އިލެކްޝަންސް ކޮމިޝަންގެ މެންބަރުން.-- ފޮޓޯ: އީސީ
ވަގު ފޯމްތަކަށް ބެލުމެއްނެތި ޕީއެންސީއަށް 13.32 މިލިޔަން ދޭން ނިންމައިފި
ޖުނާން އަޙުމަދު 10 އޭޕްރީލް 2025 (ބުރާސްފަތި)   15:27
ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގައި އެތައް ބަޔަކަށް ނޭނގި އެމީހުންގެ މައުލޫމާތު ބޭނުންކޮށްގެން ވަގަށް ޕާޓީއަށް ވެއްދި އެތައް ހާސް މީހުން ވެސް ހިމަނައިގެން އެ ޕާޓީއަށް 13.32 މިލިޔަން ރުފިޔާ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިއަދު އީސީން އިއުލާންކުރި ގޮތުގައި މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގެ އާމްދަނީން ސިޔާސީ ޕާޓީތަކަށް ދޫކުރާ 0.01 ޕަސެންޓަށް ޖެހެނީ ޖުމުލަ 27،981،256 ރުފިޔާ އެވެ. އިލެކްޝަންސްއިން ޕާޓީތަކަށް ފައިސާ ދޫކުރަން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31، އާ ހަމައަށް ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައިގެންނެވެ.

އެ އަދަދަށް ބަލާއިރު، އެންމެ ގިނަ ފައިސާ ލިބެނީ ޑިސެމްބަރުގެ ނިޔަލަށް 68،968 މެންބަރުން ތިބި ޕީއެންސީއަށެވެ. ކޮންމެ މެންބަރެއްގެ ބޮލަށް 193.23 ރުފިޔާގެ މަގުން ޕީއެންސީއަށް 13.32 މިލިޔަން ރުފިޔާ ލިބެ އެވެ. އެ ޕާޓީއަށް އީސީން ފައިސާ ދޫކުރާނީ ނުދައްކާ އޮތް 10،000ރ. ގެ ދަރަނި އުނި ކުރުމަށްފަހު އެވެ.

ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބި އެމްޑީޕީއަށް ލިބެނީ 8.45 މިލިޔަން ރުފިޔާ އެވެ. ޑިސެމްބަރުގެ ނިޔަލަށް އެމްޑީޕީގައި ތިބީ 43،755 މެންބަރުންނެވެ. ތިންވަނައަށް އެންމެ ގިނަ ފައިސާ ލިބެނީ 13،826 މެންބަރުން ތިބި ޖުމްހޫރީ ޕާޓީއަށެވެ. އެޕާޓީއަށް ލިބެނީ 2.67 މިލިޔަން ރުފިޔާއެވެ.

your imageޕާޓީތަކަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތް

ވަގު ފޯމުތައް ވެސް ހިމަނައިގެން ޕީއެންސީއަށް ފައިސާ ދޫކުރަން އީސީން ނިންމާފައިވާއިރު، ވަގު ފޯމު ފުރައިގެން ޕާޓީއަށް މީހުން ވެއްދި ކަމަށް ޕީއެންސީން ވެސް ވަނީ އިއުތިރާފުވެފަ އެވެ. އަދި ގާނޫނާ ހިލާފަށް ޕީއެންސީގެ މެންބަރު ފޯމުތައް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ އޮފީހުގައި ފުރި ކަމަށް ހޯމް މިނިސްޓަރު ވެސް ވަނީ މަޖިލީހުގައި އިއުތިރާފުވެވަޑައިގެންފަ އެވެ.

ޕީއެންސީއަށް ވަގަށް މެންބަރުން ވެއްދި މައްސަލަ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ފުލުހަށް ވެސް ހުށަހެޅި އެވެ. އަދި އެ މުއައްސަސާއިން އެ މައްސަލަ ތަހުގީގު ވެސް ކުރަން ފެށި އެވެ. ނަމަވެސް އެ ތަހުގީގު ތަފުސީލެއް ފަހުން ފުލުހުން އާންމެއް ނުކުރެ އެވެ.

ކޮމެންޓް