ފުރާޅު މައްޗަށް ވެއްޓި ޚަބަރު ހުސްވެފައި އޮއްވާ ފެނުނު ކުއްޖާ.
ފުރާޅު މައްޗަށް ވެއްޓިފައި އޮތް ކުއްޖާއަށް ވީ ކިހިނެއް؟
ފިޔެސް 22 އޭޕްރީލް 2025 (އަންގާރަ)   22:08
މާލޭ ހެންވޭރުގައި ހުރި ގެއެއްގެ ފުރާޅު މައްޗަށް ވެއްޓި ޚަބަރު ހުސްވެފައި އޮތް އަންހެން ކުއްޖެއްގެ ވާހަކަ މި މަހުގެ 18 ވީ ހުކުރު ދުވަހު ނޫސްތަކުގައި ރިޕޯޓް ކުރިއެވެ.

އެ ހާދިސާ އެންމެ ފުރަތަމަ ރިޕޯޓް ކުރީ "އެމްވީ ކްރައިސިސް" އިންނެވެ. ފުރާޅު މައްޗަށް ވެއްޓިފައި އޮތް ކުއްޖާގެ ފޮޓޯއަކާ އެކު އެފަރާތުން ރިޕޯޓްކޮށްފައިވަނީ "ރޭ (17 އެޕްރީލް ވީ ބުރާސްފަތި ދުވަހުގެރޭ) ދަންވަރު ހެންވޭރު ކަލާފާނު މަގުން ބުރުޒު މަގަށް އަޅާ ކަންމަތީ އިމާރާތެއްގެ 9 ވަނަ ފަންގިފިލާ އިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް އަންހެނަކު ހެނދުނު ފެނިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި" ކަމަށެވެ. މި ޚަބަރު އެކްސްގައި ރިޕޯޓްކޮށްފައިވަނީ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:17 ގައެވެ.

މި މައުލޫމާތުގެ ސްކްރީން ޝޮޓާއެކު ފުލުހުންގެ މީޑިއާ ގްރޫޕްގައި، މިކަމާ ގުޅުންހުރި ރަސްމީ މައުލޫމާތަކީ ކޮބައިތޯ ވެސް ސުވާލު ކުރިއެވެ. މެންދުރު ފަހު 2:16 ގައި ފުލުހުންނާ ކުރި ސުވާލަށް ފުލުހުންގެ ފަރާތުން ރިޕްލައި ކޮށްފައިވަނީ 2:46 ގައެވެ. ފުލުހުންގެ ފަރާތުން އެ ހާދިސާއާ ގުޅުންހުރި އެއްވެސް ވާހަކައެއް ނުބުނެ ބުނެފައިވަނީ އެ ފޮޓޯ އާންމު ނުކުރުމަށެވެ.

ފުލުހުންގެ ފަރާތުން އެ ހާދިސާއާ ގުޅޭގޮތުން އެއްޗެއް ބުނީ ވަރަށް ގިނަ ނޫސްވެރިން ތަފާތު ސުވާލުތައް ކުރިފަހުން 3:11 ގައެވެ.

ފުލުހުން ބުނެފައިވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިއަދު (18 އެޕްރީލް) ހެނދުނު 7:23 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ. ވެއްޓިފައި އޮއްވާ ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ދިން މައުލޫމާތުގައި ބުންޏެވެ.

އޭގެ ފަހުން އެހާދިސާއާ ގުޅޭ އިތުރު ސުވާލު މީޑިއާގެ އެކި ފަރާތްތަކުން ކުރުމުންވެސް ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއްވެސް އިތުރު އެއްވެސް މައުލޫމާތެއް ފުލުހުންގެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އައިޖީއެމްއެޗްގެ ފަރާތުން ބައެއް މީޑިއާތަކަށް ޖެހިގެން އައިދުވަހު މައުލޫމާތު ދީފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި، ވެންޓިލޭޓަރުގައެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެއެވެ.

އެ ހާދިސާއަށް މިއަދަށް ފަސް ދުވަސް ވެގެން ދާއިރުވެސް އެކަމާ ގުޅޭގޮތުން ފުލުހުންގެ ފަރާތުންވެސް އަދި އައިޖީއެމްއެޗްގެ ފަރާތުންވެސް އެއްވެސް އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.

އެހެންނަމަވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ އެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ކަމަށްބުނެ ވަރަށް ބޮޑަށް މައުލޫމާތު އާންމު ކުރަމުންނެވެ.

އާންމުވެފައިވާ މައުލޫމާތަށް ބަލާއިރު އެއީ ޒުވާން ކުދިންތަކެއް ޕާޓީ ކުރުމުގެ ތެރެއިން ހިނގާފައިވާ ހާދިސާއެކެވެ. ޕާޓީ ކުރުމުގައި މަސްތުވާތަކެތި ބޭނުން ކުރިކަމަށާއި އެ އަންހެން ކުއްޖާ ރޭޕް ކުރިކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ. އަދި އެ ކުއްޖާ ވަނީ އިމާރާތެއްގެ މަތިން ކޮއްޕާ ވައްޓާލާފައި ކަމަށްވެސް ވެއެވެ.

އެކްސްގައި "ހަސަން ކުރުސީ" ވަނީ އެ ހާދިސާ ހިނގި ގޮތް ކަމަށްބުނެ ވަރަށް ގިނަ މައުލޫމާތު އާންމު ކޮށްފައެވެ. އެކަމުގައި ބައިވެރިވި ކަމަށް ބުނެ ޒުވާނުންތަކެއްގެ ފޮޓޯވެސް އާންމުކޮށްފައެވެ. އެ އަމަލު ހިންގުމުގައި ސަރުކާރުގެ އިސްވެރިންގެ އާއިލާ އަށް ނިސްބަތްވާ ޒުވާނުންނާއި ރައީސް އޮފީހުގައި ވަޒީފާ އަދާކުރަމުންދާ ޒުވާނުންނާއި ރައީސް މުއިއްޒު އެކި މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ޒުވާނުން ހިމެނޭ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

މިހާދިސާގެ މައުލޫމާތު ފުލުހުންގެ ފަރާތުން އިތުރަށް އާންމު ނުކުރުމާއި އަނިޔާ ލިބުނު ކުއްޖާއަށް ލިބިފައިވާ އަނިޔާގެ މައުލޫމާތު އައިޖީއެމްއެޗް އިން އާންމު ނުކުރުމުގައި ފޮރުވިފައިވާ ގިނަ ކަންތައްތަކެއް އެބަހުރިކަން ޔަގީނެވެ. އެކަންތައް ތަކަކީ ސަރުކާރުން ސިއްރުކުރަން ބޭނުންވާ ކަންކަން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާތަނަށް މި ތުހުމަތު ތަކާ ގުޅިގެންވެސް ފުލުހުންވެސް އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުންވެސް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް