މޭޔަރު އާދަމް އާޒިމް - ފޮޓޯ:މާލޭސިޓީ ކައުންސިލް
ސަރުކާރުގެ ހަރަދުތައް ކުޑަކޮށް، ސިއްހީ ހިދުމަތްތަކަށް އިސްކަންދިނުމަށް ގޮވާލަން
އައިޖީއެމްއެޗް ގައި ނުރައްކާތެރި ބެކްޓީރިއާއެއް ފެތުރުނީ ޑިސްއިންފެކްޓަންޓް ހުސްވެފައި ވަނިކޮށް - އާޒިމް
ޖުނާން އަޙުމަދު 3 މޭ 2025 (ހޮނިހިރު)   21:57
ސަރުކާރުގެ މުއައްސަސާތަކުން ކުރާ ބޭކާރު ހަރަދުތައް ކުޑަކޮށް، ރައްޔިތުންގެ ސިއްހީ ފަރުވާ އަދި އެހެނިހެން އަސާސީ ހިދުމަތްތަކަށް އިސްކަންދިނުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިސަރުކާރަށް ގޮވާލައްވައިފިއެވެ.

މިކަމަށް ގޮވާލައްވާ އާޒިމް މިއަދު އެކްސްގައި ޕޯސްޓެއްގައި ކުރައްވާފައި މިވަނީ، އައިޖީއެމްއެޗް (އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް) ގެ އެންއައިސީޔޫ (ކުޑަކުދިންނަށް ފަރުވާދޭ ޔުނިޓު) އެމްޑީއާރުއޯ (މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް) ކިޔާ ނުރައްކާތެރި ބެކްޓީރިއާއެއް ފެތުރި، ކުދިންތަކެއްގެ ހާލު ދެރަވެ އެކުދިންނަށް ރާއްޖެއިން ބޭރުން އިތުރުފަރުވާ ހޯދުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ފަރުވާދިން ކުދިންތަކަކަށް ނުރައްކާތެރި ބެކްޓީރިއާއެއް ޖެހިފައިވާކަން އައިޖީއެމްއެޗް އިން ހާމަކުރީ މިދިޔަ ބުރާފަތި ދުވަހުއެވެ. އެހެންކަމުން އެ މައްސަލައާ ގުޅޭ ގޮތުން އެކްސްގައި އާޒިމް ވިދާޅުވީ އައިޖީއެމްއެޗުން ހޮސްޕިޓަލްތަކުގައި ސާފުކުރުމަށް ބޭނުންކުރާ ޑިސްއިންފެކްޓަންޓު މިހާރު ހުސްވެފައިވާ ކަމަށެވެ.

މާލެ ސިޓީގެ ރައްޔިތުންނާއި ރާއްޖޭގެ ގިނަ ރައްޔިތުން ފަރުވާ ހޯދަމުންދާ މައި ހޮސްޕިޓަލްގެ ސިއްހީ ޚިދުމަތުގެ ކަންކަން މިހާ ދަށަށް ގޮސް، ބޮއްސުންލައި ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ، އެތައް ރައްޔިތުންނެއް ދަނީ ބޭސް ސިޓީއަށް ބޭސްނުލިބޭ ކަމުގެ ޝަކުވާތައް ކުރަމުން ކަމަށާ، އަދި އެރައްޔިތުން ވަނީ ބޭސް ފަރުވާއަށް ސަލާން ޖަހަން ޖެހިފައިކަމަށް ބުނަމުން އަންނަކަމަށެވެ.

"އައިޖީއެމްއެޗުން، ޑިސްއިންފެކްޓަންޓު ހުސްވެފައި ހުއްޓައި، އައިޖީއެމްއެޗްގެ ތުއްތު ކުދިންނަށް ފަރުވާ ދޭ ޔުނިޓް، އެންއައިސީޔޫގައި  ނުރައްކާތެރި ބައްޔެއް ފެތުރި ގިނަ ކުދިންތަކަކަށް އެ ބަލި ޖެހި އެ ކުދިންގެ ހާލުވަނީ ވަރަށް ބޮޑަށް ދަށްވެފައި.  މާލެ ސިޓީގެ ރައްޔިތުން އަދި ރާއްޖޭގެ ގިނަ ރައްޔިތުން، ސިއްހީ ފަރުވާ ހޯދަމުންދާ  މައި ހޮސްޕިޓަލްގެ ސިއްހީ ހިދުމަތުގެ ކަންކަން މިހާ ދަށަށް ގޮސް، ބޮއްސުންލައި  ދިޔުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. އެތައް ރައްޔިތުންނެއް ދަނީ ބޭސް ފަރުވާއަށް ސަލާމް ޖަހައި، ބޭސް ސިޓީއަށް ބޭސްނުލިބޭ ކަމުގެ ޝަކުވާތައް ކުރަމުން. ސަރުކާރުގެ މުއައްސަސާތަކުން،  ކުރާ ބޭކާރު ހަރަދުތައް ކުޑަކޮށް، ރައްޔިތުންގެ ސިއްހީ ފަރުވާ  އަދި  އެހެނިހެން އަސާސީ ހިދުމަތްތަކަށް އިސްކަންދިނުމަށް އަޅުގަނޑު ގޮވައިލަން." އާޒިމް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތު ދުވަހު އައިޖީއެމްއެޗުން އެ މައްސަލައާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެންމެ ފުރަތަމަ އެ ބެކްޓީރިއާގެ ކޭހެއް ފެނުނީ، 28 ހަފުތާއަށް ވުރެ ކުރިން އުފަންވެގެން އެންއައިސީޔޫގައި މިދިޔަ މާޗު މަހުގެ 27ގައި ފަރުވާ ދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގި ސާމްޕަލަކުން ކަމަށެވެ.

އަދި ޕޮޒިޓިވް ވެފައި ވަނީ ފަސް ކުދިން ކަމަށާ، އެ ކުދިންނަށް ފަރުވާ ދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. އަދި ހުސްވި އޭޕްރީލް މަހުގެ 15ގެ ފަހުން އޭގެ އިތުރު ކޭސްއެއް އެ ހޮސްޕިޓަލަށް އަދި  ރިޕޯޓުކޮށްފައިނުވާ ކަމަށާއި އައިޖީއެމްއެޗުން، ޑިސްއިންފެކްޓަންޓު ހުސް ނުވާކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ކޮމެންޓް