ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ "މޫޑީސް" - ފޮޓޯ: މޫޑީސް
ހާލަތު ރަނގަޅުނުވާތީ މޫޑީސް އިން މިފަހަރު ވެސް ރާއްޖެއަށް ދިނީ ޖަންކް ރޭޓިން
ޖުނާން އަޙުމަދު 16 މޭ 2025 (ހުކުރު)   15:08
މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ރާއްޖެއަށް ދީފި އެވެ.

ރާއްޖެއާމެދު މޫޑީސް އިން އާންމުކުރި ޕީރީއޮޑިކް ރިވިއުގައި ބުނެފައިވަނީ މޫޑީސް އިން ރާއްޖޭގެ ރޭޓިން "ސީއޭއޭ2" އޮތް އިރު، ރޭޓިންނަށް އަޕްގްރޭޑެއް ނުވަތަ ރަނގަޅުވާނެ ބަދަލެއް ނުފެންނަ ކަމަށާ، ރާއްޖޭގެ ފޮރިން އެކްސްޗޭންޖު ރިޒާވު ހުރީ ކުރިއަށް ހުރި ބޮޑެތި ދަރަނިތައް އަދާކުރެވޭނެ ހާލަތެއްގައި ނޫން ކަމަށެވެ. އަދި ބޭރުން ފައިނޭންސިން ހޯދުމަށް ވެސް ހުރި ފުރުސަތުތައް ވެސް ނުހަނު ހަނިކަމަށެވެ.

"އެމެރިކާގެ އިގުތިސޯދީ ސިޔާސަތުތައް ސާފުނުވުމުގެ ސަބަބުން މާކެޓަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ބައިނަލްއަގުވާމީ ބާޒާރަށް ގޮސް، ބައިލެޓްރަލް އަދި ޕްރައިވެޓް ކްރެޑިޓަރުން އަތުން މި ދަރަނިތައް ރީފައިނޭންސް ކުރުމަށް ނުވަތަ އަނބުރާ ދެއްކުމަށް ފައިސާ ހޯދުމުގައި އިތުރަށް ދަތިތަކެއް ކުރިމަތިވާނެ،" މޫޑީސްގެ ރިވިއުގައި ފާހަގަކޮށްފައިވެ އެވެ.

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެކެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ އިންޒާރެއް ވެސް މެއެވެ. އަދި ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ ކަމަށްޓަކައި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓުމަންޓު ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށް ކަމަށް އިގުތިސާދީ މާހިރުން ބުނެއެވެ.

ސީއޭއޭ-2 ރޭޓިންއަކީ މާލީ ހާލަތު ދަށް އަދި ދަރަނި ނުދެއްކިދާނެ ފަދަ ހާލަތެއް އޮންނަ ގައުމުތަކަށް ދޭ ރޭޓިންއެކެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު، ދަރަނި ބޮޑުވުމާ ގުޅިގެން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މީގެ ކުރިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީޒްއިން ވަނީ ރާއްޖޭގެ ރޭޓިން "ސީއޭއޭ2"އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން "ސީސީ"އަށް ދަށްކޮށްފައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް