
އެ މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅިކަން އިދިކޮޅު މައި ޕާޓީ އެމްޑީޕީން އިއުލާނުކުރީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އެވެ. އޭނާ ވިދާޅުވީ މައްސަލަ ހުށަހެޅީ އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު ކަމަށެވެ.
ނާޒިލް ވިދާޅުވީ، މިމަހުގެ 18 ދުވަހު އުސްއިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު 21، އަށް އެ އަނިޔާ ލިބުނު ހާދިސާ ގެ ތަހުގީގަށް މިނިސްޓަރު އަމީން ނުފޫޒު ބޭނުންކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެ ހާދިސާގެ ސަބަބުން ޒުވާނުން ކުރަމުންދާ މުޒާހަރާތަކާއި ނޫސްވެރިންގެ ގެނެސްދޭ ވާހަކަތަކަށާއި އަދި އިތުރަށް ޕާޓީން ހޯދި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ.
"ގާނޫނުއަސަސީ 136 ވަނަ މާއްދަގައި ވަރަށް ސާފުކޮށް ބަޔަންކޮށްފައި އެބައޮވޭ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކޮށްގެން ނުވާނޭ ކަންތައްތަކުގެ ވާހަކަ. އެ މާއްދާގެ (ހ) އާއި (ށ) ގަ ބުނާ ކަންކަމާ ޚިލާފުވެފައިވާތީ މައްސަލަ ހުށަހެޅީ" ނާޒިލް ވިދާޅުވިއެވެ.
އެ ދެ މާއްދާގައި ބުނަނީ މާލީ މަސްލަހަތު ނުވަތަ މަންފާ ހޯދައިގެން ނުވާނެ ކަމަށާއި މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއް ނުވަތަ އެމީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލުކުރުމަށް ނުވަތަ އެހެން މީހަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
"އޭނާ އެ މަގާމުގައި އިތުރަށް ހުރުމަކީ، ދިވެހިރައްޔިތުންގެ ހައްގުތައް ގެއްލި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަނެ ކަމެއް ކަމަށް ގަބޫލުކުރެވޭ" ކަމަށް ބަޔާންކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 12 މެންބަރުން ސޮއިކުރައްވާފައިވާ ލިޔުން މިހާރު ވަނީ އާންމުވެސް ކުރައްވާފައެވެ.
މި މައްސަލަ ހުށަހެޅި ސަބަބުތަކާމެދު ވާހަކަދައްކަވަމުން ޔުމްނު ނިސްބަތްވާ ގަލޮޅު ދެކުނު މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، މި މައްސަލައާ ގުޅިގެން އަމީން ދިރިއުޅުއްވާ މއ. މާންދޫގެ ދެކުނުގެ އިމާރާތައް ފުލުހުން ވަންނަމުން ދަނިކޮށް ފުލުހުންގެ އިސްވެރިންނަށް ގުޅުމާއި އެ ގޭގެ ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެ ސެކުއިރިޓީ ފުޓޭޖު ނުދިނުން ހިމެނޭ ކަމަށެވެ.
"(މިނިސްޓަރު އަމީން) މަގާމުގެ ނާޖާއިޒު ބޭނުން ކޮށްފައިވާކަން އަޅުގަނޑުމެންނަށް މި ކަންކަމުން އެބަ ދޭހަވޭ. އެހެންވީމަ މިވަގުތު އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުގެ އިތުބާރެއް އެމަނިކުފާނުގެ މައްޗަކަށް ނެތް" މީކާއިލް ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ހ. ފެންޓެނޯއި ގެއަށް އޭނާ އާއި ރައުދު އަހުމަދު ޒިލާލް ދިޔުމުގެ ކުރިން ގިނަ ވަގުތުތަކެއް ހޭދަކުރީ މއ. މާންދޫގޭގެ ދެކުނު ގޭގައެވެ. އެގޭގައި ޔުމްނު އާއި ރައުދު އަދި އިތުރު ބަޔަކާއެކު ޕާޓީ ކުރި ކަމަށްވެއެވެ. އެކަން ފުލުހުން ފުރަތަމަ ސިއްރު ކުރުމަށްފަހު މީޑިއާތަކަށް ހާމަކޮށް އެ ގެ ބަލައި ފާސްކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.
މިނިސްޓަރު އަމީންގެ ގެ ފުލުހުން ބަލައި ފާސްކުރުން ލަސްވުމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި އެވެ. އަދި ހެކި ނައްތާލަން ފުރުސަތު ދިން ކަމުގެ އިނގިލިތައް ވެސް އެ މުއައްސަސާއަށް އަމާޒުވި އެވެ.
އެ ގެ ބަލައި ފާސްކުރުމަށްފަހު ފުލުހުން ފަހުން ބުނެފައި ވަނީ މިނިސްޓަރު އަމީންގެ ގެއިން ހާދިސާއާ ގުޅޭ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ.




