މި މަޝްރޫއާ ގުޅިގެން، އެ ކުންފުންޏާއި ދިވެހި ސަރުކާރާއެކު ނެރުނު ބަޔާނެއްގައި ބުނީ އެ އިންވެސްޓްމަންޓުން ބިނާ ކުރާނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް އަމާޒުކޮށްގެން އަޅާ ފައިނޭންޝަލް ފްރީ ޒޯނެއް ކަމަށާ، ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މި މަޝްރޫއުއަށް އެމްބީއެސް ގްލޯބަލް އިންވެސްޓުމެންޓުން، 8.8 ބިލިއަން ޑޮލަރު އިންވެސްޓުކުރާނެ ކަމަށެވެ.
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އެ މަޝްރޫއުއަށް ނުހަނު ތާއީދުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ވާހަކަ ދައްކަވާފައެވެ. އެހެންކަމުން އެ ވާހަކަތަކަށް ރައްދު ދެއްވާ، މިއަދުގެ ޖަލްސާގައި ޝަމްހީދު ވިދާޅުވީ، ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއްގެ ކުންފުނި ގަތަރުގައި ރަޖިސްޓްރީކުރުމުގެ ބަދަލުގައި ރަޖިސްޓްރީކޮށްފައި ވަނީ ވެސް ދުބާއީގައި ކަމަށާ، މެލޭޝިއާގައި ވެސް އެ ކުންފުނީގެ އޮފީހެއް ހުންނަ ކަމަށެވެ.
އަދި ވިކިޕީޑިއާ އާއި މުޅި އިންޓަނެޓު ހޭވިއިރު ވެސް އެ ކުންފުނިން ކުރި ކަމެއް ނުވަތަ ހާސިލުވި ކަމެއް ވެސް މިހާތަނަށް ފެނިފާ ނުވާކަމަށް ވިދާޅުވެ ޝަމްހީދު ވިދާޅުވީ، މިފަދަ އެތައް ސަބަބެއް މިކަމުގައި ހުރުމުން މިއީ ޝައްކާއި ވަހުމުގެ ތެރޭގައި އޮތް ޕްރޮޖެކްޓެއް ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.
ތާކުންތާކު ނުޖެހޭ ކުންފުނިތަކަކާއެކު އެއްބަސްވުން ހަދައި، ބޮޑެތި ރަސްމިއްޔާތުތައް ބާއްވައިގެން މަޝްރޫއުތަކެއް ނުގެނެވޭނެ ކަމަށް ވިދާޅުވެ ޝަމްހީދު ވިދާޅުވީ، މިފަދަ އިންވެސްޓްމަންޓުތައް ހޯދާނަމަ ރައްޔިތުންނަށް އޮޅުވައިނުލައި މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
މި ޕްރޮޖެކްޓާ ގުޅިގެން ޝައްކު އުފެދޭ ކަންތައްތަކެއް ފެންނަން ހުރި އިރު، ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ވެސް މި ސަރުކާރުން ފެށީ ވަރަށް ބޮޑު ކުރިއެރުމެއް ރާއްޖެއަށް މާލީގޮތުން އަންނާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އެންމެފަހުން އެ މަޝްރޫއު ވެސް މިހާރުވަނީ ރައްޔިތުންނަށް ބިލާހަކަށް ވެފައެވެ.