މިނިސްޓަރު ރާފިއު ރޭގެ ހަފްލާގައި ވާހަކަފުޅު ދައްްކަވަނީ - ފޮޓޯ:އެމްއޯސީ
އެކަށީގެންވާ ވަސީލަތް ނެތުމަކީ ކުޅިވަރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން
ޖުނާން އަޙުމަދު 20 ފެބްރުއަރީ 2025 (ބުރާސްފަތި)   12:58
އެކަށީގެންވާ ކުޅިވަރު ވަސީލަތްތައް ނެތުމަކީ ރާއްޖޭގެ ކުޅިވަރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

އެމްއޯސީ (މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ) ގެ ފަރާތުން ރޭ ހެންވޭރު މީރުމާ އިވެންޓްސްގައި ބޭއްވި އެކޮމެޓީގެ އަހަރީ އާއްމު ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން، މިދިޔަ އަހަރަކީ އެމްއޯސީގެ ވެސް އަދި ރާއްޖޭގެ ކުޅިވަރަށް ވެސް ޖުމްލަކޮށް ކާމިޔާބު އަހަރެއްކަން ފާހަގަކުރައްވާ މިނިސްޓަރު ޢަބްދުﷲ ރާފިއު ވިދާޅުވީ، މި އަހަރަކީ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމުގައި ތަފާތު ދައްކާނެ އަހަރަކަށް ހަދައިދޭނެ ކަމަށެވެ.

އުންމީދަކީ ސަރުކާރާއި އެމްއޯސީގެ އިތުރުން އެހެނިހެން ކުޅިވަރު އިދާރާތައް ވެސް ގުޅިގެން އިތުރަށް ކުޅިވަރު ކުރިއަރުވަން މަސައްކަތް ކުރުން ކަމަށާ، އަދި އިތުރު ފުރުސަތުތަކަށް އެ ވުޒާރާއިން އަބަދު ވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު ވަސީލަތްތަކެއް ނެތުން ކަމަށް ވިދާޅުވެ މިނިސްޓަރު ދެއްކެވި ވާހަކައިގައި، ރައީސް މުޙައްމަދު މުއިއްޒުގެ ލަފާފުޅާއެކު، ކުޅިވަރުތަކަށް އެކަށީގެންވާ ވަސީލަތްތަކާއެކު ރަނގަޅު ފަންނީ މީހުންގެ ލަފަ އާއި އިރުޝާދު ލިބޭނެ މަގުވެސް ސަރުކާރުން ފަހިކޮށްދޭނެ އަހަރަކަށް މިއަހަރު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަދި އެ ވަސީލަތްތައް ތަރައްގީ ކުރުމުގައި އެސޯސިއޭޝަންތަކަށް ހަމަހަމަ ފުރުސަތު ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ މިނިސްޓަރު ރާފިއު ވިދާޅުވީ، މިއަހަރު މަސައްކަތް ފަށަން ބަޖެޓްކޮށްފައިވާ ހައި ޕާފޮމަންސް ސެންޓަރަކީ ކުޅިވަރުގެ އެންމެ މަތީ ފަންތީގެ ކާމިޔާބީ ހޯދުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހައި ޕާފޮމަންސް ސެންޓަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ ތަފުސީލުތައް ފާހަގަކޮށް "ކޮންސެޕްޓް ޕޭޕާ" މިހާރު އެކުލަވާލެވިފައިވާ ކަމަށްވެސް މިނިސްޓަރު ރާފިއު ރޭގެ ހަފްލާގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް