ނަންބަރު އައިނުގެ ވައްތަރުތަކެއް: އައިނު ހެއްދުމުގެ އިންތިޒާމު އައިޖީއެމް ހޮސްޕިޓަލުގައި ފެށުމަށް ވަނީ ނިންމާފައި
ސަރުކާރުން ނަންބަރު އައިނުގެ ވިޔަފާރި އަށް
މަރްޔަމް މުޙައްމަދު 31 މޭ 2025 (ހޮނިހިރު)   17:44
ނަންބަރު އައިނު ވިއްކުމުގައި އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމުގެ ގޮތުން މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް މެދުވެރިކޮށް އައިނު ހެއްދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނަންބަރު އައިނު ހެއްދުމަށް އާސަންދައިން ހަމަޖައްސައިދެނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު 1،000 ރުފިޔާ އެވެ. އެހެންނަމަވެސް އެ އަދަދު މާދަމާއިން ފެށިގެން 2،000 ރުފިޔާ އަށް ބޮޑުކުރައްވާނެކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ. 

"އެކަމަށްޓަކައި ހަދަންޖެހޭ ހުރިހާ ހިސާބެއް ހަދައި ނިންމައި، މިހާރު އަޅުގަނޑު ވާނީ، ކަމާބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާފައި. ޖޫން 1 އިން ފެށިގެން، އައިނު ހެއްދުމަށްޓަކައިދޭ 1،000 ރުފިޔާ، 2،000 ރުފިޔާއަށް ބޮޑުކުރެވިގެންދާނެ. އެއީވެސް މިގޮތަށް ސޭވްކުރާ ސޭވްކުރުމުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ކޮށްދޭ ކަމެއް،" ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

މިއަދު ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އައިނު ހެއްދުމަށް އާސަންދައިން ދޭ އަދަދު ބޮޑުކުރިނަމަވެސް ކުރިއަށްއޮތް ތަނުގައި އޭގެ ނާޖާއިޒުފައިދާ އަމިއްލަ ކުންފުނިތަކުން ނެގިޔަ ނުދެއްވާނޭކަމަށާއި، އައިނު ހެއްދުމުގެ ހިދުމަތް ސަރުކާރު ހޮސްޕިޓަލްތަކުން ލިބޭނޭ އިންތިޒާމް ހަމަޖައްސަވާނޭކަމަށެވެ.

ރައްޔިތުން ބޮޑުއަގުގައި ނަންބަރުއައިނު ހައްދަމުންގެންދާ މައްސަލައަކީ އެކަމަށް ހައްލު ހޯދައިދިނުމަށް ރިޔާސީ ކެމްޕެއިން ދުވަސްވަރު ރައްޔިތުން އެދުނު ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ އައިނު ހެއްދުމަށް އާސަންދައިގެ ފަރާތުން ކަވަރ ކޮށްދެމުން އަންނަ 1،000 ރުފިޔާގެ އަދަދު 2،000 ރުފިޔާއަށް ބޮޑުކުރަން ޖެހުނީ އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންކަމަށެވެ.

މިގޮތުން އައިނު ހެއްދުމަށް އާސަންދައިން ދޭ އަދަދު ބޮޑުކުރިނަމަވެސް ކުރިއަށްއޮތް ތަނުގައި އޭގެ ނާޖާއިޒްފައިދާ އަމިއްލަ ކުންފުނިތަކުން ނެގިޔަ ނުދެއްވާނޭކަމަށާއި، އައިނު ހެއްދުމުގެ ހިދުމަތް ސަރުކާރު ހޮސްޕިޓަލްތަކުން ލިބޭނޭ އިންތިޒާމް ހަމަޖައްސަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

"އައިޖީއެމްއެޗުގައި އަޅުގަނޑުމެން މި މަސައްކަތް ފަށާނަން. އައިޖީއެމްއެޗުގައި އައިނު ބިޒްނަސް ފަށާނަން. ދެން ޕްރައިވެޓް ސެކްޓަރުގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް އަޅުގަނޑަށް މައްސަލައެއް ނެތް،" ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދެމުންދާ ކަމަށާއި އެ އާދަ ރާއްޖެއިން ފިލުވާލަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ދުންފަތުގެ ވިޔަފާރި ހުއްޓާލައި އެހެން ކަމަކާ އުޅުމަށް ގޮވާލަމުންދާ ސަބަބު ކަމަށް ރައީސް ވިދާޅުވި އެވެ.

"ޕްރައިވެޓް ސެކްޓަރގައި އައިނު ވިޔަފާރި ކުރާ މީހުން ކިތަންމެ ހިތްހަމަ ނުޖެހުނަސް އަޅުގަނޑުގެ މައްސަލައެއް ނެތް. އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވައިލުން. އެހެންވެ މި ދެންނެވީ ސިނގިރޭޓް ބިޒްނަސްވެސް ހުއްޓާލާފައި އެހެން ކަމަކަށް ވަޑައިގަންނަވާށޭ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ސިއްޙަތު. ދެން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތައްވެސް ޖެހޭނީ އައިޖީއެމްއެޗާ ވާދަކުރަން." ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އަނެއްކާ ވެސް އާ ވިޔަފާރިއެއްގެ ތެރެއަށް ވަންނާނެކަން ރައީސް މުއިއްޒު މިއަދު އިއުލާނު ކުރެއްވި އިރު އަމިއްލަ ކުންފުނިތަކުން ކުރަމުންދާ ބައެއް ވިޔަފާރިތައް ހުއްޓާލުމަށް ވެސް ރައީސް މުއިއްޒު ގޮވާލައްވާފައި ވެއެވެ. އެގޮތުން، ކުއްލި ގޮތަކަށް ގާނޫނާއި ގަވާއިދުތައް ވުޖޫދުކޮށް ބައެއް ވިޔަފާރިތައް ހުއްޓުމަކަށް ގެންނަން މަޖުބޫރުކޮށްފައިވެސް އެބަހުއްޓެވެ. މިއަދު ވާހަކަ ދައްކަވަމުން އެ އިޝާރާތްކުރެއްވި "ސިނގިރޭޓް ބިޒްނަސް" އަކީ ވެސް ރައީސް މުއިއްޒު ވަރަށްބޮޑަށް ފާޑުވިދާޅުވެ، ގާނޫނާއި ގަވާއިދުތައް ހަރުކަށި ކޮށްފައިވާ ވިޔަފާރިއެކެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނަބަޔަކު ނަންބަރު އައިނު ބޭނުންކުރަމުން އަންނައިރު، އައިނު ހެއްދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމަކީ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. އާސަންދައިން 1،000 ރުފިޔާ ކަވަރު ކުރިނަމަވެސް، އައިނު ހެއްދުމަށާއި އައިނުގެ ދުނިގަނޑަށް ނަގާ އަގު ބޮޑުވުމަކީ ރައްޔިތުންގެ ވަރަށްބޮޑު ޝަކުވާއެކެވެ.

ކޮމެންޓް