ފުއައްމުލަކު މިސްކިތެއްގައި ކުޅެފައިވާ ޓިކްޓޮކް ވީޑިއޯ ކަމަށް ބުނާ ވީޑިއޯގެ ސްކްރީންޝޮޓެއް
މިސްކިތުގައި ޓިކްޓޮކް ކުޅުނު މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ
މިކަމުގެ ޒިންމާ ނަގަންޖެހޭނީ އެކުދިންގެ ބެލެނިވެރިންނާއި ޓީޗަރުން - އާންމުން
މުޙައްމަދު ޤާސިމް 8 ޖުލައި 2025 (އަންގާރަ)   12:39
ފުއައްމުލައް ސިޓީގެ މިސްކިތެއްގައި ކުޅެފައިވާ ކަމަށް ބުނާ ޓިކްޓޮކް ވީޑިއޯއެއް މީސްމީޑިއާގައި އާންމުކުރުމުން އެކަމުގެ ކަންބޮޑުވުންތައް އާންމުން މީސްމީޑިއާގައި އުފުލަން ފަށައިފިއެވެ.

މީސްމީޑިއާގައި މިއަދު ދައުރުވަމުން އަންނަ، އެ ވީޑިއޯގައި ފެންނަނީ މިއުޒިކާއެކު އިނގިރޭސި ލަވައަކަށް 5 ފިރިހެން ކުދިން ނަށާ މަންޒަރެވެ. އަދި އެ ވީޑިއޯއިން ފެންނަގޮތުން ވީޑިއޯ ތައްޔާރުކޮށް ފުރަތަމަ ޕޯސްޓްކޮށްފައި ވަނީ މީސް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައެވެ.

އެ ވީޑިއޯއިން ފެންނަ ކުދިންނަކީ އަދި 18 އަހަރުންދަށުގެ ކުދިންކަމަށާ، އެހެންކަމަށް ވާނަމަ އެކުދިންނަކީ ކޮންމެވެސް ސްކޫލެއްގައި ތައުލީމް ހާސިލްކުރަމުން އަންނަ ކުދިންކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އެހެންކަމުން އެ ވީޑިއޯއަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކާއެކު ނުރުހުން ފާޅުކޮށް އާންމުން ވަނީ ގިނަ ކޮމެންޓްތަކެއް ކޮށްފައެވެ. އެގޮތުން ގިނަބަޔަކު ބުނަނީ މި އުމުރުގެ ކުދިން މިސްކިތްފަދަ ތަންތަނަށް އިހުތިރާމުނުކޮށް، އެތަންތަނުގެ ހުރުމަތް ކަނޑާލަމުން އެދަނީ، އެކުދިންނަށް ތަރުބިއްޔަތު ދިނުމުގައި މައިންބަފައިން އިހުމާލެފައި ވުމުގެ ސަބަބުން ކަމަށެވެ.

އެއްބަޔަކު އެކުދިންގެ މައިންބަފައިން ގެ ބޮލުގައި އެކަން އެޅުވި ނަމަވެސް އަނެއް ބަޔަކު ބުނަމުން އަންނަނީ އެއީ އެކުދިންނަށް ކިޔަވައިދޭ ސްކޫލަކުން އެކަށީގެންވާ މިންވަރަށް ދުރޫސުލް އަހުލާގު އެކުދިންނަށް ބުނެ ނުދޭތީ ދިމާވާ މައްސަލަ ކަމަށާ، އެކަންކަމުގެ ޒިންމާ ނަގަންޖެހޭނީ އެކުދިންނަށް ކިޔަވައިދޭ ޓީޗަރުންނާއި ސްކޫލްގެ ޕްރިންސިޕަލް ކަމަށެވެ.

ފާއިތުވި 2024 ވަނަ އަހަރުގެ ޖޫންމަހުގައި ރ. މީދޫ މިސްކިތެއްގައި ވެސް މީހަކު ޓިކްޓޮކް ކުޅުނު މައްސަލައެއް ފެންމަތިވުމުން ފުލުހުން ވަނީ އެމައްސަލަ ބަލާ ފިޔަވަޅު އަޅާފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ މިސްކިތުގައި ޓިކްޓޮކް ކުޅުނު އެ މީހާއަކީ އީދަށް އެ ރަށަށް ގޮސްއުޅުނު އަންހެނެއް ކަމަށާ، އޭނާ ނިސްބަތްވަނީ މީދޫއަށް އީދު ޝޯދިނުމަށް ގޮސްތިބި ނަށާ ގުރޫޕަކަށް ކަމަށެވެ.

ކޮމެންޓް