
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ.އަދީލް، އެ މަގާމަށް ހަމަޖެއްސީ އެ މަގާމުގައި ހުންނެވި ޑރ.އިބްރާހީމް ޔާސިރު އަހުމަދު، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ބަދަލުކުރުމަށްފަހު އެވެ.
ޑރ.ޔާސިރު ވަކިކޮށް، ޑރ.އަދީލް އެ މަގާމަށް ހަމަޖެއްސީ ކޮން އިރަކުކަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އޭއީއެޗްގެ ސީއީއޯ ކަމަށް ޑރ.އަދީލް އައްޔަންކުރިކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުކަން ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗާއި މެޑިކާ ހޮސްޕިޓަލްގައި ކުރެއްވި ޔާސިރަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯކަން ދިނީ 2024 މާޗު 17 ގައެވެ.
ސްކޫލް މެނޭޖްމަންޓްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ.އަދީލް ވަނީ މީގެ ކުރިން ޕްރިންސިޕަލްކަންވެސް ކުރައްވައިފަ އެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ސ.ހިތަދޫގައި ހުންނަ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ކުރައްވައިފަ އެވެ.
ތައުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވުމަށް ފަހު ޢަދީލް ވަނީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރުކަމަށް އަމިއްލަގޮތުން ވާދަކުރައްވައިފަ އެވެ. އަދި 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ވެސް ޑރ. އަދީލް ހަމަޖެއްސި އެވެ.
މި ސަރުކާރުގައި ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނަވާ އަދީލް ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ. ނަމަވެސް ވަކި ހިސާބަކުން ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން އަދީލް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.
އެހެންކަމާއެކު އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ މޭޔަރު ކަމުގެ މަގާމަށް ޕީއެންސީގެ ފަރާތުން ވާދަކުރަނީ މުޝްރިފް އަލީ އެވެ.




