މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސް
ޝާހީ އާއިލާއެއްގެ 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ރާއްޖޭގައި ގާއިމުކުރަނީ
މިއީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ ދަތުރުގެ ފެށުން - ރައީސް
ޖުނާން އަޙުމަދު 5 މޭ 2025 (ހޯމަ)   09:57
ގަތަރުގެ ޝާހީ އާއިލާގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، އެމްއައިއެފްސީ (މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ) ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ރާއްޖޭގައި ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ރޭ ސޮއިކޮށްފި އެވެ.

މިކަމަށް ޓަކައި ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް މުޙައްމަދު މުއިއްޒު އާއި އެމްބީއެސްގެ ޝެއިހް ނާއިފް ބިން އީދު އަލް ސާނީގެ ހާޒިރުގައި، މި ސެންޓަރު ގާއިމުކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ.

ސޮއިކުރެއްވުމަށްފަހު މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި މަޝްރޫއުއަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމުގެ ފެށުން ކަމަށާ، މި ސެންޓަރު މެދުވެރިކޮށް ދުނިޔޭގެ އެންމެ ވަރުގަދަ ވިޔަފާރިތަކުގެ ޝައުގުވެރިކަން ބޮޑުވެގެން އަންނާނެކަމަށެވެ.

އެމްބީއެސްގެ ފަރާތުން މަރުވާން އަލްހާޖެރީ މި އެއްބަސްވުމުގައި ސޮއިކުރެއްވި އިރު، މާލޭގައި ގާއިމުކުރާ މި ސެންޓަރުގެ ސަރަހައްދަކީ 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭ ވަރުގެ 780,000 އަކަމީޓަރުގެ ސަރަހައްދެއް ކަމަށާ، ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް އެމްބީއެސްގެ އިން ބުނެފައި ވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސެންޓަރު ވެގެންދާނީ، ކެރިގެން ނިންމާ ނިންމުންތަކާއި، ސާބިތު ބައިވެރިވުންތަކާއި، ގައުމީ މަގުސަދުގެ ތަރިކައަކަށް ކަމަށާ، އެ މަރުކަޒަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ ދަތުރުގެ ފެށުން ކަމުގައެވެ.

އަދި ދިވެހިން މި އާދަޔާ ހިލާފު ދަތުރު ފެއްޓީ، ސާފު އަމާޒެއް ހިފައި، ޔަގީންކަމާއެކު، އީޖާބީ ވިސްނުމެއްގައިކަމަށާ، ދިވެހިރާއްޖެ އަކީ ހަމައެކަނި މަންޒިލެއް ނުވަތަ ކުޑަ ޖަޒީރާ ގައުމެއް ނޫންކަމަށާ، ދިވެހިރާއްޖެ އަކީ ހިންދު ކަނޑުގެ އިގުތިސޯދީ އަދި ޑިޖިޓަލް ބަދަލުގެ ތެރޭގައި ހިމެނޭ "ސްމާޓް ޖަޒީރާ ގައުމެއް" ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މާޒީގެ މޮޑެލްތައް ނަކަލުކުރުމުގެ ބަދަލުގައި ރާއްޖެއިން ގެންގުޅޭނީ ސަރަހައްދީ އިންތައް ފަހަނައަޅައިދާފަދަ، ޑިޖިޓަލް ފަސްޓް އަދި ޝާމިލު މާލީ ވެއްޓެއްކަމަށާ، އެމްއައިއެފްސީ އިން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދޭނޭކަމަށް ހިސާބުތަކުން ދައްކާ ހިނދު، އަދި އެއީ ގައުމީ އުފެއްދުންތެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރާނޭ މަޒުކަޒަކަށް ވެގެންދާނޭކަމަށް އަންދާޒާ ކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ސިނާއީގޮތުން ހުރި ފުރުސަތުތަކަށް ހަލުވި ދުވެލީގައި ވާސިލުވުމަށް ވެވޭ އެހީއަކަށް މި މަޒުކަޒު ވެގެންދާނޭކަމަށް ވިދާޅުވެ، އެމަނިކުފާނު ހިއްސާކުރައްވާފައިވަނީ، އެމްއައިއެފްސީގެ އެހީގައި މުޖުތަމައަށް ދިރުންގެނުވައި، ދިވެހި އެތައް ޖީލުތަކަކަށް ފަހި ފުރުސަތުތައް އުފެދިގެންދާނޭކަމުގެ ތަސައްވުރެކެވެ.

ކޮމެންޓް