ސިޓީ ކައުންސިލްގެ އިހުމާލުން ޕަންޕު ސްޓޭޝަން ހަލާކުވެފައިވާކަމަށް ވިދާޅުވެ މިނިސްޓަރު ޢަބްދުﷲ މުއްޠަލިބު މީސްމީޑިއާގައި އިއްޔެ ދެއްކެވި ވާހަކައަށް ރައްދުދެއްވާ މޭޔަރު އާދަމް އާޒިމް، އިއްޔެ މީސްމީޑިއާގައި ވިދާޅުވީ އެ ޕަންޕު ސްޓޭޝަންގެ ބައިތައް ރޫޅާލިއިރު އެ ސްޓޭޝަން މަސައްކަތް ނުކުރާތާ ފަސް ވަރަކަށް މަސްދުވަސް ވެއްޖެ ކަމަށާ، އެ ސްޓޭޝަންގައި ހުރި ކަރަންޓު ބޯޑަށް ބަޔަކު ވަނީ ގެއްލުން ދީފައި ކަމަށެވެ.
މީގެއިތުރުން ޕަމްޕުތައް ހަލާކުވެފައިވާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަން ސާބިތުކޮށްދެއްވުމުގެ ގޮތުން އާޒިމް ވަނީ ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީތަކެއް ވެސް މީސްމީޑިއާގައި އާންމުކުރައްވާފައެވެ. އެ ސިޓީތައް ފޮނުވާފައި ހުރީ މިދިޔަ މަހު 25 އަދި މި މަހު 8 ވަނަ ދުވަހު އެވެ.
އަނެއްކާވެސް ރައްދުދެއްވާ މިނިސްޓަރު މުއްޠަލިބު މީސް މީޑިއާގައި ވިދާޅުވީ މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވިއްސާރަކުރި އިރުވެސް އެ ސްޓޭޝަން މަސައްކަތްކުރި ކަމަށާ އެއްވެސް މައްސަލައެއް އޭރު ފާހަގަކުރެވިފައި ނުވާއިރު، މާލެއަށް ވިއްސާރަކުރާ ކޮންމެ ފަހަރަކު މިނިސްޓްރީގެ މުވައްޒަފުން މާލޭގެ އެކި ތަންތަނުގައި ހުރި ޕަންޕު ސްޓޭޝަންތަކުގެ ހާލަތު ދަނީ ބަލަމުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިއްސާރައިގެ ސަބަބުން މާލެ ސިޓީގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ކޮންމެ ފަހަރަކު އެ މިނިސްޓްރީން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ ޕަންޕު ސްޓޭޝަންތައް އިންސްޕެކްޓްކޮށް އެ ސްޓޭޝަންތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލަމުން ކަމަށެވެ. އަދި މިގޮތަށް ބެލި ބެލުމުން މާފަންނު ސަހަރާގައި ގާއިމްކޮށްފައިވާ ޕަންޕު ސްޓޭޝަނާއި އެ ސްޓޭޝަނަށް ގުޅާފައިވާ ހޮޅިތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ކޮށްފައިވާކަން މިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ކޮންމެއަކަސް ޕަންޕު ސްޓޭޝަނަށް ގެއްލުން ވެފައި ވަނީ މޭލެ ސިޓީ ކައުންސިލުން މާފަންނު ސަހަރާގައި ކުރަމުންދާ މަސައްކަތެއްގެ ތެރެއިން ޕަންޕު ސްޓޭޝަނަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއްނެތި އެ ސަރަހައްދު ކޮނެފައި ވާތީ ކަމަށް ބުނެ ކޮންސްޓްރަކްޝަން މިނިސްޓްރީން، މާލޭ ސިޓީ ކައުންސިލާ މެދު ތުހުމަތުކުރަމުން ދިޔަނަމަވެސް ޕަންޕު ސްޓޭޝަން ހަލާކުވެފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ އިހުމާލުން ނޫންކަމަށާ، އެ ޕަންޕު ސްޓޭޝަންގެ ބައިތައް ރޫޅާލިއިރު ވެސް އެ ސްޓޭޝަން މަސައްކަތް ނުކުރާތާ ވަނީ ފަސް ވަރަކަށް މަސްދުވަސް ވެފައިކަމަށް ބުނެ މޭލެ ސިޓީ ކައުންސިލުން އެ ތުހުމަތުތަކުން ބަރީއަވެއެވެ.
ދެ މުއައްސަސާއިން ވެސް އިހުމާލުން ރެކުމަށް ދެމުންދިޔަ ރައްދުތައް މިހާރު ނިމުމަކަށް އައިއްސިއެވެ. މާފަންނު ސަހަރާތެރޭގައި ހުރި ފެން ހިންދާ ޕަންޕަށް ލިބުނު ގެއްލުންތައްވެސް ވަގުތީ ގޮތުން މިހާރު ރަނގަޅުކޮށް އޮޕަރޭޝަނަށް ގެނެސްފިއެވެ. އެ ޕަމްޕު ސްޓޭޝަން މަރާމާތު ކުރުމާ ގުޅޭގޮތުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މީސްމީޑިއާގައި ރޭ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މާފަންނު ސަހަރާގައި ބަހައްޓާފައިވާ ސްޓޯމް ވޯޓަރ ޕަންޕް ސްޓޭޝަނަށް ލިބިފައިވާ ގެއްލުން އެ ކޯޕަރޭޝަނާއި، މާލެސިޓީ ކައުންސިލު އަދި ސްޓެލްކޯއިން ގުޅިގެން ރަނގަޅުކޮށް، ބޭނުންކުރެވޭ ހާލަތައް ގެނެސްފައިވާ ކަމަށެވެ.
މި މަސައްކަތުގައި ކަމާބެހޭ ވުޒާރާގެ އެއްބާރުލުން ލިބުނުކަމަށް އާރުޑީސީން ބުނެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.