ރައީސް މުއިއްޒު ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓު ޕްރޮގްރާމްތަކުގެ ތެރެއިން، މިދިޔަ ބުރާސްފަތިދުވަހު ގެނެސްދިން ޕްރޮގްރާމްގައި، ރައީސް މުއިއްޒު ވިދާޅުވީ 2000 އަށް ވުރެ އާބާދީ ދަށް ރަށްރަށުގައި ކައުންސިލަރުންގެ އަދަދު ތިނަކަށް ދަށްކުރުމަށާއި، އަދި އެއަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި ފަސް ކައުންސިލަރުން ބޭތިއްބުމަށް ގާނޫނު ބަދަލުކުރުމަށް އެމަނިކުފާނު ހުށަހަޅުއްވާނެ ކަމަށާ، އަދި އަތޮޅު ކައުންސިލްތައް އުވާލަން ވެސް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
ރައީސްގެ މި ނިންމުންތަކަށް ރައްދުދެއްވާ ކުޅުދުއްފުށީ މޭޔަރު އާތިފް މީސްމީޑިއާގައި ރޭ ވިދާޅުވީ، ރައްޔިތުން އިންތިހާބުކުރާ މީހުން މަދުވުމަކީ ސަރުކާރުތަކުން ބޭނުންހާގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށާ، ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުގެ އަދަދު މަދުކުރުމުގެ ބަދަލުގައި މަސައްކަތެއް ނެތި އައްޔަނުކޮށްފައި ތިބި ސިޔާސީ މަގާމުތައް މަދުކުރުމުން ހަރަދު ކުޑަވެ ދައުލަތުގެ ހިންގުން މާބޮޑަށް ވެސް ހަރުދަނާ ވެގެންދާނެ ކަމަށެވެ. އަދި ދައުލަތް ހިންގުމުގައި ރައްޔިތުންގެ ރިޕްރެޒެންޓޭޝަން ކުޑަނުވެ އެކަން ވެސް ހާސިލްވާނެ ކަމަށެވެ.
"ކައުންސިލްތަކުގައި ވަރަށް ގިނަ ނެގެޓިވް ކަންތައްތައް އެބަހުއްޓޭ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާއިރު، ސަރުކާރަށް އެއް އަހަރާ ހަ މަސް މާދަމާ [މިއަދު] ވާނެ، ހަމަ ޔަގީނުން ވެސް ކުޅުދުއްފުށީގައި ކުރިއަށްދާ ގިނަ މަޝްރޫތަކާއި ހަރަކާތްތަކަކީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތައް، މި ދޮޅު އަހަރުތެރޭގައި ސަރުކާރު ހުރިހާ މަޝްރޫއެއް އެހުރީ ހުއްޓިފައިކަން ކުޅުދުއްފުށީގެ ރައްޔިތުން ހެކިވާނެ." އާތިފް ވިދާޅުވި އެވެ.
އަދި ދައުލަތުގެ ބަޖެޓުން ކުޅުދުއްފުއްޓަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައި ވަނީ 8.9 މިލިއަން ރުފިޔާ މަދުން ކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ، އެހެން ނަމަވެސް ކައުންސިލުން ކުރި މަސައްކަތުން، ކައުންސިލްގެ އާމްދަނީ 2.5 މިލިއަން ރުފިޔާގައި 13.9 މިލިއަން ރުފިޔާއަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި އެހެން އެކަން ކުރެވުމަކީ ކައުންސިލްގެ ގިނަ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭ މައިގަނޑު އެއްސަބަބު ކަން ވެސް އާތިފް ވަނީ ފާހަގަކުރައްވާފައެވެ.