
އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، އަމީންގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ އެޕްރީލް މަހުގެ 18 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާއާ ގުޅުވައެވެ.
މިއަދު މަޖިލީހުގައި ޖަވާބުދަރީވެވަޑައިގަންނަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުގައި ކޮށްފައިވާ ތުހުމަތު ތަކަކީ ޒައްރެއްގެ މިންވަރަށްވެސް ގުޅުމެއްނެތް ތުހުމަތުތަކެއް ކަމަށެވެ.
ދެންމެ މަޖިލީހުގައި ނެގި ވޯޓްގައި އަމީންގެ މައްޗަށް އިތުބާރު ނެތްކަމަށް ވޯޓް ދެއްވީ 11 މެންބަރުންނެވެ. އެ މައްސަލައާ ދެކޮޅަށް 54 މެންބަރުން ވޯޓް ދެއްވިއެވެ.
މިއަދުގެ ޖަލްސާގައި އަމީން ވަނީ އޭނާއަށް ކުރި ތުހުމަތުތަކަށް ޖަވާބު ދެއްވާފައެވެ. އަމީން ވިދާޅުވީ މައްސަލައިގާ ސޮއިކުރެއްވި 12 މެންބަރުން ކުރެއްވި ތުހުމަތާ ޒައްރެއްގެ މިންވަރުގެ ގުޅުމެއްވެސް އޭނާއާ އެ ތުހުމަތުތަކާ ނެތް ކަމަށެވެ.
އަމީންގެ ޖަވާބުތަކަށްފަހުވެސް ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި އަމީން ވިދާޅުވީ އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ އެއްވެސް ސަބަބެއްވެސް ނެތް ކަމަށެވެ.
އޭގެ އިތުރުން އަމީން މިއަދު ވިދާޅުވީ އޭނާއާ އެ މައްސަލައާ އޮތް ހަމަ އެކަނި ގުޅުމަކީ ދިވެއްސަކަށްވީތީ ރާއްޖޭގައި ދިރިއުޅޭތީ އޮތް ގުޅުމެއް ކަމަށެވެ. އެގުޅުން ހަމަ އެގޮތަށް އޭނާއަށް ތުހުމަތު ކުރައްވާ މެންބަރުންނާވެސް އެބައޮތް ކަމަށެވެ.




