މޭޑޭ ރެލީގެ ތެރެއިން.--
މޭޑޭ ރެލީއަށް ފުލުހުން ހުރަސް އަޅައިފި
ޖުނާން އަޙުމަދު 1 މޭ 2025 (ބުރާސްފަތި)   18:29
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގައި މަސައްކަތްތެރިންގެ ހައްގުގައި ބާއްވާ "މޭޑޭ ރެލީ" ގެ ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފި އެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގައި މަސައްކަތްތެރިންގެ ހައްގުގައި ބާއްވާ "މޭޑޭ ރެލީ" ގެ ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފި އެވެ.

މޭޑޭ ރެލީގައި އެކި ދާއިރާތަކުގެ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ޑްރައިވާސް އެސޯސިއޭޝަން، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ޕޯޓް ވޯކާސް ޔޫނިއަން ވެސް ހިމެނެ އެވެ.

ޔޫނިއަންތަކާއި އެސޯސިއޭޝަންތައް ގުޅިގެން ކުރިއަށް ގެންދަން ރޭވި ހިނގާލުމަށް ފުލުހުން ހުއްދަ ދީފައި އޮތީ މަޖީދީމަގުން އެއް ލޭނެއްގައި ހިނގާލުން ކުރިއަށް ގެންދިޔުމަށެވެ. އެހެންނަމަވެސް ރެލީ ފެށިތަނާ ކަހަލަ ގޮތަކަށް ފުލުހުންގެ އެ ނިންމުން ބަދަލުކުރިކަން ސިޓީއަކުން އެންގީ ރަސްފަންނު ސަރަހައްދުން ފެށިގެން އަމީނީމަގުން ރެލީ ކުރިއަށް ގެންދާށެވެ.

އަދި ބޮޑުތަކުރުފާނު މަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި ބެރިކޭޑު ޖަހައި މަޖީދީ މަގުން ކުރިއަށް ނުދެވޭނެހެން ފުލުހުން ރެލީއަށް ހުރަސް އެޅިއެވެ.

ރެލީގެ ބައިވެރިން އެކި ޝުއޫރުތައް ފާޅުކުރަމުން ކުރިއަށް ހިނގަމުން އައީ އަމީނީމަގުން އިރަށެވެ. 

your imageމޭޑޭ ރެލީގެ ތެރެއިން.--

މަސައްކަތްތެރިންނަށް ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް ރެލީގެ ބައިވެރިން ގޮވާލިއެވެ. ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށާއި ސިއްހީދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އޯޓީ ފުރިހަމައަށް ލިބޭނޭ ގޮތް ހަދައި ދިނުމަށްވެސް ގޮވާލިއެވެ. 

ޕޯޓް ވޯކާސް ޔޫނިއަނުން އެމްޕީއެލްގައި މަސައްކަތުގެ މާހައުލުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ގޮވައިލިއެވެ. 

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެދުވަހު އޮފު ލިބޭނޭގޮތް ހަދައިދިނުމަށާއި އެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭނެ ގޮތް ހަދައިދިނުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންގެ ފަރާތުން ގޮވާލިއެވެ. 

ޑްރައިވާސް އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރުން ބުނެފައިވަނީ ޓެކްސީ ޑްރައިވަރުންގެ މަސައްކަތް މި ސަރުކާރުން ނެތިކޮށްލަން މަސައްކަތް ކުރާ ކަމަށާއި ސަރުކާރުން މިހާރު ފަށަން މަސައްކަތްކުރާ ޓެކްސީ ޚިދުމަތް ވަގުތުން ހުއްޓާލުމަށް އެމީހުންގެ ފަރާތުން ސަރުކާރަށް ގޮވައިލިއެވެ. 

ރެލީގެ ބައިވެރިން އަމީނީމަގުން އިރަށް ހިނގަމުން އައިސް ސްޓެލްކޯ އާ ހިސާބުންވެސް ފުލުހުން ވަނީ ރެލީ އަށް އަނެއްކާވެސް ހުރަސް އަޅާފައެވެ. 

ރެލީގެ ބައިވެރިން ބުނަމުންދިޔައީ އެއީ ސިޔާސީ އެއްވުމެއް ނޫން ކަމަށާއި ބޭނުންވަނީ ސުލްހަވެރިކަމާއެކު ރެލީ އާޓިފިޝަލް ބީޗަށް ނިންމާލަން ކަމަށެވެ. އެހެންނަމަވެސް އަޑުގަދަކުރާ ބޭނުންކޮށްގެން ފުލުހުން ތަކުރާރުކޮށް އަންގަމުން ދިޔައީ، އެ ހިސާބުން ދެން އަމީނީމަގުން ކުރިއަށް ނުދެވޭނެ ކަމަށާ ބޮޑުތަކުރުފާނުމަގުން އުސްފަސްގަނޑު ސަރަހައްދަށް ރެލީ ނިންމުމަށެވެ. 

ކޮމެންޓް