ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރި ތަމްރީން: ޔޫތު މިނިސްޓްރީގައި މިހާރު ވެސް 200 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން ތިބޭ.-- ފޮޓޯ: ސޯޝަލްމީޑިއާ
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް
މަރްޔަމް މުޙައްމަދު 21 މޭ 2025 (ބުދަ)   15:09
ސްޕޯޓްސް މިނިސްޓްރީއަށް އަނެއްކާ ވެސް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ގއ. ވިލިނގިލި، ގޮންގަލީ އާބާދު، ތަމްރީން ރަޝީދު 31އ، އެވެ.

ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރުމާ ގުޅިގެން އޭނާ ވަނީ އިއްޔެ ސޯޝަލްމީޑިއާގައި ރައީސް މުއިއްޒުއަށާއި ވިލިނިގިލި ދާއިރާގެ މަޖިލިސް މެންބަރު، އާޒިމް އަބްދުލް އަޒީޒަށް ޝުކުރު އަދާކޮށް ޕޯސްޓެއް ވެސް ޖަހައިފަ އެވެ.

ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަހު މުސާރައަކީ 25,500ރ. އެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާތީ ސްޕޯޓްސް މިނިސްޓްރީގައި މިހާރު ތިބީ ކިތައް ސިޔާސީ މުވައްޒަފުންކަމެއް ނޭނގެ އެވެ. ނަމަވެސް 2024 މެއި 30، ގެ ނިޔަލަށް އެ މިނިސްޓްރީގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި 195 މީހުން ތިއްބެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ މަތި ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިހާތަނަށް ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނޫސްވެރިން އެކަމާ ސުވާލު ކުރުމުންވެސް ހާމައެއް ނުކުރެއެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަނުކުރެއްވި ނަމަވެސް، އެކަން މިސަރުކާރުން މިހާރު ވަނީ ސިއްރުކުރަން ފަށާފައެވެ.

ކުރީ ސަރުކާރުތަކުގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ނަންތައް ފޮޓޯއާއެކު ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކުރި ނަމަވެސް، މި ސަރުކާރު ފެށުނުތަނާ އެކަން އެގޮތަށް ކުރިއެވެ. އެހެންނަމަވެސް ފަހުން އާންމުނުކޮށް ސިއްރުން އެތައް ބަޔަކަށް ސްޓޭޓް މިނިސްޓަރު ކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދު ދައުލަތުގެ ބޮޑު ސިއްރަކަށް ހަދައިގެން ސަރުކާރުން އުޅޭއިރު، އެ އަދަދު ދެހާހުން މައްޗަށް އަރާނެކަމަށް ގިނަބަޔަކު ލަފާކުރެއެވެ.

ކޮމެންޓް