އެކަން ހާމަކުރައްވާ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން، އިލެކްޝަން ކޮމިޝަންގެ މިހާރުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލާ އިންތިހާބުކަމަށް ވާތީ އެ އިންތިހާބަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
އަދި ގާނޫނާއި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވެ އެބޭފުޅާ ވިދާޅުވީ، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުން އެބަ އަންނަ ކަމަށެވެ.
ކުރީގެ އިންތިހާބުތަކާއި މި އިންތިހާބާ އަޅާބަލާ އިރު، މި އިންތިހާބުގައި ޑިޖިޓަލައިޒްކޮށްގެން ހަރަދު ކުޑަކޮށް ކުރެވޭނީ ކޮންކޮން ކަންކަމެއްތޯ ބެލުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށާ، އެގޮތުން މި އަންނަ އިންތިހާބުގައި ވޯޓުލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލްކޮށް، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދުމުގެ މަސައްކަތްތައް ވެސް އޭގެތެރޭގައި ކުރަމުން އަންނަ ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބަށް ތައްޔާރުވާ އިރު އީސީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ.