މިކަމާގުޅިގެން ފުލުހުން ބުނީ، މިއަދު އެމީހުންނަށް ރިޕޯޓްކުރި ސިނގިރޭޓު ވަގަށް ނެގުމުގެ މި މައްސަލައަކީ އިއްޔެ ރޭ ހިނގާފައިވާ ކަމެއް ކަމަށެވެ.
ފިހާރައިގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވަގަށް ނަގާފައި ވަނީ މަލްބަރޯ ބްރޭންޑުގެ ތިން ކޭސް ސިނގިރޭޓު ކަމަށާ، އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، އަދި މިހާތަނަށް އެއްވެސް މީހަކު އެކަމާގުޅިގެން ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް، ހަމަ ފުވައްމުލަކު ޔޫރޯ ސްޓޯރުގެ ގުދަނަކުން 130 ކާޓޫން ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން މިހާރު ވެސް ތަހުގީގު ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
އަދި މީގެއިތުރުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ 221 ކާޓަންގެ ސިނގިރޭޓް، ޕިކަޕަކުން އެއްލައިލާފައި އޮތް ކަޅު ދަބަސްތަކަކުން ފުލުހުން ރޭ ހޯދާފައި ވާއިރު، ދާދި ފަހުން މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ވެސް ވަނީ ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނު 13.6 މިލިއަން ސިނގިރޭޓު ކަސްމަޓްސްއިން އަތުލައިގެންފައެވެ.
އެ ސިނގިރޭޓުތައް އަތުލައިގަތީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ފްލައިވުޑް ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް ރިޕޯޓެއް ކަސްޓަމްސްއަށް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ސީކާގޯ ޓާމިނަލުންނެވެ.