ރޭ ހިނގި މި ހާދިސާ ހިނގިގޮތުގެ ތަފްސީލު ފޭސްބުކުގައި އެ ނޫސްވެރިޔާ ހިއްސާކޮށްފައި ވާއިރު، އެ މައުލޫމާތު ތަކުން އެނގޭގޮތުގައި، ފުލުހުން ތަޅައި އަނިޔާކޮށްފައި ވަނީ ވަން އޮންލައިންގެ ނޫސްވެރިޔާ ހަމްދާން އަޙުމަދަށެވެ.
ފޭސްބުކްގައި ހަމްދާން ބުނީ މިރޭ 8:40 ހާއިރު، ހުޅުމާލޭ ފޭސް ދޭއްގެ ނިގަކަސް މަގުގައި ބީޗަށްވާގޮތަށް މަގުގެ އެއްފަޅީގައި ޑްރޯން އަރުވައިގެން ހުއްޓައި ދެ ފުލުހަކު އައިސް ސުވާލު ކުރަން ފެށި ކަމަށާ، ފުލުހުން ކުރި ސުވާލުގެ ޖަވާބުގައި ޑްރޯން އަރުވަނީ ކަމަށް އޭނާ ބުނި ކަމަށެވެ.
އޭނާ އެހެން ބުނުމުން، ހުއްދަ ނެތްނަމަ ޑްރޯން ނޭރުވުމަށް ފުލުހުން ބުނި ކަމަށާ، ފުލުހުން އެހެންބުނުމުން ވަގުތުން ޑްރޯން ތިރިކުރި ކަމަށް ހަމްދާން ބުންޏެވެ. އެއަށްފަހު ހުއްދަ ދެއްކުމަށް ފުލުހުން އެދުމުން ހުއްދަ ނެތް ކަމަށް ހަމްދާން ބުނިކަމަށް އޭނާ ކިޔައިދިނެވެ.
ހުއްދަ ނެތް ކަމަށް ބުނުމުން އޭނައާ ބެހޭ މައުލޫމާތު ދިނުމަށް އެދުމުން އައިޑީކާޑް ދެއްކުމުން އެއީ މައުލޫމާތު ކަމަށް ބަލައިނުގަނެވޭނެ ކަމަށް ބުނެ ހަޑިހުތުރުބަހުން ފުލުހުން އޭނާއާ ވާހަކަދައްކަން ފެށި ކަމަށް ބުނެ ހަމްދާން ބުނެފައި ވަނީ، އޭނާގެ ވޮލެޓްގަ އޮތް ޕްރެސް ކާޑު ދެއްކުމުން (ހަޑިއެއްޗެއް ބުނެފައި) ނޫސްވެރިއަކަސް މިތާކު ފުއްޕާފަ ނުހުރެވޭނެ ކަމަށާ، ޑްރޯން ވެސް ނޭރުވޭނެ ކަމަށް ފުލުހުން ބުނިކަމަށެވެ.
އެއަށްފަހު ދެންހުރި ފުލުސް މީހާ ޕޮލިސް ކާރަށް ގުޅައި އިތުރު ފުލުހުން އައުމަށް އެދުނު ކަމަށާ، އެހެން ނަމަވެސް އެވަގުތު އޭނާ ގެއަށްދިއުމަށްޓަކައި ހިނގައިގަތުމުން ސައިކަލެއްގައި އައި ދެ ފުލުހަކު ކުރިމައްޗަށް އަރާ އޭނާ ކޮއްޕައި ވައްޓާލި ކަމަށް ވެސް ހަމްދާން ބުނެޏެވެ.
އަދި ހަމްދާން އެވަގުތު ހުރީ އެފްބީ ލައިވްއެއް ޖައްސައިގެން ކަން އެނގުމުން، ފުލުހުން އުޅުނީ އޭނާގެ ފޯނު އަތުލުމަށްޓަކައި އަތުގައި ބިޑިއަޅުވަން ކަމަށާ، އެއަށްފަހު ޕޮލިސް ކާރު ތެރެއަށް ވަރަށް ބާރަށް ކޮއްޕައި އޭނާ އެއްލާލި ކަމަށް ވެސް ހަމްދާން ކިޔައިދިނެވެ.
ޕޮލިސް ކާރު ތެރެއަށް ކޮއްޕައި އެއްލާލުމަށްފަހު ހަމްދާންގެ ފޯނު އަތުލައި ވީޑިއޯ ޑިލީޓްކުރަން ފުލުހުން އެންގި ކަމަށާ، އެހެން ނަމަވެސް އެއީ ގާނޫނީގޮތުން ފުލުހުންނަށް ކުރެވޭނެ ކަމަކަށް ނުވާތީ، އޭނާ އެކަމަށް އިންކާރުކުރުމުން ދެން އޭނާ ގެންދިޔައީ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ މެސް ރޫމަށް ކަމަށް ހަމްދާން ބުންޏެވެ.
އެތަނަށް ވެއްދުމަށްފަހު ކޮށްޕާލައި އެކިގޮތްގޮތަށް އޭނާއަށް ވަރަށް ބޮޑަށް އަނިޔާ ކުރި ކަމަށާ، އެތަނަށް ވައްދާފައި ކޮށްޕާލައި މޫނުމަތީގައި ގޮށްމުށުން ތަޅާ، އަދި އެނޫންވެސް ގޮތްގޮތަށް އޭނާގެ ގައިގައި ތަޅައި އަނިޔާކުރި ކަމަށްބުނެ ހަމްދާން ބުނީ އެއަށްފަހު، ފުލުހުން އުޅުނީ ހަމްދާންގެ ފޯނުގެ ލޮކް ހުޅުވުމަށްފަހު ފޭސްބްކު ލައިވްކުރި ވީޑިއޯ ޑިލީޓް ކުރުވުމަށް ކަމަށެވެ.
ނަމަވެސް އޭނާގެ ފޯނު ހުޅުވައިނުދިނުމުން "ފޯނު ފުނޑާލާނެ" ކަމަށް ފުލުހުން ބުނި ކަމަށާ، ވަރަށް ގިނައިރު އަނިޔާކޮށްގެން ކުރި މަސައްކަތުން ވެސް ފޯނު ހުޅުވައިނުދިނުމުން ފުލުހެއްގެ ގައިގައި އަތްލި ކަމުގެ ދައުވާ ކުރާނެ ކަމަށް ބުނެ އިންޒާރުދިން ކަމަށް ވެސް ހަމްދާން ބުންޏެވެ.
އަދި އެތައް ފަހުން އެ ޕޮލިސް ސްޓޭޝަންގެ އިންޗާޖް އައިސް ވީޑިއޯ ޑިލީޓްކުރަން އެންގި ކަމަށާ، ނޫންނަމަ ފުލުހެއްގެ ގައިގައި އަތްލި ކަމުގެ ކުށުގައި ތިހުރީ ހައްޔަރުކޮށްފައި ކަމަށް އޭ އިންޗާޖު ބުނި ކަމަށާ، އަދި ނޫސްވެރިއެއް ކަމަށްވާތީ ވަރަށް ރަނގަޅަށް "ތަޅާލަންވާނެ" ކަމަށް ވެސް އޭނައާ ދިމާލަށް އެތަނުން ފުލުހުން ބުނި ކަމަށް ހަމްދާން ބުނެފައި ވެއެވެ.
މިލިޔުން ޝާއިއުކުރުމާ ހަމައަށް ފުލުހުންގެ އެއްވެސް ބަހެއް މި ހާދިސާއާ ގުޅިގެން ނުލިބެއެވެ. އަދި ސުވާލު ކުރުމުންވެސް މިހާދިސާއާ ގުޅުންހުރި އެއްވެސް މައުލޫމާތެއްވެސް ނުދެއެވެ.
އެހެންނަމަވެސް، މިއަދު 14:01 ގައި ފުލުހުން މީޑިއާ ގްރޫޕްގައި ބުނެފައިވަނީ، ހުޅުމާލެ އިން ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުއްދަ ނުނަގައި ޑްރޯން އަރުވަން އުޅެނިކޮށް ހުއްޓުވުމުން ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ހުތުރު ބަހުން ވާހަކަ ދެެއްކި މީހެއް ކަމަށެވެ. އަމުރަށް ނުކިޔަމަންތެރިވި މައްސަލާގައި އޭނާ ފޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ނަސޭހަތް ދިނުމަށް ފަހު ރޭ ދޫކޮށްލާފައިވާ ކަމަށެވެ.
އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތަކާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އެ ތުހުމަތު ތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ބެލިބެލުމުން އެފަދަ ކަމެއް ފުލުހުން ކޮށްފައި ނުވާ ކަމަށް އެ މެސެޖުގައިވެއެވެ.