އާދަމް އާޒިމް، ލ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ އަހަރު ނިމުން ފާހަގަކުރުމުގެ ޖަލްސާ
ލާމަރުކަޒީ ނިޒާމަށް އެންމެ ބޭނުންބޮޑީ، ކައުންސިލްތަކުގެ އިގުތިސާދީ ބާރުވެރިކަން
ޖުނާން އަޙުމަދު 19 މޭ 2025 (ހޯމަ)   11:01
ރާއްޖެއަށް ތައާރަފުވެފައިވާ ލާމަރުކަޒީ ނިޒާމް ފުރައި ފުރިހަމަވެ ފައްކާ ވެގެން ދާއިރު، އެ ނިޒާމަށް އަންނަޖެހޭނެ ކަމަށް ދެކޭ އެންމެ ބޮޑު ބަދަލަކީ، ކައުންސިލްތަކަށް އިގުތިސާދީ ބާރުވެރިކަން ލިބުން ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވެފައި ވަނީ ހައްދުންމަތީ އަތޮޅުކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ އަހަރު ނިމުން ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ލާމަރުކަޒީ ނިޒާމަށް ވެރިކަން ކުރަން ފެށުނީ 1970 ގެ އަހަރުތަކުގައި ކަމަށާއި ގައުމުތަކުގައި މި ނިޒާމު ތަޢާރަފު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ، ތަރައްގީ ވަމުންދިޔަ ގައުމުތަކުގައި، މައި ސަރުކާރުގެ ދަށުގައި ހުރިހައި ބާރެއް އޮވެގެން ހިނގަމުން ދިއުމުން، ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި ފިކުރީ ގޮތުން، ރައްޔިތުން އެދޭ ހަލުއި މިނުގައި ތަރައްގަ ވަމުން ނުދިއުމުން، މި ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުން ބާރުއަޅަން ފެށި ކަމަށެވެ.

"މީގެ ނަތީޖާ މި ގައުމުތަކުން ފެނުނީ ވަރަށް އުޖާލާކޮށް. މީގެ ސަބަބުން މަދު އިގުތިސާދީ ވަސީލަތްތައް ބޭނުންކޮށްގެން، ރައްޔިތުންގެ ބޭނުންތައް ފުދޭ ގޮތަށް މަޝްރޫއުތައް ހިންގަން ފެށުނު. ދެ ފުށް ފެންނަ ސިޔާސަތެއް ކަނޑައެޅި، ހިދުމަތް ދޭން ތިބި މީހުންނާ މެދު ރައްޔިތުން ފާރަވެރުމުގެ ފުރުސަތު ލިބުނު. މީގެ ސަބަބުން ކޮރޮޕްޝަންނަށް ހުޅުވިގެންދާ ދޮރުތައް މަދުކުރެވުނު. އަދި ރައްޔިތުން ދައްކާ ޓެކްސް ފައިސާ ހަރަދު ކުރެވޭގޮތް، ރައްޔިތުންނަށް ގާތުން ފެންނަން ފެށި" މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ އުމުރުގެ ގޮތުންނާއި ޙަޟާރަތުގެ ގޮތުން ދިވެހި ރާއްޖެ ކިތަންމެ ދޮށި ނަމަވެސް މަލްޓިޕާޓީ، ޑިމޮކްރަސީ އުފަންވިތާ އަދި މިވަނީ 16 ވަރަކަށް އަހަރު ކަމަށާއި އުމުރުގެ ކިރިޔާ އަދި ތަސައްރަފު މި ފުދުނީ ކަމަށެވެ. އަދި ދުނިޔޭގައި މިވަގުތު ވެރިކަން ކުރަމުންދާ 13 ނިޒާމުގެތެރެއިން އެންމެ ގިނަ ގައުމުތަކުގައި ވެރިކަން ކުރަމުންދާ ނިޒާމަކީ މަލްޓިޕާޓީ ނިޒާމް ކަމަށް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

" 35% ޤައުމުގައި ވެރިކަން ކުރަނީ މި ނިޒާމަށް. މިއީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާ ހޯދައިގެން، ރައްޔިތުންގެ ބޭނުންތަކަށް އިސްކަން ދީގެން ވެރިކަން ކުރުމުގެ ނިޒާމު. " މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ރާއްޖޭގެ ވެރިކަން މަލްޓިޕާޓީ ނިޒާމު ބަދަލުވެގެން އައިއިރު، ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެ ނިޒާމުގެ ތެރެއިން އުފަންވި ލާމަރުކަޒީ ނިޒާމު ކަމަށާއި ލާމަރުކަޒީ ނިޒާމު ތައާރަފު ކުރެވުނީ، މި ފަދަ ކޮންމެ ކަމެއް ވެސް އަލަށް ތައާރަފުވާއިރު އުފެދޭ އަދި އުފެދޭނެ ޝައްކާއި ވަހުމުގެ ތެރެއިން ކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގައުމުތައް ހިންގުމަކީ ނުވަތަ ރަށްތަކާއި ސިޓީތައް ހިންގުމަކީ، ރާއްޖޭގައި ތަންކޮޅެއް ފަހުން ފެށި ކަމަކަށް ވިޔަސް، ދުނިޔޭގައި މި ނިޒާމަށް ވެރިކަން ކުރަމުން އަންނަތާ ލައްކަ ޒަމާން ވެއްޖެ ކަމަށެވެ.

ކޮމެންޓް