ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އުފުލަންޖެހޭ ދައުލަތުގެ މުއައްސަސާތަކުން އިހުމާލު ވަމުންދާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.
ކުއްލިމައްސަލައެއްގެ ގޮތުގައި މިކަން ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހިމް އެވެ. ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތެރެއިން 12 މެންބަރުން އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓުދެއްވި ނަމަވެސް، މައްސަލަ ބަލައިނުގަތުމަށް 44 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
އޭޑީއެޗްޑީ އާއި އޯޓިޒަމް ފަދަ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ސިއްހީ އެކި އެކި އާލަތްތަކާއި އެކުދިންނަށް ދޭންޖެހޭ ބޭސް ރާއްޖޭގެ ބޭސް ފިހާރަތަކުން ލިބެމުންނުދިޔުމުގެ ސަބަބުން ވެސް އާއިލާތަކަށް ގިނަގުނަ ތަކުލީފުތައް ތަހައްމަލުކުރަން ޖެހިފައިވާ ކަމަށް މި ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުޑަކުދިންނަށް ގާނޫނުތަކުންނާއި، އިންސާނީ ހައްގުތަކާއި، ކުޑަކުދިންގެ ހައްގުތަކާއި ބެހޭ އެންމެހާ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް ލިބޭނެ މަގުފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާއި ރާއްޖެއިން ބޭރުގައި ވެސް ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ގާނޫނުތަކުން ދައުލަތަށް ލާޒިމުކުރާ މާލީ އެހީތެރިކަމާއި، ހާއްސަ ރައްކާތެރިކަން އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި، އެންސްޕާ (ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ) އާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށާ، އެ ގޮތުން ތެރަޕިއުޓިކް ހިދުމަތްތައް ސަރުކާރުގެ އެހީގައި ހިލޭ ލިބޭނެ ހިދުމަތް 2019 ގައި ތައާރަފުކުރެވިގެން ގޮސްފައިވީ ނަމަވެސް، ފާއިތުވި އަހަރު ދުވަހުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ސަރުކާރުން އަދާ ކުރަމުން ނުދިޔުމުގެ ސަބަބުން، ތެރަޕީ ނެގުމަށް ދައްކަން ޖެހޭ ފައިސާ، އެކުދިންގެ އާއިލާތަކުން ދައްކަން ޖެހުމުގެ ކަންބޮޑުވުން ވެސް މި ކުއްލި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.