
މެއި މަހުގެ ފުރަަަތަމަ ދުވަހު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުން އާންމުކޮށް ރާއްޖޭގައި ބާއްވަމުން އައިސްފައިވަނީ، މަސައްކަތްތެރިންގެ ޖަމިއްޔާތަކުން އިންތިޒާމްކޮށްގެން ކަމަށް ވީނަމަވެސް، މި އަހަރުގެ ހިނގާލުން، މި ސަރުކާރުގެ ހޯމްލޭންޑް މިިނިސްޓްރީގެ އިސް ނެގުމަކަށް، މާލޭގެ މަގުތަކުގައި ބާއްވާފައި ވާއިރު އެ ހިނގާލުން ބޭއްވީ މަސައްކަތްތެރިންގެ ޖަމިއްޔާތަކަށް އެއްވެސް ދައުވަތެއް ދިނުމަކާނުލާ މުޅިން ވަކިން ކަމަށް އެ ޖަމިއްޔާތަކުން މައުލޫމާތު ދެއެވެ.
މި ދުވަހާ ގުޅުވައި މަގުމަތީ ހިނގާލުމެއް ސަރުކާރުން އިސް ނަގައިގެން ބޭއްވި މިއީ ފުރަތަމަ ފަހަރުކަމަށް އިއުލާންކުރުމުގެ ގޮތުން ސަރުކާރުން ބޭއްވި މި ހިނގާލުން ހޯމްލޭންޑް މިިނިސްޓްރީގެ ދަށުން އިންތިޒާމްކޮށްގެން ބާއްވާފައި މިވަނީ، ވަޒީފާއާ ބެހޭ މަސައްކަތްތައް ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ގެނައުމަށް މިފަހުން ކެބިނެޓަށް ގެނައި ބަދަލާގުޅިގެން އެ މިނިސްޓްރީއަށް ލިބިގެންވާ ބާރާއި ނުފޫޒުގެ ދަށުންނެވެ.
އެހެންކަމުން މިކަމުގެ ނުރުހުން ފާޅުކޮށް، މަސައްކަތްތެރިންގެ ބައެއް ޖަމިއްޔާތަކުން ބުނަނީ، ސަރުކާރުން އިސްނަގައިގެން މިގޮތަށް މިކަންކަން ކޮށްފައި މިވަނީ، މަސައްކަތްތެރިންގެ ހައްގުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ޖެއްސުންކުރުމުގެ ގޮތުން ކަމަށެވެ.
ސަރުކާރުގެ ފަރާތުން ބޭއްވި ހިނގާލުން އާޓިފިޝަލް ބީޗުން ފެށިއިރު، އެ ހިނގާލުމުގައި ބައެއް ވަޒީރުންނާއި ގިނަ އަދަދެއްގެ ސަރުކާރު މުވައްޒަފުން ބައިވެރިވެފައިވެއެވެ. ޒުމްބާގެ ހަރަަކާތްތަކަކާއެކު ފެށި އެ ހިނގާލުން ނިންމާލާފައިވަނީ ސޯޝަލް ސެންޓަރާ ހަމައިންނެވެ.
ސަރުކާރުގެ އެ ހިނގާލުން ކުރިއަށްދިޔަ ވަގުތު، މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާތަކުން އިންތިޒާމުކޮށްގެން ވެސް ހިނގާލުމެއް ބާއްވާފައި ވާކަން ފާހަގަކޮށްލެވެއެވެ.
މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ އެމްޓީޔޫސީ (މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް) ގެ ދަށުގައި ހިމެނޭ ޖަމިއްޔާތަކުން ބައިވެރިވެގެން ކޮންމެ އަހަރަކު ވެސް މަސައްކަތްތެރިންގެ ދުވަހު ހިނގާލުން ބާއްވަމުން އަންނައިރު، މިދިޔަ އަހަރު އެ ޖަމިއްޔާތަކުން ބޭއްވީ ސުލްހަވެރިކަމާ އެކު ޝުއޫރު ފާޅުކުރުމުގެ ހިނގާލުމަށް ފުލުހުން ހުރަސްއަޅާފައިވީ ނަމަވެސް އިއްޔެގެ ހިނގާލުމަށް ފުލުހުން ހުރަސް އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުގެ ފަރާތުން ކުރިއަށްގެންދިޔަ ހިނގާލުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ، އެފަދަ ހިނގާލުމެއް ސަރުކާރުގެ ފަރާތުން ބޭއްވުމަށް ނިންމި ސަބަބަކީ، މަސައްކަތްތެރިންގެ އަގު މި ސަރުކާރުން ވަޒަންކުރުމާ އެކު، ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއަހައި އެކަންކަން ހައްލުކުރުމުގެ ނިޔަތުގައި ކަމަށެވެ.




