ގަތަރުގެ ޝާހީ އާއިލާ އަށާއި ސައޫދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ދެ ބޭފުޅުންކަމަށް ސަރުކާރުން ބުނަމުންއަންނަ ދެބޭފުޅުން، ރައީސް މުއިއްޒުއާ އެކު
ގޮތް ނޭނގޭ ޕްރިންސަކާއި އަޑި ނޭނގޭ ކުންފުންޏެއްގެ ސްކޭމްގައި ސަރުކާރު ޖެހިއްޖެ
ޖުނާން އަޙުމަދު 7 މޭ 2025 (ބުދަ)   13:53
ގޮތް ނޭނގޭ ޕްރިންސަކާއި އަޑި ނޭނގޭ ކުންފުންޏެއްގެ ސްކޭމްގައި ސަރުކާރު ޖެހިއްޖެ ކަން ހާމަވެއްޖެއެވެ.

ފަހަދް ސައުދު އަލްޝަލަން އަކީ ސައޫދީގައި ރަސްކަން ކުރައްވާ ޝާހީ އާއިލާ އަށް ނިސްބަތްވާ ބޭފުޅެއްކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހޯމަދުވަހު ބައްދަލު ކުރެއްވި ފަހަދް ރާއްޖެ ވަޑައިގަތީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއު އިފުތިތާހު ކުރުމާއި ބިންގާ އެޅުމުގެ ރަސްމިއްޔާތަށެވެ.

އެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން ސަރުކާރުން ހާމަކުރައްވާ ހުރިހާ މައުލޫމާތު ތަކެއްގައި ވެސް ވަނީ "ހިޒް ރޯޔަލް ހައިނަސް ޕްރިންސް" މި ލަގަބު ފަހަދް ސައުދު އަލްޝަލަން އަށް ދީފައެވެ.

ފަހަދްއަކީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ސަރުކާރުން މައުލޫމާތު ދެމުން ދިޔަ ނަމަވެސް، މި ބައްދަލު ކުރެއްވުމުގައި އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އެއް ކަމަކީ، އެ ބައްދަލު ކުރެއްވުމުގައި ރާއްޖޭގައި ގާއިމްކޮށްފައި ހުރި ސައޫދީއަރަބިޔާ އެމްބަސީގެ އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައިގެންފައި ނުވާކަމެވެ.

މައުލޫމާތު ލިބޭގޮތުގައި އެ ބޭފުޅާއަކީ ސައޫދީގެޝާހީ އާއިލާގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ނުވާއިރު، ޝާހީ ލަގަބު އޭނާއަށް ދިވެހި ސަރުކާރުން ދިނުމުން އެކަމުގެ ކަންބޮޑުވުން ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ހުށަހަޅާފައެވެ. 

އަދި އިންޓަނެޓުން ލިބެންހުރި ގިނަ މައުލޫމާތު ތަކުން ވެސް އެނގި ހާމަވާގޮތުގައި، ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ދަރިފަސްކޮޅު ނުވަތަ ފެމެލީ ޓްރީގައި ފަހަދްގެ ނަން އެއްގޮތަކަށް ވެސް ފެންނާކަށް ނެތެވެ.

މިފަދައިން މިކަން އޮއްވާ އަނެއްކާ ވެސް ޝާހީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެއްގެ ބޮޑު ކުންފުންޏަކާ އެކު ވަރުގަދަ މަޝްރޫއެއް ކަމަށް ބުނެ، ސަރުކާރުން ބިޔަ ބޮޑު މަޝްރޫއެއް އިއުލާން ކޮށްފިއެވެ. މިފަހަރު ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްގެ ކުންފުންޏަކާ އެކުއެވެ.

8.8 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އެއްބަސްވުމަކީ، އެމްއައިއެފްސީ (މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު) ގާއިމުކުރުމުގެ ގޮތުން އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ އެކު ހެދި އެއްބަސްވުމެކެވެ.

ނަމަވެސް މި ކުންފުނީގެ ހަގީގަތް ބަލައިލުމުން ވެސް ފެންނަން އޮތީ އެ ކުންފުންޏަކީ، ގޮތް ނޭނގޭ ކުންފުންޏެއްކަމެވެ. އަދި ކުންފުނީގެ ރަޖިސްޓްރީ ވެސް ވަނީ މުއްދަތު ހަމަވެފާކަމެވެ.

ފެންނަންހުރި އެތައް މައުލޫމާތު ތަކަކުން ހާމަވާ ގޮތުގައި، ގަތަރުގެ މި ޝާހީ ބޭފުޅާގެ ކުންފުނި ހިންގަނީ ވެސް ގަތަރުގައެއް ނޫނެވެ. ކުންފުނީގެ ރަސްމީ ވެބްސައިޓުން ކުންފުނި ހިންގަނީ ޔޫއޭއީގައިކަން ފެންނަން އެބައޮތެވެ. ޔޫއޭއީގެ އިތުރުން އިންޑިއާ އާއި މެލޭޝިއާ އަދި އިނގިރޭސިވިލާތުގައި ވެސް އެ ކުންފުނީގެ އޮފީސްތައް އެބަހުއްޓެވެ. 

އަދި ދުނިޔޭގެ މާލީ މުއާމަލާތްތައް ހިންގާ ބައިނަލްއަގުވާމީ ކުންފުނިތަކުން ރަޖިސްޓްރީ ކުރަންޖެހޭ އެލްއީއައި (ލީގަކް އެންޓިޓީ އައިޑެންޓިފަޔާ) ގެ ހުއްދަ، އެކުންފުނިން ހޯދާފައި ވަނީ ހުސްވި 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

އެ ކުންފުނިން ހިންގި ބޮޑު ޕްރޮޖެކްޓެއް ފެންނާކަށް ނެތެވެ. އެހެންކަމުން އެއީ ވެސް ސަރުކަރު ޖެހިފައިވާ ސްކޭމެއްގެ ގޮތުގައި އެއްބަޔަކު ސިފަކުރެއެވެ. އަނެއްބަޔަކު ބުނާގޮތުގައި އެ ޕްރޮޖެކްޓަކީ ނަމެކެވެ. ކަމަކަށް ވާނީ އެނަމުގައި ދައުރުކުރާ "ކަޅު ފައިސާ" އެވެ. އެއީ އެކަމަށްޓަކައި ދައްކާ މަންޒަރުތައް ކަމަށް އެގޮތަށް ދެކޭ މީހުން ބުނެއެވެ. 

ސައުދީ އަރަބިޔާގެ ޝާހީ އާއިލާގެ ބޭފުޅާ ފަދައިން، ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ކަމަށް ބުނާ، ޝެއިޚް ނާއިފް ބިން ޢީދު އަލް ޘާނީ އަކީ އެތައް ހާސް މެންބަރުންނެއް ހިމެނޭ ގަތަރުގެ އެ ޝާހީ އާއިލާއާ އެއްވެސް ވަރެއްގެ ގާތްކަމެއް ރަމްޒުކޮށްދޭ އެއްވެސް ރަސްމީ ލިޔެކިޔުންތަކެއް ފެންނާކަށް ނެތެވެ. އަދި އޭނާ ގަތަރުގެ އެއްވެސް މަތީ މަގާމެއް އަދާކޮށްފައި ވެސް ނެތެވެ.

ކޮންމެ ގޮތެއްގައި ވިޔަސް މި މުއާމަލާތުގެ ހުރިހާ ތަފުސީލުތަކެއް ސަރުކާރުން ރައްޔިތުންނަށް ހާމަކުރަން ޖެހޭނެއެވެ. ގޮތް ނޭނގޭ ޕްރިންސަކާއި އަޑި ނޭނގޭ ކުންފުންޏެއްގެ ސްކޭމްގައި ސަރުކާރުން ޖެހިއްޖެ ނަމަ އެކަމުގެ ޒިންމާ ވެސް ވަލިއްޔުލް އަމްރު ނަންގަވަން ޖެހޭނެއެވެ.

ކޮމެންޓް