އެއްލާލި ކަޅު ދަބަސްތަކުން ނެގި 221 ކާޓަންގެ ސިނގިރޭޓު - ފޮޓޯ: ޕޮލިސް
ކަސްޓަމުން ސިނިގިރޭޓްތަކެއް ވަގަށްނަގައިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި
މަރްޔަމް މުޙައްމަދު 18 މޭ 2025 (އާދީއްތަ)   12:45
ކަސްޓްމަސް ބޮންޑެޑްވެއާ ހައުސްއަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ސިނގިރޭޓްތަކުގެ މައްސަލައިގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

މި ސިނގިރޭޓުތައް ފުރަތަމަ ފެނިފައި ވަނީ، ޕިކަޕަކުން މަގުމައްޗަށް އުކާލާފައި ދިޔަ ކަޅު ކޮތަޅުތަކެއް ގެތެރެއިން މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ. އޭގެ ތެރޭގައި 200 އަށްވުރެ ގިނަ ސިނގިރޭޓް ކާޓަން ހިމެނެއެވެ.

އެ ވެއާހައުސްގައި މަސައްކަތްކުރާ ބަގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފައި ވާއިރު، ފުރަތަމަ އެ ޕިކަޕުގައި ތިބި މި ތިން މީހުން މި ތަކެތި މަގުމައްޗަށް އުކާލާފައި، ފުލުހުން ފެނުމުން ފިލަންދުވިކަމަށް ފުލުހުން އޭރު ބުންޏެވެ.

ހައްޔަރުކޮށްފައިވާ މީހުންނަކީ:

  • އެމްޑީ މަންނާން މޮންޑޮލް، 43އ.
  • މުޙައްމަދު ސުލައިމާން، 42އ.
  • ރެޒައުލް ހައްގު، 39އ.

މި މީހުން ދޫކޮށްލުމަށް ނިންމާ ކޯޓުން އަމުރު ނެރުނީ، އެ މީހުންގެ ބަންދުގެ މުއްދަތަށް ޖަހާފައިވާ 10 ދުވަހުގެ މުއްދަތް ހަމަވުމުން އަލުން 10 ދުވަސް ޖަހައިދިނުމަށް އެދި ކްރިމިނަލްކޯޓަށް ގެންދިޔުމުން އެ ކޯޓުންނެވެ.

އެމީހުންގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުކޮށް، ޝަރުތުތަކާއެކު އެމީހުން ދޫކޮށްލާފައިވާއިރު، އެ އަމުރުގައި ވަނީ، އެމީހުން ބަންދުގައި ތިބޭތާ 10އަކަށް ވުރެ ގިނަ ދުވަސްވީއިރު، މިފަދަ ސިނގިރޭޓުތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން އަދި ފުލުހަށް ރިޕޯޓުކޮށްފައި ނުވާކަމަށާ، އަދި މިމީހުންނަކީ އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ ފަރާތްތަކެއް ކަމަށެވެ.

ކޮމެންޓް