ކުރީގެ މިނިސްޓަރު މަހުލޫފް، ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަންނަވަނީ.-- ފޮޓޯ: މަޖިލިސް
މަސައްކަތް ކުރީ ރަނގަޅަށް، އޮޑިޓުގައި ހުރި މައްސަލަތަކާ ގުޅުމެއް ނެތް - މަހުލޫފް
ޖުނާން އަޙުމަދު 28 މޭ 2025 (ބުދަ)   23:48
ކުރީ ސަރުކާރުގެ ޔޫތު އެމްޕަވަމަންޓް ކޮމިއުނިޓީ އެންޑް ސްޕޯޓްސް މިނިސްޓްރީން މަސައްކަތްކުރީ ރަނގަޅަށް ކަމަށާއި، އޮޑިޓު ރިޕޯޓުގައި ތަހުގީގުކުރަން އެންގި ދެ މައްސަލައާ އެއްވެސް ގުޅުމެއް ނެތްކަމަށް ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ދާދިފަހުން ވަނީ ސްޕޯޓްސް މިނިސްޓްރީގެ 2018 އިން 2023އަށް ކުރި ޚަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓް އާންމުކޮށްފައެވެ. ކުޅިވަރު އެސޯސިއޭޝަންތަކާއި ދަނޑުތަކާއި މަސައްކަތްތަކުގެ ޚަރަދުތަކާ ގުޅޭ ކޮރަޕްޝަނުގެ ގިނަ ކަންތައްތަކެއް އެ އޮޑިޓް ރިޕޯޓުގައި ވަނީ ހާމަކޮށްދީފައެވެ.

އޭގެ ތެރޭގައި 16 ކުޅިވަރު އެސޯސިއޭޝަނަކަށް 2018ވަނަ އަހަރުން ފެށިގެން 36.6 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އޭގެ އެއްވެސް ލިޔެކިޔުމެއް ނެތް ކަމާއި، މަޝްރޫއަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓް ކޯޑު ނޫން އެހެން ކޯޑެއްގައި ޚަރަދު ރިކޯޑުކޮށްފައިވުމާއި، ޚަރަދުކުރި ނަމަވެސް ބައެއް ޔޫތު ސެންޓަރުތައް ބޭނުންކޮށްފައި ނެތުމުގެ މައްސަލަ ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ކަންކަމަށް ވަކިން ރައްދު ދެއްވައި ސޯޝަލް މީޑިއާގައި މަހުލޫފު އާންމުކުރެއްވި މައުލޫމާތުގައި ވިދާޅުވީ، އެންމެ ގިނަ މަޝްރޫއުތައް ހިންގި އެއް ތަނަކީ ސްޕޯޓްސް މިނިސްޓްރީ ކަމަށްވާއިރު، އޮޑިޓުގައި އެ ތަނާ ގުޅުމެއް ވެސް ނެތް ދެ މައްސަލައެއް ފާހަގަކޮށްފައިވުމަކީ، މިނިސްޓްރީގެ މުވައްޒަފުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ހެއްކެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ދައުރުގެ ކޮންމެ އަހަރެއްގައި ވެސް އެ މިނިސްޓްރީ އޮޑިޓްކޮށްފައިވެއެވެ. އެހެން ނަމަވެސް އެއްވެސް ފަހަރަކު ކަމެއް އިސްލާހުކުރަން ރަސްމީކޮށް އަދި ނުރަސްމީކޮށް ވެސް އެ ތަނަށް އެއްވެސް ލަފައެއް ދީފައެއް ނެތެވެ. އަދި 2023ވަނަ އަހަރުގެ އެންމެ ފަހު ބައްދަލުވުމުގައި ވެސް ބޮޑެތި މައްސަލަތަކެއް އެ މިނިސްޓްރީގައި ނެތް ކަމަށް އޮޑިޓަރުން މައުލޫމާތު ދީފައިވާ ކަންވެސް މަހުލޫފު ފާހަގަކުރައްވާފައި ވެއެވެ.

"ފުރަތަމަ ކަމަކަށް އޮޑިޓް ރިޕޯޓު އަހަރުން އަހަރަށް ނެރެން އެބަޖެހެއެވެ. ފަހަރުގައި އެކަން ނުވަނީ ބަޖެޓު ނެތިގެން ނަމަވެސް، ހަތް އަހަރު ފަހުން 576 ޕްރޮޖެކްޓު ހިންގި މިނިސްޓްރީއެއްގެ އޮޑިޓް ރިޕޯޓު ނެރޭނަމަ، ކަމެއް އިސްލާހުކުރަން ވެސް ފުރުސަތު ނުލިބޭނެއެވެ. ރައީސް ނޫނީ ވަޒީރަށް ފިޔަވަޅެއް އަޅަން ފުރުސަތެއް ނުލިބޭނެއެވެ. އަދި ރިޕޯޓު ނިންމާއިރު މައުލޫމާތު ދޭން ތިބޭނީ އަލަށް އުފެދޭ ސަރުކާރެއްގެ ބައެއްކަމުން އެންމެ ފުރިހަމަ މައުލޫމާތު ދޭނެކަމަށް ގަބޫލެއްނުކުރެވެއެވެ. ލިޔެކިއުން ފުރިހަމަކޮށްދޭނެކަމަށް ނުދެކެމެވެ،" މަހުލޫފް ލިޔުއްވާފައިވެއެވެ.

އޮޑިޓް ރިޕޯޓް އަމާޒުކޮށްފައިވާ މުއްދަތުގައި ތިން ސަރުކާރަކުން ތިން ރައީސަކު ވެރިކަން ކޮށްފައިވާކަން މަހުލޫފް ވަނީ ފާހަގަކުރައްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެސް ހިމެނޭހެން ނެރެފައިވާ އޮޑިޓު ރިޕޯޓުގައި، ވަރަށް ބޮޑަށް އޮޅުން އަރާފަދަ މައުލޫމާތުތައް ހުރި ކަމަށް މަހުލޫފް ވިދާޅުވެއެވެ.

އޮޑިޓް ރިޕޯޓްގައި ތަހުގީގު ކުރަންޖެހޭ ދެކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ، ފުޓުބޯޅަ ސްކޫލާއި އެ މިނިސްޓްރީން ގަނެފައިވާ ވެހިކަލެއްގެ މައްސަލަ އެވެ. މަހުލޫފް ވިދާޅުވީ އޭގެ ތެރެއިން ފުޓުބޯޅަ ސްކޫލަކީ، މިދިޔަ ވެރިކަމުގެ ކުރީން ވެސް ފެށިފައިވާ މަސައްކަތެއް ކަމަށެވެ. އަދި ވެހިކަލް ގަތުމުގެ މައްސަލައިގައި އަންގާފައިވަނީ ކޮންޓްރެކްޓަރު އޮޅުވާލައިގެން އައު ވެހިކަލެއް ގޮތަށް ވިއްކާފައިވާތީ ކޮންޓްރެކްޓަރުގެ މައްސަލަ މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމަށް ކަމަށާއި، އެ ކަމުގައި ވެސް މިނިސްޓްރީގެ މައްސަލައެއް ނެތް ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި މިނިސްޓްރީން ހިންގާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް، މިނިސްޓްރީން ހިއްސާކޮށްފައިވާ އެކްސެލް ފައިލެއްގައި ބައެއް މައުލޫމާތުތައް ފުރިހަމަނުވުމަކީ، ޕްރޮޖެކްޓެއް ހިންގަން ބޭނުންވާ ލިޔެކިއުން ފުރިހަމަ ނުވުމެއް ނޫނެވެ. ނޫނީ ލިޔެކިއުން ނެތުމެއް ވެސް ނޫނެވެ. ލިޔެކިއުން ގަސްތުގައި ފުރިހަމަނުކޮށް މުވައްޒަފުން މަސައްކަތެއްކޮށްފައި ހުންނާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައެއް ޔޫތު ސެންޓަރުތައް ނުބެލެހެއްޓޭކަން އޮޑިޓުން ފާހަގަކޮށްފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއިއެކު ޔޫތު ސެންޓަރުންތައް ހިންގުންވަނީ ކައުންސިލްތަކާ ހަވާލުކޮށްފައި ކަންވެސް މަހުލޫފް ފަހަގަކުރައްވާފައި ވެއެވެ.

މަހުލޫފް ވިދާޅުވީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮށްފައިވާ ޚަރަދުތަކަކީ، އެ މިނިސްޓްރީގެ ކުރީގެ ޚަރަދު ތަފްސީލެއް ކަމަށެވެ. މިނިސްޓްރީއިން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ފައިސާ ދޫކުރަމުން ގެންދާނީ، ޚަރަދު ތަފްސީލު މިނިސްޓްރީއަށް ހުށަހަޅާގޮތަށް ކަމަށާއި، އެ ތަފްސީލު ލިޔުމުން ފެންނަން ހުންނާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެކި މަސައްކަތް ވަކިވަކިން ކުރިއަށް ގެންދިޔުމަކީ، ދައުލަތަށް ގެއްލުން ހުރި ކަމެއްގެ ގޮތުގައި އޮޑިޓްގައި ފާހަގަކޮށްފައިވާތީ މަހުލޫފް ވަނީ އެކަމަށްވެސް ރައްދު ދެއްވާފައެވެ.

"ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތުގެ ސަބް ބޭސް އަދި ޓާފްގެ މަސައްކަތް ވަކިވަކިން އިއުލާން ކޮށްގެން މަސައްކަތް ކޮށްފައިވާނީ، ވަކިވަކިން މަސައްކަތްކުރުމަށް ޤާނޫނުން އެޖާގަލިބޭކަމަށް ގަބޫލުކުރެވޭތީއެވެ. އަދި އެދެމަސައްކަތް އެއްކޮށް ކުރަން އިއުލާނު ކުރުމުން ލިބުނު އަގަށްވުރެ ހެޔޮއަގުގައި ދައުލަތަށް ފައިދާވާގޮތަށް ވަކިވަކިން މަސައްކަތްކުރެވޭތީއެވެ. އަދި ގިނަ މަސައްކަތްތަކެއް އަވަހަށް ކުރެވޭތީއެވެ. މިސަރުކާރުންވެސް ވަކިވަކިން އެމަސައްކަތް ކުރިއަށްއެގެންދަނީ އެސަބަބާހެދިކަމަށް ގަބޫލުކުރެވެއެވެ." މަހުލޫފް ލިޔުއްވާފައި ވެއެވެ.

މީގެ އިތުރުން ވެސް އޮޑިޓު ރިޕޯޓުގައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ބައެއް ފިކްސްޑް އެސެޓު ގެއްލިފައިވާ ކަމަށް ފާހަގަކޮށްފައެވެ. މަހުލޫފް ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ، މި ސަރުކާރުން ޔޫތާއި ސްޕޯޓްސް މިނިސްޓްރީ ވަކިކުރިއިރު ގެއްލިގެން މީޑިއާގައި ވެސް ރިޕޯޓުކުރި ބައެއް ސަމާނުތަކުގެ ވާހަކައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސާލިހްގެ ސަރުކާރުގައި، މަހުލޫފްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމުގައި އެ މިނިސްޓްރީން 576 މަޝްރޫއު ވަރަށް ބާރަށް ކުރިއަށް ގެންދިޔައިރު، އޭގެ ތެރޭގައި އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ. އަދި ކޮރަޕްޝަންގެ މައްސަލައެއް އޮތް ނަމަ ތަހުގީގުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް