ޑރ. އަލީ އަޒްވަރު
ސްޓެލްކޯ މެނޭޖިން ޑިރެކްޓަރަކަށް ޑރ.އަޒްވަރު އައްޔަނުކޮށްފި
މަރްޔަމް މުޙައްމަދު 28 އޭޕްރީލް 2026 (އަންގާރަ)   16:59
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުނީގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު އައްޔަނުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ.އަލީ އަޒްވަރު އައްޔަންކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ސްޓެލްކޯ އާ 1997 ގައި ގުޅިވަޑައިގެންނެވި އަޒްވަރު ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ ސްޓެލްކޯގެ އިސް އެހެން މަގާމުތައްވެސް ފުރުއްވާފަ އެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހްމަދު ޝަމާހު ރަޝީދު މިދިޔަ ޖެނުއަރީ މަހު ވަކިކުރުމުންނެވެ. ޝަމާހު އެ މަގާމަށް އައްޔަންކުރީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ، ސެޕްޓެމްބަރު 7، 2025، ގައި ވަކިކުރުމުންނެވެ.

ޝަމާހު މަގާމުން ވަކިކުރިފަހުން ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެއްދި އެވެ. ނަމަވެސް މިހާތަނަށް ވެސް އެ މައްސަލަތަކާ ގުޅިގެން އެއްވެސް މައުލޫމާތެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް