މިކަމާގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅާފައި މިވަނީ، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަޙުމަދު ޝަމްހީދުއެވެ. މައްސަލަ ހުށަހަޅުއްވަމުން ޝަމްހީދު ވިދާޅުވީ، ކުއްލިއަކަށް މުޅި މާލެއިން ކަރަންޓު ދިޔުމަކީ ސިއްހީ ހިދުމަތްދޭ ތަންތަނުން ފަރުވާ ހޯދަމުންދިޔަ މީހުންނަށާއި އެތަނުގައި ބޭނުންކުރާ އާލާތްތަކަށް ގެއްލުންވާނެ ކަމެއް ކަމަށާ، އަދި މިގޮތަށް މުޅި މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ދިޔުމަކީ މީގެ ކުރިން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.
އަދި މީގެއިތުރުން މާލެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް މިކަމުގެ ސަބަބުން ގެއްލުންވެ، ރާއްޖޭގެ މައި ދޮރޯށި ކަމުގައިވާ އެއާޕޯޓު ހުއްޓުމަކަށް އައުމުގެ ސަބަބުން އެތައް ޓޫރިސްޓުންނަށް ބުރޫ އަރައި، މުއާސަލާތީ ހިދުމަތްތައް ހުއްޓުމަކަށް އައުމުގެ ފުރުސަތު ވެސް އޮތް ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
އެހެންކަމުން، މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައާ ބެހޭ ގޮތުން މަޖިލީހުގައި ބަހުސްކޮށް އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ މަގުސަދުގައި މި މައްސަލަ ހުށަހެޅި ނަމަވެސް، މައްސަލައާ މެދު ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމުން އެކަމަށް ތާއީދުކުރެއްވީ އެންމެ ނުވަ މެމްބަރުންނެވެ. އެ މައްސަލާއާ މެދު ބަހުސް ކުރަން ނުފެންނަ ކަމަށް 43 މެމްބަރުން ވޯޓު ދެއްވުމުން، އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލިއެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވި ސީދާ ސަބަބު އަދި ނޭނގޭ ކަމަށާ، ކަރަންޓު ކެނޑުމުން ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެއިންނާއި ހުޅުމާލެ އަދި ވިލިމާލެއިން ކަރަންޓު ކެނޑުނީ އިއްޔެ މެންދުރު 1:00 ޖަހާ އެހާކަންހާއިރުއެވެ. އޭގެފަހުން އެކި ހިސާބުތަކަށް މަޑުމަޑުން ކަރަންޓު ދީ މައްސަލަ ހައްލުކުރެވުނީ އިއްޔެގެ އިރުއޮއްސި 6:00 ވީ ފަހުންނެވެ.
ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް މުއިއްޒު އަންގަވާފައިވުމުން، ސްޓެލްކޯ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން ފުލުހުން ވެސް އިއްޔެ ވަނީ އެމައްސަލަ ބަލަން ފަށާފައެވެ.