މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މީޑިއާއަށް މައުލޫމާތު ދެއްވާ ވިދާޅުވީ، މާލޭގެ މަގުތަކުން ދޫކޮށްފައި ހުރި ޕާކިން ސްލޮޓްތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުތައް ހިމެނޭ ހުރިހާ ސްލޮޓްތަކަކީ އާންމުންގެ ތަންތަން ކަމުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމައި، އެ ކައުންސިލަށް ޓްރާންސްޕޯޓް މިނިސްޓްރީން އެކަން އަންގާފައިވާ ކަމަށެވެ.
ޕާކިން ޖާގަ ކުއްޔަށް ދިނުން ހުއްޓާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެންގީ މިދިޔަ އަހަރު ކަމުގައި ވީނަމަވެސް، ކުރިން ދޫކޮށްފައި ހުރި ތަންތަނުގެ އެއްބަސްވުންތަކުގެ މުއްދަތު ހަމަވަންދެން މަޑުކުރީ ކަމަށާ، އެހެންކަމުން ހުރިހާ އެއްބަސްވުމެއްގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށާ، މިމަހުގެ ފަހު ހަފުތާއިން ފެށިގެން އެ ހުރިހާ ޕާކިން ސްލޮޓްތަކަކީ އާންމުންގެ ތަންތަން ކަމުގައި ކަނޑައަޅުއްވާނެ ކަމަށެވެ. އަދި ސަރުކާރުން އެފަދައިން ނިންމީ، އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މާލޭ މަގުމަތިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރަން ފެށީ 2022 ވަނަ އަހަރުގެ ތެރޭގައި، މިހާރުގެ ރައީސް މުޙައްމަދު މުއިއްޒު މާލޭ މޭޔަރަކަށް ހުންނަވައެވެ. އެ ސްލޮޓްތައް ކުއްޔަށް ދޫކޮށްފައި ވަނީ ޕްރައިވެޓް ކާރުތަކަށް 1،500 ރުފިޔާއަށް އަދި ޓެކްސީތަކަށް 700 ރުފިޔާއަށެވެ.
މާލޭގެ ކެރީން ކެޕޭސިޓީއަށްވުރެ މާލެ ތެރޭގައި ބޭނުންކުރާ އުޅަނދުތައް އިތުރުވެ، ޕާކިންގެ މައްސަލަ އިންތިހާށް ބޮޑުވެ، މާލޭގައި ޕާކުކުރާނެ ތަންކޮޅެއް ނެތި ވެހިކަލްތައް މަގުތަކުގެ އަރިއަރި މަތީގައި ތޮއްޖެހެމުން އަންނާތީ އެކަމުގެ ޝަކުވާ އާންމުން ކުރެއެވެ. އެހެންކަމުން މާލޭގެ މަގުމަތިން ޕާކިން ސްލޮޓްތައް ދޫކުރާތީ އޭރު ވެސް ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.
އަދި އެގޮތަށް ސްލޮޓްތައް ނުވިއްކުމަށް އެމްޑީޕީ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓްރީން އެންގި ނަމަވެސް މޭޔަރު މުއިއްޒު އެ ޕާކިން ސްލޮޓުތައް ވިއްކާލިއެވެ. މީޑިއާއަށް ތިލަވެފައިވާ މައުލޫމާތު ތަކުން ހާމަވާ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް މާލޭގެ ފަސް ސަރަހައްދަކުން ޕާކު ކުރަން 1120 ޖާގަ ދޫކޮށްފައިވާއިރު، 941 ޖާގައަކީ މަގުމަތިން ދޫކޮށްފައިވާ ސްލޮޓުތަކެވެ.