ގަލޮޅު ދެކުނު ދާއިރާ މެންބަރު، މީކާއިލް އަޙުމަދު ނަސީމް - ފޮޓޯ: މަޖިލިސް
މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅާތީ ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
ޖުނާން އަޙުމަދު 5 މޭ 2025 (ހޯމަ)   13:50
ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭގޮތަށް ރިޔާސަތުން އަމަލުކުރަމުން ގެންދާތީ، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކައިލް އަޙުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު މިއަދު ބޭރުކޮށްލައިފި އެވެ.

އެ ގަރާރު ބަލައިގަތުމަށް އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވި ނަމަވެސް ގަރާރު ބޭރުކޮށްލީ 61 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

މީކާއިލް ހުށަހެޅުއްވި މި ގަރާރުގެ ބަހުސް ކުރިއަށް ގެންދިޔައީ ގަރާރު ހުށަހެޅުއްވިތާ ހަފްތާއެއް ވަނިކޮށް މިދިޔަ އަންގާރަ ދުވަހުއެވެ. އެދުވަހު ބަހުސްއަށް ހުޅުވާލުމުން، ގަރާރު ހުށަހަޅުއްވަމުން މީކާއީލް ފާހަގަ ކުރެއްވި އެއް ކަމަކީ ވަޒީރުންނާ ސުވާލުކުރުމަށް ނޯޓިސް ފޮނުވާ އެތައް ދުވަހެއް ވެގެންދާއިރުވެސް، އެކި އުޒުރުތައް ދައްކަވައި ވަޒީރުން މަޖިލީހަށް ހާޒިރުވެވަޑައި ނުގަންނަވާ މައްސަލައެވެ. އަދި ރިޔާސަތުން އެ ސުވާލުތައް އެޖެންޑާ ނުކުރައްވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބަހުސް އަށް ފުރުސަތަށް ހުޅުވައިލައްވަމުން އެދުވަހު ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވަޒީރުން ހާޒިރުކުރުން ލަސްވަނީ ސުވާލު ރައްދުވާ ވަޒީރާއި އެ ސުވާލު ހުށަހަޅުއްވާ މެންބަރުން ވެސް ގިނަފަހަރު ރާއްޖޭގައި ނޫޅުއްވާތީ ކަމަށެވެ.

އަދި ސުވާލުކުރެއްވި މެންބަރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ހުންނެވުމަކީ ވެސް ވާންޖެހޭ ކަމެއްކަމަށް ވިދާޅުވެ ނާޒިމް ވިދާޅުވީ، ވަޒީރުންނާ ސުވާލުކުރުމާ ގުޅޭ ގޮތުން ދަންނަވާލަން އޮތް ވާހަކައަކީ މިހާރު ވަޒީރަކަށް ސުވާލެއް ފޮނުވުމަށް ފަހު ގާނޫނީ ގޮތުން ދޭ ނޯޓިސް ދިނުމުން، ވަޒީރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ރާއްޖޭގައި ހުންނެވުމަކީ އެ ބޭފުޅާ ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

މި ގަރާރުގައި ބުނެފައި ވަނީ ވެރިކަން ހިންގުމުގެ ބާރުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގާ ބާރު ޖަވަބުދާރީ ކުރުވުމުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް ކަމަށާ، ނަމަވެސް ދައުލަތުގެ ވަޒީރުންނާ ސުވާލު ކުރުމަށް މަޖިލީހުގެ ރައީސް މެދުވެރިކޮށް މެންބަރުން ފޮނުވާފައިވާ ނޯޓިހުގެ މުއްދަތު ހަމަވާތާ އެތައް ދުވަހެއް ފާއިތުވެގެންދިޔައިރު ވެސް އެ ވަޒީރުން މަޖިލީހަށް ހާޒިރުވެ ޖަވާބު ދީފައި ނުވާ ކަމަށެވެ.

އަދި ވަޒީރުންނާ ސުވާލު ކުރުން މަޖިލީހުގެ އެޖެންޑާގައި ނުހިމަނައި މަޖިލީހުގެ ރައީސް ލަސް ކުރަމުންދާ ކަމަށާ، އެއްވެސް މަގުބޫލު ސަބަބެއް ނެތި، ސަބަބު ބަޔާން ކުރުމެއް ވެސް ނެތި މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ރައީސް ނުބާއްވާކަން ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެ ކަންކަމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލީހުގެ ރައީސް ކުރައްވަމުން ގެންދަވާ ކަމެއް ކަމަށް ވާތީ މީކާއިލްގެ ގަރާރުގައި ގޮވާލާފައި ވަނީ މަޖިލީހުގެ މެންބަރުން އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށެވެ.

މަޖިލިސް ޖަލްސާތައް ބާއްވަން ކަނޑައަޅާފައިވާ ދުވަސްތަކުގައިވެސް ގަވައިދުން ޖަލްސާތައް ނުބާއްވާތީ އެކަމުގެ ކަންބޮޑުވުން ބައެއް މެންބަރުންނާއި އާންމުން ފާޅުކުރަމުން ދަނިކޮށް، މީކާއީލް ހުށަހެޅުއްވި މި ގަރާރު ބޭރުކޮށްލާފައި މިވަނީ ވެސް ސީދާ ރައީސް މުއިއްޒުގެ އެންގެވުމުގެ މަތިންކަމަށް ބައެއް މެންބަރުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.

ކޮމެންޓް