ތިމާއަށް ގެއްލުމެއް ލިބުމުގެ ކުރިން ބޭރު ފައިސާ މާރުކުރުމުގައި ސަމާލުވުމަށް ގޮވާލާ ފުލުހުން ބުނެފައި ވަނީ، އެމްއޭގައި ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ބެލުމުގައި، އެމްއެމްއޭގެ ވެބްސައިޓުން ރަޖިސްޓަރ ކޮށްފައިވާ ފަރާތްތައް ފެންނަން ހުންނާނެކަމަށެވެ.
މީގެ އިތުރުން ވެސް ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރު ވަމުން ދާކަން ފާހަގަކޮށް ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ދާދި ފަހުން މީޑިއާގައި މައުލޫމާތު ހިއްސާކޮށްފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.
އެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން އޭރު ބުނެފައި ވަނީ، ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށާ، ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް ވަރަށްބޮޑަށް ސަމާލުވާން ޖެހޭކަމަށެވެ. އަދި މުއާމަލާތްކުރުމަށް ލިބޭ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް ފުލުހުން އޭރު ވަނީގޮވާލާފައެވެ.
ފުލުހުންގެ ހިދުމަތުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށްޓަކައި، އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް އެދިފައެވެ. އެ ސެންޓަރަކީ ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ދާދި ފަހުން ގާއިމް ކޮށްފައިވާ ސެންޓަރެކެވެ.
މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބެލެހެއްޓުމަށް ގާއިމްކޮށްފައިވާ ސެންޓަރެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާ، މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށް ވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ގެ އިދާރާއިން ބުނެއެވެ.