
އޭސީސީގެ ރައީސް އާދަމް ޝާމިލަށް އެޑްރެސް ކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ސޮއިކުރައްވާ މިއަދު ފޮނުވި ސިޓީއެއްގައި ވަނީ، އެ ކޮމިޝަނަށް ގާނޫނުއަސާސީން ހަވާލުކޮށްފައިވާ ޒިންމާކަމުގައިވާ، ދިވެހި މުޖުތަމައަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖްތަމައަކަށް ހެދުމުގައި ވޭތުވެދިޔަ ތަނުގައި އެކަށޭނެ މިންވަރާ ގާތަށްވެސް އޭސީސީން މަސައްކަތް ކޮށްފައި ނުވާކަމަށާ، ކޮރަޕްޝަން ހިންގާ ފަރާތްތަކާ މެދު ތަފާތުކުރުމެއްނެތި ފިޔަވަޅު އަޅަމުން ވެސް ނުދާ ކަމަށެވެ.
އަދި ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހިނުވާނޭ ގޮތަށް ދައުލަތުގެ ހިންގުން ބައްޓަންކޮށް، ނިޒާމުތައް ހަރުދަނާ ކުރުމުގައި ވެސް އޭސީސީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ބުނެ އެމްޑީޕީން ބުނެފައި ވަނީ، އެކަމާ އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުން ނުހަނު ހިތާމަ ކުރާ ކަމަށެވެ.
އެހެންކަމުން، އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޝްވަރާކުރުމަށް ބޭނުންވާތީ، އޭސީސީގެ މެމްބަރުންނާއެކު ވީހާވެސް އަވަހަށް ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
ފާއިތުވެ މިދިޔަ އިންތިހާބުގައި ސަރުކާރުން ވޯޓުހޯދުމަށާއި، ސަރުކާރުގެ އެކިއެކި މަޝްރޫއުތަކުން ވެސް ކޮރަޕްޝަން ހިންގާކަމުގެ ޝަކުވާ ބޮޑެވެ، އެފަދަ މައްސަލަތައް އޭސީސީން އެންމެ އެކަށީގެންވާ ގޮތުގައި ތަހުގީގުނުކުރާކަމުގެ ޝަކުވާ އާންމުން ވެސް ކުރާއިރު، ނިމިދޔަ އިންތިހާބުތަކަށް ވެރިކަންކުރާ ޕީއެންސީން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ފެންމަތިވެ، އެ މައްސަލަތައް ބެލުމަށް ގޮވާލައި، އެމްޑީޕީން އޭސީސީއަށް ގޮސްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.




