ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މުލި އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެމްޑީޕީ ވެރިކަމުގައި ފެށި މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި
މަރްޔަމް މުޙައްމަދު 20 މޭ 2025 (އަންގާރަ)   12:20
މ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓް، މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި އެވެ.

މިއީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައި ގަޑިއިރު ތެރޭ ކަނޑުމަގުން އެއާޕޯޓަކަށް ދަތުރުކުރެވޭނެ ގޮތް ހަދަން އެމްޑީޕީގެ ވެރިކަމުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ދަށުން ފެށި މަސައްކަތެކެވެ. 

މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުވިއިރު މިދިޔަ އެޕްރީލް މަހު 25 ގައި އެ އެއާޕޯޓަށް ވަނީ ޓެސްޓް ފްލައިޓް ޖައްސާފަ އެވެ.

މުލި އެއާޕޯޓް ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އިންނެވެ. އަދި މި އެއާޕޯޓަށް ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް ރާޢްޖޭގެ އެތެރޭގެ ވައިގެ ދަތުރުތައްކުރާ އެއާލައިންތަކަށް ރީޖަނަލް އެއާޕޯޓްސް އިން ފުރުސަތު ވަނީ ހުޅުވާލާފައެވެ. 

މުލި އެއާޕޯޓްގެ މަސައްކަތް، ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރީ 2021 ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެ އެވެ.

މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 221.7 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް ކެމްޕޭން ތެރޭގައި މ އަތޮޅަށް ކުރެއްވި ދަތުރުގައި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވީ، މުލި އެއާޕޯޓްގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށާއި އަމާޒަކީ އަހަރު ނިމުމުގެ ކުރިން އެއާޕޯޓް ހުޅުވާ ފުލައިޓް ޖައްސަން ފެށުން ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ނާކާމިޔާބުވެވަޑައިގަތުމުން އެ އަމާޒުގައި މަސައްކަތް ކުރިއަށް ނުގޮސް މަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސް އެއާޕޯޓް މި ހުޅުވުނީ މި ސަރުކާރަށް ދޮޅު އަހަރުވެސް ވީފަހުންނެވެ.

މިއަދު މުލި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވީ، އެ އެއާޕޯޓަކީ ވަރަށް ގިނަ މީހުންގެ ބުރަ މަސައްކަތް ކަމަށާ، އެއާޕޯޓް ހުޅުވިގެންދަނީ، ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ވެރިއެއްގެ ބުރަމަސައްކަތުން ކަމަށެވެ. 

އަދި މުލި އެއާޕޯޓްގެ މަސައްކަތަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ އިސްކަމެއް ދެއްވައިގެން ނިންމަވަން އެދިލެއްވި އެއާޕޯޓް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް