މާފަރު އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ތިރިކުރަނީ - ފޮޓޯ:ފިޔެސް
މޯލްޑިވިއަނުން މާފަރު އެއާޕޯޓް ރަނގަޅަށް އޮޕަރޭޓް ނުކުރެވި އަގުތައް މައްޗަށް
ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށްޓަކައި ހާއްސަ ޕެޓިޝަނެއް މިހާރު ދަނީ ތައްޔާރުކުރެވެމުން
ފިޔެސް 22 އޭޕްރީލް 2025 (އަންގާރަ)   12:04
މޯލްޑިވިއަނުން މާފަރު އިންޓާނޭޝަނަލް އެއަޕޯޓަށް ފްލައިޓް އޮޕަރޭޓުކުރުމަށް ނުކުޅެދި ޓިކެޓުގެ އަގުތައް އިންތިހާއަށް މައްޗަށް ދާކަމުގެ ކަންބޮޑުވުން ނ.އަތޮޅުގެ ރައްޔިތުން ކުރަންފަށާއިފިއެވެ.

ފިޔެސްއާ މައުލޫމާތު ހިއްސާކުރި ނ.އަތޮޅުގެ ރައްޔިތަކު ބުނެފައި ވަނީ، މޯލްޑިވިއަނުން މާފަރު އިންޓާނޭޝަނަލް އެއަޕޯޓަށް ފްލައިޓް އޮޕަރޭޓުކުރުމުގައި ހުރި މައްސަލަތަކުގެ ހައްލެއްގެ ގޮތުން އެ އެއާޕޯޓަށް މަންތާއެއާ އިން ފްލައިޓް އޮޕަރޭޓުކުރުމުގެ ހުއްދަ ހޯދަން އެތައް މަސައްކަތެއް މިހާރު ކުރެވިއްޖެ ކަމަށާ، ނަމަވެސް އެ އެއާޕޯޓް އޮޕަރޭޓްކުރާ މޯލްޑިވިއަންގެ ފަރާތުން އެ ހުއްދަ ދީފައިނުވާކަމަށެވެ.

އަދި މިކަމަކީ ނ. އަތޮޅުގެ ރައްޔަތުންނަށް ނުހަނު ބޭނުންޖެހިފައިވާ ކަމެއް ކަމަށާ، މިހާރު ވެސް މާފަރު އެއަރޕޯޓަށް ދުވާލަކު 1 ފްލައިޓް އޮޕަރޭޓް ކުރާތާ އެތަށްދުވަހެއް ވީއިރު، މިއީ ނ. އަތޮޅުގެ ރައްޔަތުންގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ދެވޭނެ މިންވަރު ނޫންކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، މޯލްޑިވިއަނުން މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ޕްރިމިއަމް އިކޮނޮމީ ކްލާސް ތައާރަފްކުރުމާއި އެކު، އެނޫން ކުލާހަކުން ޓިކެޓް ލިބުން ދަތިވެފައިވާ ކަމަށާ، އެކަމުގެ ސަބަބުން، ކުރިން 1377 ރުފިޔާޔަށް ކުރި ދަތުރު 1699 ރުފިޔާޔަށް ބޮޑުވެފައިވާއިރު، އަލަށް ތާރަފްކުރި ޕްރިމިއަމް އިކޮނޮމީ ޓިކެޓްގެ އަގު މިވަނީ 1918 ރުފިޔާއަށް އަރާފައެވެ.

އެހެންކަމުން މޯލްޑިވިއަނުން ހިދުމަތް ދިނުމަށް ނުކުޅެދިފައިވީނަމަވެސް މަންތާއިން އެކި ގޮތްގޮތުން މާފަރަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މިހާތަނަށް އެ ހުއްދަ ދީފައިނުވާކަމީ ނ. އަތޮޅުގެ ގިނަ ރައްޔިތުންނެއްގެ ކަންބޮޑުވުން އެކަމުގައި އޮތް ކަމެއްކަން ފާހަގަކޮށްލެވެއެވެ.

"މޯލްޑިވިއަންގެ މޭނޭޖްމަންޓަށާއި، ދިވެހި ސަރުކާރަށް މި ގޮވާލަނީ ވީ އެންމެ އަވަހަކަށް މަންތާ އެއަރ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮޕަރޭޓްކުރުމުގެ ހުއްދަދީ، މޯލްޑިވިއަނުން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް، ޓިކެޓުގެ އަގު ރައްޔިތުންނަށް އަތްފޯރާ ފަށަށް ތިރިކޮށްދިނުމަށް." މީސްމީޑިއާގައި ޝުއޫރު ފާޅުކޮށްފައިވާ ނ.އަތޮޅުގެ ރައްޔިތަކު ބުނެފައިވެއެވެ.

މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހާއްސަ ޕެޓިޝަނެއް ވެސް މިހާރު ތައްޔާރުކުރެވެމުން އަންނަކަމަށް ފިޔެސް އަށް މައުލޫމާތު ލިބެއެވެ. އެ ޕެޓިޝަންގައި ގޮވާލާފައިވަނީ ނ. އަތޮޅުގެ ރައްޔިތުންނަށް ވައިގެ ދަތުރުފަތުރުގެ އަގުތައް އަތްފޯރާފަށަށް ތިރިކޮށްދިނުމަށާ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް އެކަށީގެންވާ ފެންވަރުގެ ފްލައިޓް އޮޕަރޭޓްކުރުމުގެ ގޮތުން، ވީ އެންމެ އަވަހަކަށް މަންތާއެއާ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮޕަރޭޓްކުރުމުގެ ހުއްދަދިނުމަށެވެ.

މިކަމާގުޅޭގޮތުން، އެ އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް އިޔާސް މިއަހަރުގެ ޖަނަވަރީ މަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މަންޓާގެ ދަތުރުތަކަށް ހުއްދަ ނުދެވިގެން އުޅެނީ ވަރަށް ކުރިޔާލާ ޖެޓުތަކަށް އެއާޕޯޓުގެ ސްލޮޓްތައް ވިއްކިފައިހުރުމުން ކަމަށާ، އަދި މަންޓާއިން ހުއްދައަށް އެދުނީ ވެސް ވަރަށް ފަހުން ކަމަށެވެ. އަދި އޭރު ހުރީ ޖެޓްތަކަށް ސްލޮޓްތައް ވިއްކައި ހުރިހާ ޖާގައެއް ފުރިފައި ކަމަށް ވެސް އިޔާސް ވިދާޅުވެއެވެ.

ސްލޮޓްތައް އެވޭލަބަލް ވީހާ އަވަހަކަށް ދަތުރުތައް ފެށޭނޭ ކަމަށް މަންޓާއަށް މިހާރު އަންގާފައި ވާނެ ކަމަށް އިޔާސް ވިދާޅުވެފައި ވާއިރު، މަންޓާގެ ދަތުރުތައް މާފަރަށް ފަށަން ހުއްދަ ނުދީ ހިފަހައްޓާކަމުގެ ތުހުމަތު ތަކާއެކު އެ އެއާލައިންގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސާ އަޙުމަދު މައުމޫން (މާނު) މީޑިއާއަށް މައުލޫމާތު ދެއްވަމުން މިއަހަރުގެ ޖަނަވަރީ މަހުގެ 19 ގައި ވިދާޅުވެފައި ވަނީ، މަންތާއަށް އެ ހުއްދަ ނުލިބި ލަސްވެގެން މިދާ ކޮންމެ ލަސްވުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާ، ކޮންމެ ދުވަހަކު މެ އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ ކަމަށެވެ.

އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައި ވާނޭކަމަށް ވިދާޅުވެ މާނު ވިދާޅުވީ އެކަމަށް އެ މިނިސްޓްރީން އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށެވެ. އެހެން އެކަން އޮތްއިރު މާފަރު އެއާޕޯޓަށް އެ އެއަރލައިން އިން ދަތުރު ނުކުރާ ކަމުގެ ޝަކުވާ އެ އަތޮޅުގެ އާންމުންނާއި ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން އެ އެއާލައިންގައި މިހާރު ވެސް މެދުކެނޑުމެއްނެތި ކުރަމުން ގެންދާ ކަމަށްވެސް މާނު ވިދާޅުވިއެވެ.

ކޮމެންޓް