ޕީއެންއެފްގެ ޖަލްސާއެއްގެ ތެރެއިން، ޕީއެންއެފް ޖަލްސާއެއްގައި ނޫސްވެރިކަމަށް ވަނީ ފުރައްސާރަކޮށްފައި.-- ފޮޓޯ: ޗެނަލް13
ނޫސްވެރިންނަށް ފުރައްސާރަ ކުރާތީ އެމްއެމްސީ އާއި ބްރޯޑްކޮމްގެ ކަންބޮޑުވުން
ފިޔެސް 12 މޭ 2025 (ހޯމަ)   21:47
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ސަންގު ޓީވީގެ ނޫސްވެރިޔާ، ފާތިމަތު މަދަދާއަށް ފުރައްސާރަ ކުރުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެކަމާ ގުޅިގެން ބްރޯޑްކޮމްއިން ނެރުނު ބަޔާނެއްގައި ބުނީ މި ފަހަކަށް އައިސް ބައެއް ފަރާތްތަކުން އެކިއެކި ފޯރަމްތަކުގަ އާއި އެއްވުންތަކުގައި ވަކިވަކި ނޫސްވެރިންނަށް ފުރައްސާރަ ކުރަމުންދާކަން އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"ވަކިވަކި ނޫސްވެރިންނާ ގުޅިގެން މުހާތަބު ކުރެވޭއިރު ޒާތީ ތައައްސުބުން އެއްކިބާވެ އިހުތިރާމާއެކު ކޮންޓެންޓު ގެނެސްދިނުމަށް އިލްތިމާސް ކުރަމެވެ،" ބްރޯޑްކޮމްގެ ބަޔާނުގައި ބުންޏެވެ.

ނޫސްވެރިންނަށް އަމާޒުކޮށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި މީހުން ދައްކާ ވާހަކަތައް ބްރޯޑްކާސްޓު ކުރުމުގައި ވެސް ހުރިހާ މީޑިއާއަކުން ސަމާލުވުމަށް ބްރޯޑްކޮމްއިން އިލްތިމާކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފުރައްސާރަ ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ފަހަތަށް ހިނގައިދާނެ ކަމެއް ކަމަށާއި އެފަދަ އަމަލުތައް އެ ކައުންސިލުން ކުށްވެރި ކުރާ ކަމަށެވެ.

"އެހެންކަމުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރައްވާއިރު، އެންމެހައި ފަރާތްތަކުން ޒާތީ ތައައްސުބުން އެއްކިބާވެ ޒިންމާދާރު ކަމާއެކު އެ މިނިވަންކަމުގެ ބޭނުން ކުރެއްވުމަށް އިލްތިމާސް ކުރަމެވެ،" މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

އެ ކައުންސިލުން ބުނީ ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް، އަދި ވަކީން ހާއްސަކޮށް ވަކި ޖިންސަކަށް ނިސްބަތްވާ ނޫސްވެރިންނަށް އަމާޒުކޮށް ފުރައްސާރަ ކުރުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އޭގެއިތުރުން ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކުގެ ހަބަރާއި ފޮޓޯ އާންމު ކުރާއިރު، އެ ފަރާތްތައް އިތުރަށް ފަލީހަތް ނުވާނެ ގޮތަކަށް އެކަން ކުރުމަށާއި އެއްވުންތަކާއި މުޒާހަރާތަކުގެ ކަވަރޭޖު ގެނެސްދޭއިރު، އާންމު މިންގަނޑާ ހިލާފު ހަބަރުތަކާއި މަންޒަރު ނުގެނެސްދިނުމަށް މީޑިއާ ކައުންސިލުން އިލްތިމާސް ކޮށްފައިވެ އެވެ.

އަދި ވަކިވަކި ނޫސް އިދާރާތަކަށް މައުލޫމާތު ދިނުމުގައި ތަފާތު ކުރަމުން ދާތީ، އެކަން އެގޮތަށް ނުކުރުމަށް ވެސް މީޑިއާ ކައުންސިލުގެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކޮމްއިން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައި މިވަނީ، ކުރީގެ ރައީސް ޔާމީން އިސްވެ ހިންގަވާ ޕީއެންއެފްގެ ޖަލްސާއެއްގައި ނޫސްވެރިޔާ މަދަދާއަށް ފުރައްސާ ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މަދަދާ ނިސްބަތްވާ ޓީވީ ޗެނަލް، ސަންގު ޓީވީންވެސް ވަނީ އެކަން ކުށްވެރިކޮށް ފިޔަވަޅު އެޅުމަށް ގޮވައިލާ މިއަދު ބަޔާނެއް ނެރެފައެވެ.

ސަންގު ޓީވީން ނެރުނު ބަޔާނުގައިވަނީ، ޕީއެންއެފުގެ ޖަލްސާގައި މަދަދާއަށް އަމާޒުކޮށް ޕީއެންއެފުން ދެއްކި ވާހަކަތަކަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ދިވެހި މީޑިއާގެ މުސްތަގުބަލަށް ނުރައްކާވެ، އިތުބާރު ގެއްލެން މަގުފަހިވާނޭ ކަމެއްކަން ފާހަގަކޮށްފައެވެ.

ސަންގުން ބުނެފައިވަނީ ކުރިއަށް އޮތް ޖީލުގެ ނޫސްވެރިން، ޚާއްސަކޮށް އަންހެނުންނަށް އެ މީހުންގެ އިއްޒަތާއި، އަގު ވަޒަންކުރެވި، ބާރުވެރިކުރެވޭ މާހައުލެއްގައި މަސައްކަތްކުރެވޭނެ ރައްކާތެރި ޖާގައެއް ލިބެންޖެހޭނެ ކަމަށެވެ. އެ ގޮތުން ހުނަރުވެރިކަން ހުއްޓުވައި، ކުރިއެރުމަށް ހުރަސް އަޅަން ކުރާ މަސައްކަތްތަކާ ދެކޮޅަށް ސާބިތުކަމާއެކު ތިބޭނެ ކަމަށް އެ ޓީވީން ބުނެފައި ވެއެވެ.

ކޮމެންޓް