ގައުމިއްޔަތު މިނިސްޓްރީއަށް ވިލަރެސްވެރިންގެ ގޮތުގައި މުވައްޒަފަކު ހޯދުމަށް ގެޒެޓްގައި ކޮށްފައިވާ އިއުލާނެއް އެކްސްގައި ހިއްސާކުރައްވަމުން އަޒާން ވިދާޅުވެފައި ވަނީ، ރިސާޗަރ އަކަށް 30،000 ރުފިޔާގެ މުސާރައެއް ކަނޑައަޅާފައި މިވަނީ، ތައުލީމީ ފެންވަރަށް ބަލާއިރު އޯ ލެވެލްއިން ދެ ޑީ ފާސް ލިބި، އޭ ލެވެލް ދިވެހިން އެންމެ ސީ ފާހެއް ލިބިފައިވުން ޝަރުތަކަށް ހަދާފައި ކަމަށެވެ.
ދައުލަތް ހިންގުމުގެ މައިބަދައިގެ ގޮތުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނާއި އިންޖިނިއަރުންނާއި ބުރަ މަސައްކަތުގައި އުޅޭ ސިވިލް ސާވަންޓުންނަށް ލިބޭ އާމްދަނީ މާ ކުޑަ ކަން އަޒާން ފާހަގަ ކުރައްވާފައި ވެއެވެ.
އަދި އަޒާންގެ މި ޕޯސްޓްގައި، ގައުމިއްޔަތު މިނިސްޓްރީން، މަސްތަކެއް ވަންދެން މިފަދަ "ދިރާސާ" ތައް ކުރެވެމުން ދާއިރު، ހަގީގަތުގައި އެ މިނިސްޓްރީން އުފެއްދުނީ ނުވަތަ ކުރެވުނީ ކޮން ކަމެއްތޯ؟ ވެސް ވަނީ ސުވާލު އުފައްދަވާފައެވެ.
އަޒާން ވަނީ މިސުވާލު، އެޕްރީލް 16 ވަނަ ދުވަހުވެސް ގައުމިއްޔަތު މިނިސްޓަރާ ކުރައްވާފައެވެ. އެދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި މިނިސްޓަރު އާދަމް ނަސީރާ މުޚާތަބުކުރައްވާ އަޒާން ވިދާޅުވީ އެ މިނިސްޓްރީން ކުރާ ހޭދައާ އެއްވަރުގެ ބަދަލެއް ގައުމަށް ގެނެވޭތޯއެވެ.
"ދިވެހިރައްޔިތުންގެ ފައިސާ މާގިނަ އަދަދަކަށް މިނިސްޓަރުގެ ވުޒާރާއަށް ޚަރަދުކުރެވެމުންދޭ. ސުވާލަކީ އެ ޚަރަދުކުރެވޭ ފައިސާއާ އެކަށީގެންވާ ވަރުގެ ބަދަލެއް ދިވެހި ގައުމާއި ދިވެހިރައްޔިތުނަށް ލިބިދެވޭތޯ ތި މިނިސްޓްރީގެ މަސައްކަތްތަކުން؟"
އަޒާންގެ މި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ގައުމު މިކިޔަނީ ދިވެހިންނަށް ދިވެހިން ބިނާ ކުރުމުގެ މަސައްކަތަށް ކަމަށެވެ.
"ދިވެހިންގެ ސިކުނޑި ބިނާކުރުމުގެ މަސައްކަތުގެ ވާހަކަ މިހާތަނަށް ތިން ހާހަށްވުރެ ގިނަ ފަރާތްތަކަށްވާނީ ދިވެހި އިލްމިއްޔަތުގެ އަސްލުވަންތަކަމާ ބެހޭ އިލްމީ ހުށަހެޅުންތައް ފޯރުކޮށްދީފައި. އިސްވަރުގެ ދަށުންނާއި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގެ ދަށުން ގިނަ މަސައްކަތްތަކެއްދަނީ ކުރެވެމުން." އެދުވަހު މަޖިލީހުގައި ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ދައުލަތުގެ މައިބަދައިގެ ގޮތުގައި ތިބި ހިދުމަތްތެރިންނަށް ވުރެ ވެސް އެކި ނަންނަމުގައި މިނިސްޓްރީ ތަކަށް އައްޔަންކުރާ މުއައްޒަފުންގެ މުސާރަ މާބޮޑު ކަމަށް އަޒާން ސިފަކުރައްވާފައި ވާއިރު، މިކަމަކީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ. އަދި ވަކިން ހާއްސަކޮށް މި ސަރުކާރުން ހައްދެއް ނެތި ސިޔާސީ މުއައްޒަފުން އައްޔަންކުރަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރެއެވެ.
ކަން މިހެން އޮތް ނަމަވެސް މި ސަރުކާރުން އަންނަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށް ވެސް ދެކޮޅު ހައްދަވަމުން ކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މި މަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ނޫސްވެރިން ތަކުރާރުކޮށް އެ ސުވާލު އެމަނިކުފާނާ އަމާޒުކުރުމުން ވެސް އެ އަދަދު ހާމަކުރައްވަން ރައީސް ފަސްޖެހިވަޑައިގަތެވެ.
ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ. ނަމަވެސް ސިޔާސީ މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ބުނަނީ މިހާރު މިސަރުކާރުގެ ސިޔާސީ މުއައްޒަފުންގެ އަދަދު ދެހާހުން މައްޗަށް އަރާނެ ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކޮށް ރައީސް ވިދާޅުވީ އެ މަނިކުފާނު ސިޔާސީ މުވައްޒަފުން އައްޔަން ކުރައްވާފައި ވާނީ ސަރުކާރުގެ 2130 މަޝްރޫއު ކުރިއަށް ގެންދަން އެކަށީގެންވާ މިންވަރަށް ކަމަށެވެ.
އަދި ކުރިޔަށް އޮތްތަނުގައި ސިޔާސީ މުވައްޒަފުންނަށް ބަޖެޓުން ހަރަދުކުރާވަރު ގާނޫނުގައި ބަޔާން ކުރުމަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.