ވީއައިއޭއިން ވަގަށް ސިނގިރޭޓު ކާޓޫންތަކެއް ނެރެން އުޅުނު މައްސަލައެއް ބަލަމުންދާކަން މޯލްޑިވްސް ކަސްޓަމްސްއިން ވަނީ ރޭ ހާމަކޮށްފަ އެވެ.
ކަސްޓަމްސްއިން ބުނެފައި ވަނީ އެ ތަކެތި އަތުލައިގަތީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް އެ އިދާރާއިން ޗެކްކުރިއިރު ފެނިގެން ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި އެއީ ކިހާ އަދަދެއްގެ ސިނގިރޭޓެއް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ފަރާތުން މިއަދު މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ވީއައިއޭގެ ޑިޕާޗާ ހޯލުން ވަގަށް ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މައްސަލައެއް އެ އިދާރާއަށް މޯލްޑިވްސް ކަސްޓަމްސްއިން ރޭގައި ހުށަހެޅި ކަމަށެވެ.
އިއްޔެގެ ހެނދުނު 6:20 ހާއިރު ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ރޭ ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެެވެ. އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ، މ.ސިލްވަނެސްޓް، އަހްމަދު އަފްސަލް (45އ) އާއި ދަފުތަރު. ނަމްބަރު ރސ 14358، ޔޫސުފް ނަޒީރު (38އ) އެވެ.
ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާ އެކު ދޫކޮށްލާފައިވާ ކަމުގަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.