މި މައްސަލަ ފެންމަތިވެ މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ މައުލޫމާތު ތަކަށް ބަލާއިރު، މި ކޮރަޕްޝަންގެ އަމަލު ހިންގުމުގައި އިސްކޮށް ތިބީ ސްޓެލްކޯގެ ޕްރޮކިއުމަންޓްގެ ޖެނެރަލް މެނޭޖަރ އަޒްހަދު ރަމީޒް އާއި ޖެނެރަލް މެނޭޖަރ އޮފް ރީޖަނަލް އޮޕަރޭޝަންސް އެންޑް ޓްރާންސްޕޯޓް މުޙައްމަދު ޔާސިރު އަދި މެނޭޖިންގ ޑިރެކްޓަރ ބިއުރޯގެ ޖެނެރަލް މެނޭޖަރ އަސްފާ ޙުސައިން އެވެ.
މި ތިން މީހުނާއި އަބްދުﷲ ރިޔާޒު ކިޔާ މީހަކު ބައިވެރިވެގެން އުފައްދާފައިވާ ކުންފުންޏަށް ކިޔަނީ "އޯޝަންވެލް" އެވެ. އެ ކުންފުނި އުފައްދާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ފިޔެސް އަށް ލިބިފައިވާ މައުލޫމާތުގައި އަޒްހަދުއަށް ޕްރޮމޯޝަން ލިބި ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރުކަން ލިބުނީވެސް އެ ދުވަސްވަރު އެވެ. އެހެންކަމާއެކު ވިޔަފާރި ހިންގާލުމަށް ކުންފުނި އުފެއްދީ ކަމަށް ބެލެވެއެވެ.
މި ކުންފުންޏާއި މި ކުންފުންޏާ ގުޅިފައިވާ ކުންފުނިތައް މެދުވެރިކޮށް ސްޓެލްކޯ އަށް ޖެންސެޓާއި ކޭބަލާއި ޓްރާންސްފޯމަރާއި ސްޕެއާޕާޓްސް ގެނެއެވެ. ސްޓެލްކޯގެ ތިން ވެރިންނާ އެކު ކުންފުނި ހަދާފައިވާ އަބްދުﷲ ރިޔާޒުގެ އެހެން ކުންފުންޏެއް ކަމަށްވާ "ކޮންސްޓެކް" އަށްވެސް މަސައްކަތްތައް ދެއެވެ. އަބްދުﷲ ރިޔާޒަކީ އަސްފާގެ ޅިޔަނެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަޤް އަކީ އަސްފާގެ ކޮއްކޮ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ކޮންސްޓެކް ކުންފުނި އަދި އަބްދުﷲ ރިޔާޒްގެ ސޯޝަލްމީޑިއާ އެކައުންޓްތަކުން ފެންނަންހުރި ގޮތުގައި އެކުންފުނިން ވަނީ ސްޓެލްކޯގެ އެކި މަސައްކަތްތައް ކޮށްފައެވެ. އޭގެ ތެރޭގައި އިންޖީނު ބުޑު އެޅުމާއި، އިންޖީނުގެ އެޅުމާއި އެކި ކަހަލަ ސިވިލް މަސައްކަތްތައް ހިމެނެއެވެ. ދާދިފަހުން ހެދި ސްޓެލްކޯ ބިޒްނަސް ސެންޓަރު ހެދުމުގައިވެސް މި ކުންފުނީގެ ބައިވެރިވުން އޮތެވެ. އިމާރާތުގެ ކްލޭޑިންގ އާއި ބިއްލޫރީގެ މަސައްކަތް މި ކުންފުނިން ކުރިއިރު މުއްދަތަށް ނުނިންމިގެން، ދެ ބުރަށް މުއްދަތު އިތުރުކޮށްދިން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ސްޓެލްކޯގެ ވެރިން ހިއްސާވާ ނުވަތަ ބައިއެޅޭ ކުންފުނިތަކަށް މަސައްކަތްތައް ހަވާލުކުރަނީ މާކެޓް ރޭޓަށްވުރެ އެތައް ގުނައެއް އަގުބޮޑުކޮށް ކަމަށާއި ޓެންޑަރ ޕްރޮސެސް މެނިޕިއުލޭޓްކޮށް ޕްރޮޖެކްޓް ވިން ކޮށްދީ އެވޯޑްކޮށްދިނުމުގައި ޖެނެރަލް މެނޭޖަރުންގެ ބައިވެރިވުން ބޮޑު ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިކަންކަން މިގޮތަށް ކުރާކަން ސްޓެލްކޯގެ އެންމެ އިސްވެރިންނަށްވެސް އެނގޭނެ ކަމަށްވެއެވެ. އަދި މި ތިން ޖެނެރަލް މެނޭޖަރުންނަކީވެސް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީއާ ވަރަށް ގާތްކޮށް އުޅޭ ބައެއް ކަމަށްވެއެވެ.
ކުންފުނީގެ ހިއްސާދާރުންނާއި ހިއްސާ ބަދަލުކުރި ތާރީޚް ފެންނަން އޮތް ރަސްމީލިޔުމެއް.
ސްޓެލްކޯގެ މަސައްކަތްތައް ރާވާފައި އޮންނަގޮތުން އަޒްހަދު އާއި ޔާސިރު އަކީ ސްޓެލްކޯއަށް ގެންނަ ކޭބަލް އާއި ސްޕެއާޕާޓްސް ފަދަ ބައެއް އައިޓަމްތަކުގެ "ފެކްޓްރީ ޗެކިން" އަށް ރާއްޖޭން ބޭރަށް ދާ ދެމީހުންނެވެ. ބޭނުމަކީ ސްޓެލްކޯއަށް ގެންނަ ތަކެތީގެ ކޮލިޓީ ޗެކް ކުރުމެވެ. އެހެންނަމަވެސް މި ދެމީހުން ބައިވެރިވާ ކުންފުނިތަކަށް ފަހިވާގޮތަށް ޕްރޮޖެކްޓްތައް ބޮޑު އަގުގައި ދެނީ ކޮލިޓީއަށްވެސް ބެލުމެއް ނެތިއެވެ.
މިކަމުގެ އެއް މިސާލަކީ މިހާރު މާލޭ މަޖީދީ މަގުން ކޮންނަމުން އެދާ ކޮނުމެވެ. ސްޓެލްކޯގެ ޓީއެންޑީ މުވައްޒަފަކު ކިޔައިދިން ގޮތުގައި އެތަނުގައި ވަޅުލަންޖެހެނީ 180 ގެ ކޭބަލެވެ. އެކަމަކު 180 ގެ ނަމުގައި ވަޅުލީ 120 ގެ ކޭބަލެވެ. އެހެންވެ މިހާރު މައްސަލަ ދިމާވެގެން ކޮނެގެން ކޭބަލް ބަދަލު ކުރަނީއެވެ. މިހުންނަނީ މާލީ ގޮތުން ދައުލަތަށް ލިބޭ ގެއްލުމުގެ އިތުރުން އެތައް ބަޔަކަށްމެ ލިބޭ ތަކުލީފެވެ.
ސްޓެލްކޯ ތިންވެރިންގެ ނަމުގައި ކުންފުނި ހަދައިގެން ސްޓެލްކޯ މެދުވެރިކޮށް ވިޔަފާރި ހިންގާކަން ސްޓެލްކޯގެ ގިނަ ބަޔަކަށް އެނގެއެވެ. އެވާހަކަ އެތަނުގެ ތެރޭގައި ދައްކާތީ ކުންފުނީގެ ހިއްސާ މިދިޔަ މަހު (24 އެޕްރީލް 2025) ވަނީ ބަދަލުކޮށްފައެވެ. ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި 2024 ޑިސެމްބަރު 29 ހުން ފެށިގެން "އޯޝަންވެލް" ކުންފުނީގައި ހިމެނުނު، ސްޓެލްކޯގައި ވަޒީފާ އަދާކުރާ ތިން ހިއްސާދާރުންގެ ހިއްސާ ބަދަލުކުރީ 2025 އެޕްރީލް 24 ގައެވެ. މިހާރު އެކުންފުނީގެ ހަމައެކަނި ހިއްސާދާރަކީ ކުރިންވެސް އެ ކުންފުނީގައި ހިމެނުނު އަދި ސްޓެލްކޯގެ މަސައްކަތްތައް ކުރާ "ކޮންސްޓެކް" ކުންފުނީގެ ހިއްސާދާރު އަބްދުﷲ ރިޔާޒެވެ.
ސްޓެލްކޯގެ އިސްވެރިން ބައިވެރިވެގެން ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގާ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާ ކަމުގެ ތުހުމަތުތައް ކުރެވޭއިރު، ކަރަންޓް ބިލާ ގުޅޭގޮތުން ރައްޔިތުން ކުރާ ޝަކުވާތައް ގިނައެވެ. އެ ޝަކުވާތަކަށް ސްޓެލްކޯގެ އެމްޑީ އެކި ފަހަރު އެކި ބަހަނާ ދައްކަވައެވެ.
ސްޓެލްކޯ އިން ފިޔެސް އަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ސްޓެލްކޯ ތެރޭގައި ހިނގާ ކޮރަޕްޝަނުގެ އަމަލުތަކަކީ އެ ކުންފުނީގެ އެމްޑީ ފަހުމީއަށްވެސް އެނގިގެން އޭނާގެ ވެސް ބައިވެރިވުމާއެކު ހިންގާ ކަންކަމެވެ. ފަހުމީއާއި ކޮރަޕްޝަނާ ގުޅުވައިވެސް ވަރަށް ގިނަ ވާހަކަތައް މީސްމީޑިއާ އިން ފެނެއެވެ. އަދި އެފަދަ ބައެއް މައުލޫމާތު ތައްވެސް ބައެއް ފަރާތްތަކުން ދީފައި ވެއެވެ. އެހެންނަމަވެސް އެފަދަ މައުލޫމާތުގެ ސައްހަކަން އަދި ކަށަވަރުކުރެވިފައި ނެތަތީވެ އެފަދަ ވާހަކަތައް މި ރިޕޯޓްގައި ނުހިމަނަމެވެ.
މީސްމީޑިއާގައި އާންމުވެފައިވާ މައުލޫމާތު ތަކުން ހާމަވާ ގޮތުގައި ސްޓެލްކޯގެ ހިންގުން ވަނީ ބޮއްސުންލާފައެވެ. ޚިދުމަތް ދިނުމުގައިވެސް ވަނީ ގިނަ މައްސަލަތައް ކުރިމަތިވެފައެވެ. ބައެއް އިންޖީނުތަކަށް ވަނީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ލިބިފައެވެ. މިފަދަ ކަންކަން ސިއްރުކުރިޔަސް ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާތަކަށް ފާހަގަވާ އެއްކަމެއް އެބައޮތެވެ. ސްޓެލްކޯ މުވައްޒަފުންގެ މުސާރަ މަހުގެ 25 ގައި ކުރިން ލިބުނަސް، މިހާރު މަސް ނިމޭއިރުވެސް ނުލިބެއެވެ.