ބެސްޓިނެޓާއެކު ކޮރަޕްޝަންގެ އަމަލުތަކެއް މިނިސްޓަރ އިހުސާން ހިންގަވާކަމަށް މެންބަރު ޝަމްހީދު ތުހުމަތުކުރައްވާ.--
ބެސްޓިނެޓާއެކު ހިންގަން ރާވާފައިވާ ކޮރަޕްޝަންގެ މުއާމަލާތްތައް ހުއްޓާލުމަށް ގޮވާލައިފި
މިނިސްޓަރު އިހުސާން ވަކިކުރަންޖެހޭ އިތުރު ސަބަބުތައްވެސް މެންބަރު ޝަމްހީދު ހާމަކުރެއްވި
ފިޔެސް 7 އޭޕްރީލް 2026 (އަންގާރަ)   10:33
އިމިގްރޭޝަނުން ބޭނުންކުރާ އެކްސްޕެޓް ސިސްޓަމް، މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކޮށް، ހިންގަން ރާވާފައިވާ ކޮރަޕްޝަންގެ މުއާމަލާތްތައް ވަގުތުން ހުއްޓާލުމަށް ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ.އަހުމަދު ޝަމްހީދު ގޮވާލައްވައިފިއެވެ.

އިމިގްރޭޝަނުން ބޭނުންކުރާ އެކްސްޕެޓް ސިސްޓަމް ހުއްޓުވައި މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުމަކީ ކޮރަޕްޝަން އެކުލެވިގެންވާ މުއާމަލާތެއް ކަމަށާ، އެކަމުން އެތައް މިލިޔަން ފައިސާއެއް ޖީބަށް ލާނެކަމަށް މީގެ ކުރިންވެސް ޝަމްހީދު ވަނީ ވިދާޅުވެފައެވެ. ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ 2025 ފެބްރުއަރީ 25 ގައި ކުރިއަށްދިޔައިރުވެސް އެވާހަކަ ވަރަށް ތަފުސީލުކޮށް ދެއްކެވިއެވެ.

ޑރ.ޝަމްހީދު އެކަން އިއްޔެ ފާހަގަ ކުރެއްވީ ފެނަކަ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް ވަކިކުރި ޚަބަރާ ގުޅުވައެވެ. ސަރުކާރު ބައެއް ކުންފުނިތަކުގެ ހިންގުން ސައިންނާއި ފުލުހުންގެ އިސް މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުންނާ ހަވާލުކޮށްފައިވަނީ ހޯމްލޭންޑް މިނިސްޓަރުގެ ނުފޫޒުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި ޝަމްހީދު ވިދާޅުވީ "ނިމިދިޔަ، އިންތިޚާބުގެ ނަތީޖާ އިން ސާފްވާ އެއްކަމަކީ، ވަޒީރު އިހުސާނަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން،" ކަމަށެވެ.

އިހުސާން ޓެގްކުރައްވައި ޝަމްހީދު ވަނީ، އިހުސާނަށް ނޫނެކޭ ބުނަންޖެހޭ ސަބަބުތައްވެސް ހާމަކުރައްވާފައެވެ.

އެކަންކަމަކީ؛  

1. ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ އެތައް ބަޔަކު ތިއްބައި، ދައުލަތުގެ ކުންފުނިތައް ހިންގުން ކުރީގެ ރިޓަޔަރޑް ބޭފުޅުންނާ އެކަނި ޙަވާލުކުރަމުންދަނީ އެމަނިކުފާންގެ ނުފޫޒު ހުރިހާ ދިމާލަކަށް ފަތުރަން ކަމަށްވާތީ.

2. އަތޮޅުތަކުގެ ބޯހިޔާވަހިކަމަށް ބަޖެޓުކުރި ފައިސާ، އެސްޓޯނިއާއިން ސޮފްޓްވެއަރ ގަތުމަށް ބޭނުންކޮށްފައިވާތީ.

3. ޤާނޫނީ އިމުން ބޭރުން، ފުލުހުންގެ މުއައްސަސާގެ ހިންގުން ތިމާ އަމިއްލަ އަތަށް ނަގާފައިވާތީ.

4. ދައުލަތަށް ލިބެންއޮތް 15 ބިލިޔަން ރުފިޔާ، ބްލެކްލިސްޓް ކުރެވިފައިވާ ބޭރުގެ 'ބެސްޓިނެޓް' ކުންފުންޏަށް ޤާނޫނާ ޚިލާފަށް ދިނުމަށް ނިންމާފައިވާތީ.

މިކަންކަން ފާހަގަ ކުރެއްވުމަށްފަހު، ޝަމްހީދު ގޮވައިލައްވާފައި ވަނީ، 'ބެސްޓިނެޓް' އާއެކު ކުރާ މުއާމަލާތް ހުއްޓާލުމަށާއި މަގާމުތަކަށް އެކަށީގެންވާ މީހުންނާ މަސްއޫލިއްޔަތުތައް ހަވާލުކުރުމަށެވެ.  

"ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލަން…'ބެސްޓިނެޓް' އާއެކު ހިންގަން ރާވާފައިވާ ކޮރަޕްޝަންގެ މުޢާމަލާތްތައް ވަގުތުން ހުއްޓާލުމަށް. ދައުލަތުގެ ކުންފުނިތައް ހިންގުމަށްޓަކައި، ކަމުގެ އިލްމާއި ޤާބިލުކަން ހުރި ފަންނީ ބޭފުޅުންނާ އެ މަސްއޫލިއްޔަތު ހަވާލުކުރުމަށް." ރައީސް މުއިއްޒު ޓެގްކުރައްވައި ޝަމްހީދު ލިޔުއްވާފައި ވެއެވެ.

ޝަމްހީދުގެ މި އިލްތިމާސް ނިންމަވައިލައްވާފައިވަނީ "ރައްޔިތުންގެ ނިންމުމަށް ޗެލެންޖް ނުކުރުމަށް އެދެން" ކަމަށް ވިދާޅުވެއެވެ.

ކޮމެންޓް