
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އާއްމު ރައްޔިތުންނަށް މާލެސިޓީގައި ކާރު ރަޖިސްޓްރީ ނުކުރެވޭ މައްސަލައަށް އިޝާރާތް ކުރައްވައި، މާވަށު ދާއިރާގެ މެންބަރު އަޙުމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިހާރުގެ ގާނޫނުގެ ތެރެއިން ރަޖިސްޓްރީ ކުރަން ހުށަހަޅާ އެއްވެސް ވެހިކަލެއް ރަޖިސްޓްރީ ނުކޮށްދީ ނޯންނާނެ ކަމަށާ، އަދި އެކަން ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
ސަރުކާރުން ފެއްޓުމަށް ތައްޔާރުވެފައިވާ ޓެކްސީ ލައިނަށް އިޝާރާތް ކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ، މިއީ ރާއްޖޭގައި މުޅިން އަލަށް ކުރިއަށް ގެންދާ، އިލެކްޓްރިކަލް ވެހިކަލް ޓެކްސީ ލައިނެއް އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާ، މި މުޅި މަޝްރޫއުގައި ހިމެނިގެންދާނީ ހަމައެކަނި ކާރު ނޫން ކަމަށް ވިދާޅުވެ، އެއަށްވުރެ ފުޅާ ދާއިރާއެއްގައި މިކަން ކުރިއަށް ގެންދާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ހިދުމަތްދޭ މީހުން އެ ހިދުމަތް ދޭ ބޭނުންވަނީ އެމީހުން ބޭނުންވާ ދުވަހެއްގައި، ބޭނުންވާ ވަގުތެއްގައި ކަމަށްވާތީ، ކަސްޓަމަރުން ބޭނުންވާ ވަގުތުތަކުގައި ހިދުމަތް ނުލިބި، ދަތިއުދަނގޫތަކެއް ކުރިމަތިވާ ކަމަށެވެ.
ވެހިކަލް ރަޖިސްޓްރީ ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށް މިނިސްޓަރު އަމީން ވިދާޅުވި ނަމަވެސް މާލޭއަށް އެތެރެކޮށްފައިވާ ގިނަ ކާރުތައް ރަޖިސްޓްރީ ކޮށްނުދީ ހިފަހައްޓާފައިވާ ކަމަށް ގިނަބަޔަކު ބުނަމުންދެއެވެ.
އެގޮތުން ފިޔެސްއާ ވާހަކަދެއްކި އާންމުރައްޔިތަކު ބުނެފައި ވަނީ، އޭނާ ކާރެއް ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާ، ނަމަވެސް އެ ކާރު އޭނާއަށް ރަޖިސްޓްރީ ކުރެވޭނެ އެއްވެސް މަގެއް އަދި ފެނިފައި ނުވާކަމަށެވެ. އަދި ކާރު ރަޖިސްޓްރީ ކުރުމަށް އޮންނަ ޕްރޮސީޖާ ވެސް ވަރަށް އުނދަގޫ ކަމަށާ، އެކަމަށްޓަކައި މާލޭސިޓީ ކައުންސިލް މެދުވެރިކޮށް ކަންތައްތަކެއް ކުރަން ޖެހޭއިރު، އަލުން ހަމަ އެ ކަންތައްތައް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ތަކުރާރު ކުރަމުންދާތީ މިހާރު އެކަން ކޮށްނުދިނުމަށް ދައްކާ ބަހަނާތަކެއް ކަމަށް އޭނާއަށް ހީވާކަމަށް ވެސް ފިޔެސްއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.




