ދެހާހުގެ އަހަރުތަކުން ފަށާނަމަ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ރަޖިސްޓްރީ ކޮށްދެއްވުން އެދި 2001 ވަނަ އަހަރުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅިއެވެ. ރާއްޖޭގެ ތަފާތު ދާއިރާތަކުގައި ފާހަގަކުރެވޭ 42 ބޭފުޅަކު ސޮއިކުރައްވައި ހުށަހެޅުއްވި ލިޔުމަށް ސަރުކާރުން ދެއްވި ޖަވާބަކީ ގާނޫނުއަސާސީން އެކަމަށް ފުރުސަތު ނުދޭކަމަށެވެ. އަދި ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގުމާ ގުޅޭގޮތުން، 2001 ޖޫން 17 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 47 މެންބަރުންގެތެރެއިން 43 މެންބަރުންގެ އަޣުލަބިއްޔަތުން ނިންމެވީ ރާއްޖޭގައި ސިޔާސީ ޕާޓީ ހަދައި ހިންގަން ހުއްދަ ދޭން ނުފެންނަކަމަށެވެ.
އޭގެފަހުން ތަފާތު ގޮތްގޮތަށް އާންމުން ކުރި މަސައްކަތުންނާއި ބައިނަލްއަގްވާމީ މުޖްތަމަޢުން ދިން ސަމާލުކަމުގެ ސަބަބުން ރާއްޖޭގައި ސިޔާސީ ޕާޓީތައް ހުއްދަވެދާނެ ކަމުގެ ފެހި ސިގްނަލް ފެންނަން ފެށިއެވެ.
1998 ވަނަ އަހަރުންފެށިގެން އަމަލުކުރަންފެށި ޤާނޫނުއަސާސީގެ ދަށުން ސިޔާސީ ޕާޓީ އުފައްދައި ހިންގުމަށް ފުރުޞަތު ނުދޭކަމަށް އޭރުގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީ ލަފާ ދެއްވައިފައި ވީނަމަވެސް، 2003 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަދުވަހު ބަންޑާރަ ނައިބު ކަމުގެ ހުވާކުރެއްވި ޑރ.ހަސަން ސައީދު ދެއްވި ގާނޫނީ ލަފާ މުޅިން ތަފާތެވެ. 11 މެއި 2005 ގައި ޑރ.ހަސަން ސައީދު، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި ގާނޫނީ ލަފާގައި ބަޔާންކުރައްވާފައިވަނީ ސިޔާސީ ޕާޓީ ހަދައި ހިންގުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށާއި ސިޔާސީ ޕާޓީ އެކުލަވައި ޕާޓީ ހަރަކާތްތެރިވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ދިވެރި ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤެއް ކަމުގައި ބެލެވޭ ކަމަށެވެ. ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ހެދުމީ، ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ދެމެހެއްޓުމާއި އާންމު މަޞްލަޙަތު ހިފެހެއްޓުމަށްޓަކައި ޤާނޫނު މަނާ ނުކުރާހާ ހިނދަކު، މިނިވަންކަން ލިބިގެންވާ ކަމެކެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން 2001 ވަނަ އަހަރު ނިންމަވާފައިވާ ނިންމެވުން އަލުން މުރާޖަޢާ ކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ސަރުކާރުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއެވެ. މިމައްސަލަ އެޖެންޑާ ކުރެވުނީ 2005 ޖޫން 2 ވާ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށެވެ.
2005 ޖޫން 2 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރާއްޖޭގައި ސިޔާސީ ޕާޓީ ހުއްދަ ކުރަން ފެނޭތޯ ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ފޮނުއްވި މައްސަލާގައި މެންބަރުން ބަހުސް ކުރެއްވިއެވެ.
ސަރުކާރުން މަޖިލީހަށް ހުށަހެޅި މި މައްސަލައިގެ އިތުރު މައުލޫމާތު ދެއްވުމުގެ ގޮތުން، ވާހަކަ ދެއްކެވުމުގެ ފުރަތަމަ ފުރުސަތު އެރުވީ ބަންޑާރަނައިބު ޑރ.ޙަސަން ސައީދަށެވެ.
"ޝައްކެއްނެތް ގޮތުގައި މިއަދު މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅިފައި މިއޮތީ ވަރަށް މުހިންމު މައްސަލައެއް. މި މައްސަލައިގައި ޢިއްޒަތްތެރި މަޖިލީހުން ލަފާދޭގޮތަކުން ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުމުޅިން ބަދަލުވެގެންދާނެ ކަމާ މެދުގައި އެއްވެސް ޝައްކެއް ނެތް. ދިވެހިރާއްޖޭގެ ތާރީޚުގައި މިއަދު މި ނިންމެވޭގޮތެއް މި ޢިއްޒަތްތެރި މަޖިލީހުން މި މައްސަލައިގައި ނިންމާގޮތެއް އިރާދަކުރެވިއްޔާ ވަރަށް ރަނގަޅު ގޮތަކަށް ފާހަގަކޮށް ތާރީޚު ލިޔުއްވާބޭފުން ފާހަގަކުރާނެ." ޑރ. ހަސަން ސައީދު ވިދާޅުވިއެވެ. "އަޅުގަނޑު ބަލައިލަން ބޭނުންވަނީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް މިހާރު ޤާނޫނުއަސާސީ އޮތްގޮތައް ހިންގިދާނެތޯ. އެގޮތުން ބަލާއިރުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން 27 ވަނަ މާއްދާގެ ދަށުން ޖަމްއިއްޔާ ޖަމާޢަތް ހެދުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިދޭ. އޭގައި ވަކި ސިޔާސީ ޕާޓީގެ ވާހަކައެއް ނޯވޭ. އެކަމަކު ދުނިޔޭގެ އަޅުގަނޑުމެން ދިރާސާ ކުރި ގިނަ ޤައުމުތައް ގާތްގަނޑަކަށް 180 ވަރަކަށް ޤައުމު ބަލައިލި އިރުގައި އޭގެ ¾ ބައި ޤައުމުތަކުގެ ސިޔާސީ ޕާޓީގެ ވާހަކައެއް ސާފުކޮށް ޤާނޫނުއަސާސީއަކުނޯވެ. ޢާއްމުކޮށް މި އޮންނަނީ ޖަމްޢިއްޔާ އާއި ޖަމާޢަތްތަކުގެ މިނިވަންކަން އެ މިނިވަންކަމުގެ ތެރޭގައި ސިޔާސީ ޕާޓީ ހިމެނޭ ގޮތައް ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބަލަމުން މިއަންނަނީ. އަދި އެއްވެސް ގޮތަކަށް ސިޔާސީ ޕާޓީއަށް ޤާނޫނުއަސާސީ ހަވާލާނުދޭ ޤައުމުތަކުގައިވެސް ސިޔާސީ ޕާޓީތައް އޮޕަރޭޓް ކުރޭ. އެހެންވީމާ، މިހާރު ޤާނޫނުއަސާސީގެ ސިޔާސީ ޕާޓީއަކަށް ވަކިން ހަވާލާދެވިފައި ނެތުމުން އެއީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އޮޕަރޭޓް ކުރުމަށް އޮތް ހުރަހެއް ކަމަކަށް އަޅުގަނޑު ނުދެކެން."
ހެނދުނު 9:00 ގައި ފެށި ޖަލްސާ ނިމެން ކައިރިވުމުން، 12 ޖެހުމުގެ ކުރިން ނިންމެވީ މި މައްސަލަ ޖަލްސާގައި ނިމެންދެން ކުރިއަށް ގެންދަން ފެނޭތޯ އެވެ. މި މައްސަލަ މި ޖަލްސާގައި ވަކި ގޮތަކަށް ނިންމެވުމަށް ހުރިހާ މެމްބަރުން ވެސް ބޭނުންވުމާއެކު ޖަލްސާ ކުރިއަށްގެންދިޔައެވެ.
ހަތަރު ގަޑިއިރު ބަހުސް ކުރިއަށް ގެންދިޔައިރު ވަރަށް ގިނަ މެންބަރުން ވާހަކަ ދެއްކެވިއެވެ. ހުރިހާ މެންބަރުންވެސް ވާހަކަ ދެއްކެވީ ރާއްޖޭގައި ސިޔާސީ ޕާޓީ ނިޒާމަށް ފުރުސަތު ދޭން ފެންނަ ކަމަށެވެ. އޭގެތެރޭގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންވެސް ވާހަކަ ދެއްކެވީ ޕާޓީ ނިޒާމަށް ތާއީދު ކުރައްވައެވެ. އޭގެ ތެރޭގައި އޭގެ ތިން އަހަރެއްހާ ދުވަސްކުރިން ޕާޓީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަވައި ޕާޓީ ހިންގަން ފުރުސަތު ދިނުމާ ދެކޮޅަށް ވޯޓް ދެއްވި ބޭފުޅުންވެސް ހިމެނުނެވެ.
ބަހުސްގެ ވަގުތަށް ފަހު، މައްސަލައާމެދު ގޮތެއް ނިންމެވުމަށް ވޯޓަށް އެއްސެވިއެވެ. "ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިރައްޔިތުން ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ހެދުމަށް ލިބިދޭ މިނިވަންކަމުގެ ތެރޭގައި، ސިޔާސީ ޕާޓީ އުފައްދައި ހިންގުމަށް ފުރުޞަތު ދެއްވުމަކީ، ރަތްޔިތުންގެ މަޖިލީހަށް ފެނަވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ދެންނުވުމަށް ފެނިވަޑައިގަންނަވާތޯ"
ސާޅީސްހަ މެމްބަރުން ވަޑައިގެންނެވި ޖަލްސާގެ އިއްތިފާގުން ރާއްޖޭގައި ސިޔާސީ ޕާޓީ ހުއްދަކުރަން ފެންނަ ކަމަށް ރައީސަށް ދަންނަވަން ފާސްކުރެއްވިއެވެ. "ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހި ރައްޔިތުން ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ހެދުމަށް ލިބިދޭ މިނިވަންކަމުގެ ތެރޭގައި، ސިޔާސީ ޕާޓީ އުފައްދައި ހިންގުމަށް ފުރުޞަތު ދެއްވުމަކީ، ރައްޔިތުންގެ މަޖިލީހަށް ފެނަވަޑައިގަންނަވާ ކަމެއްކަމުގައި މަޖިލީހުގެ އިއްތިފާޤުން ފާސްވީ" ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޙުމަދު ޒާހިރު، އިއުލާން ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޭރު ލައިވް ނުކުރާތީއާއެކު، މި ޖަލްސާ އަޑުއެހުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ އާންމުން މަޖިލިސްކުރާ ގޭ ކައިރިއަށް ޖަމާވިއެވެ. ކިޔޫ ތަރުތީބުން ވަކިއަދަދަކަށް އާންމުން ވެއްދި މިޖަލްސާ އަޑުއަހަން ނުވަދެވި ގިނަ ބަޔަކު މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދުގެ މަގުތަކުގައިވެސް ތިއްބެވެ.
މިއަދު މިއީ އޭގެ 20 އަހަރު ފަހެވެ. މިއަދު ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެކެވެ. ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. ގާނޫނާއި ގަވާއިދުތައް ހުރީ އެކަމަށް ހެދިފައެވެ. ޕާޓީ ނިޒާމުގެތެރެއިން ސިޔާސީ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. ވެރިކަމަށް އަންނަނީވެސް އަދި އިދިކޮޅު ހަރަކާތްތައް ހިންގަނީވެސް ސިޔާސީ ޕާޓީ ނިޒާމުގެ ތެރެއިންނެވެ.