އާބާދީ ދިރިއުޅޭ ރަށްރަށުގައި އޭޓީއެމް ބެހެއްޓުން ފަދަ ކަންކަމަކީ ވެސް ބޮޑެތި މަޝްރޫއުތަކަކަށް މި ސަރުކާރުން ހަދާފައިވާ ކަމުގެ ފާޑުކިޔންތައް ވެސް މި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކޮމެންޓް