ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު.--
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 2.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ
މަރްޔަމް މުޙައްމަދު 30 އޭޕްރީލް 2025 (ބުދަ)   11:21
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 2.2 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ހާމަކުރި ގޮތުގައި 28 ދުވަހުން އަނބުރާ ދެއްކުމަށް 730 މިލިއަން ރުފިޔާގެ ޓީބިލަކާއި، 98 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 100 މިލިއަން ރުފިޔާގެ ޓީބިލެއް އަދި 182 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 447 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 924 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކުމަށް ވަނީ އިއުލާންކޮށްފައެވެ.

މި ފަހަރު ސަރުކާރުން ވިއްކާލުމަށް ހުޅުވާލި ޓީބިލް ތަލުގެ އިންޓްރަސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ.

ޓީ-ބިލް އަކީ، ދައުލަތުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އާމްދަނީ ހޯދުމުގެ ގޮތުން ވަކި އިންޓަރެސްޓް ރޭޓެއްގައި، ފަހުން އަނބުރާ ފައިސާ ދައްކަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކުން ވިއްކާ މާލީ އިންސްޓްރޫމަންޓެކެވެ.

ސަރުކާރުން ވިއްކާ ޓީބިލްތައް އާންމުގޮތެއްގައި ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނާއި ބައެއް ބޭންކްތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެއެވެ.

ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން މޫނުމަތީ އަގު އަދާކުރާ ގޮތަށް (ދަރަންޏަށް) ނަގާ ފައިސާއެވެ.

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ފައިސާ ހޯދުމަށް ޓީބިލް ވިއްކާއިރު، ދައުލަތުގެ މައިގަނޑު ހަރަދަކީ ރިކަރެންޓް ހަރަދެވެ. 

ކޮމެންޓް