ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާ އައްޔަނު ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ 73 މެންބަރުންގެ ވޯޓުންނެވެ. ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނުކުރަން އަސްނާގެ ނަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އޭޕްރިލް 30، ގަ އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މާޗު 17، ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެނާ އެ މަގާމުން އިސްތިއުފާ ދެއްވީ މަސައްކަތަށް ހުރަސްއަޅައި, އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދާފައި އޮއްވަ އެވެ.
އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު އިމާދު ނެރުއްވި ބަޔާނުގައި ވިދާޅުވީ "މި ނިންމުން އަޅުގަނޑު މި ފައިސަލާކުރީ، މި ފަހުން، އެމްއެމްއޭ. އިން ނިންމާފައިވާ ނިންމުންތަކަކީ އަޅުގަނޑުގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީ" ކަމަށެވެ.