އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލް - ފޮޓޯ: އެމްޑީޕީ
މަސައްކަތްތެރިންގެ ހުނަރާ، ތައުލީމާ، ތަޖުރިބާއާ އެއްފަދަ މުސާރަ ކަށަވަރުވާންޖެހޭ
މަރްޔަމް މުޙައްމަދު 1 މޭ 2025 (ބުރާސްފަތި)   14:50
މަސައްކަތްތެރިންނަށް އެމީހުންގެ މަސައްކަތާ، ތައުލީމާ، ތަޖުރިބާއާ އެއްފަދަ މުސާރައެއް ކަށަވަރުވާން އެބަ ޖެހޭކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޤާނޫނުއަސާސީ އާއި ގާނޫނުން ލިބިދޭ ވަޒީފާގެ އެންމެހައި ހައްގުތަކުގެ ކަށަވަރުކަމާ، އެއްވެސް ބިރެއް ނެތި ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ އަސާސީ ހައްގުތައް ޔަގީންކުރެވެންޖެހޭ ކަމަށާ، މުސާރައިގެ އެއްހަމަކަމަކީ އެއީ ރާއްޖެއަށް މިއަދު ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.

އަދި ޕޭހާމަނައިޒްވެ ކޮންމެ މަސައްކަތްތެރިއެއްގެ ވެސް މަސައްކަތާ، ތަޢުލީމާ ތަޖުރިބާއާ އެއްފަދަ މުސާރައެއް ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ، އުޖޫރާއިގެ ހަމަހަމަކަމާ މިނިވަންކަމަށް ގޮވާލަމުން ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ހީވާގި މަސައްކަތްތެރިންނަށް ފޮނުވާ ކަމަށެވެ.

ޝާހިދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވެސް މަސައްކަތް ތެރިންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ އެކްސްގައި ޕޯސްޓްކުރައްވާފައި ވެއެވެ.

މެއި ޑޭ އަކީ މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ތެދުވުމަށް އަޒުމު ކަނޑައަޅަން ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވެ، ފައްޔާޒްގެ ޕޯސްޓްގައި ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް ކުރީގައި އޮތް ނުރައްކާތެރި މާހައުލުގެ ތެރެއިން ކުރެވުނު މަސައްކަތްތައް މިއަދު ހަނދާން ކުރަންޖެހޭ ކަމަށާ، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބުތައް ވެސް މިއަދު ހަނދާން އައު ކުރަންޖެހޭ ކަމަށެވެ.

އަދި އެމްޑީޕީ އަކީ މަސައްކަތްތެރިންގެ ވާހަކަދައްކައި އެ ހައްގުތައް ހޯދައިދިނުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ޕާޓީއެއް ކަމަށް ވިދާޅުވެ ފައްޔާޒް ވިދާޅުވީ، އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދައިދީ ވަރުގަދަ އިގުތިސާދެއް ބިނާ ކުރުމަށް ކަމަށެވެ.

މަސައްކަތްތެރިންގެ ހައްގުތައް ސަރުކާރު އިސްވެ ހަނިކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، އެ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތް ކުރުމުގެ އަޒުމު ކަނޑައަޅަން ލިބޭ މުހިންމު ފުރުސަތަކަށް މި ދުވަސް ހަދަންޖެހޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

ކޮންމެ އަހަރެއް ވެސް މެއި މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައެވެ. މިއަދާ ގުޅިގެން އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިން އެމީހުންގެ ހައްގުތައް ހޯދުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި އަޑު އުފުލަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް