ފުލުހުން އަނިޔާ ކުރި ކަމުގެ ތުހުމަތު ކޮށްފައިވަނީ މަލްޓި މީޑިއާ ނޫސްވެރިއެއްގެ ގޮތުގައި ވަން އޮންލައިންގައި މަސައްކަތް ކުރަމުން އަންނަ ހަމްދާން އަޙުމަދަށެވެ.
އެ ހާދިސާހިނގި ގޮތް ހަމްދާން ފޭސްބުކްގައި ކިޔައިދީފައި ވާގޮތުން އެރޭ 8:40 ހާއިރު، ހުޅުމާލޭ ފޭސް ދޭއްގެ ނިގަކަސް މަގުގައި ބީޗަށްވާގޮތަށް މަގުގެ އެއްފަޅީގައި ޑްރޯން އަރުވައިގެން ހުއްޓައި ދެ ފުލުހަކު އައިސް ސުވާލު ކުރަން ފެށި ކަމަށާ، ފުލުހުން ކުރި ސުވާލުގެ ޖަވާބުގައި ޑްރޯން އަރުވަނީ ކަމަށް އޭނާ ބުނި ކަމަށެވެ.
އޭނާ އެހެން ބުނުމުން، ހުއްދަ ނެތްނަމަ ޑްރޯން ނޭރުވުމަށް ފުލުހުން ބުނި ކަމަށާ، ފުލުހުން އެހެންބުނުމުން ވަގުތުން ޑްރޯން ތިރިކުރި ކަމަށް ހަމްދާން ބުންޏެވެ. އެއަށްފަހު ހުއްދަ ދެއްކުމަށް ފުލުހުން އެދުމުން ހުއްދަ ނެތް ކަމަށް ހަމްދާން ބުނިކަމަށް އޭނާ ކިޔައިދިނެވެ.
އަދި އެ ހާދިސާ ހިނގި ވަގުތުގެ ފޭސްބުކް ލައިވް ވީޑިއޯއެއް ވެސް ހަމްދާން ހިއްސާކޮށްފައި ވާއިރު، އެ ވީޑިއޯއިން ވެސް ފެންނަނީ ފުލުހުންނާއި ހަމްދާނުއާ ދެމެދު ބަހުގެ ހަމަލާތަކެއް ދެވި ރުޅިވެރިކަމުގެ މާހައުލެއްގައި ކަންކަން ހިނގަމުންދިޔަ މަންޒަރެވެ.
އަދި އެއަށްފަހު ދެން ހިނގާ ދިޔަކަންކަމުގައި ވެސް ފުލުހުން އަނިޔާވެރިކަން އިސްކޮށްފައިވާ ކަމަށް ހަމްދާން ބުނެފައި ވާއިރު، އެ މައްސަލައާ ގުޅިގެން އެމްޖޭއޭ އިން ފުރަތަމަ ނެރުނު ބަޔާނުގައި ފުލުހުން ކުށްވެރިނުކޮށް ނޫސްވެރިންނަށް ނަސޭހަތް ދިންކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް އެކަމާގުޅޭ އިންސިޑެންޓަލް ރިޕޯޓެއް މިއަދު އެމްޖޭއޭއިން ނެރެފައި ވާއިރު، އެ ހާދިސާއާ ގުޅޭ ތަފްސީލުތަކަށް ބަލައި އަނިޔާކުރުމުގެ ޖާގަ އޮތްކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި އެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށާއި އޭނާ ސީނަށް ގޮސް ހުއްޓުވުމުގައި އުޅުނު ދެ ފުލުސް އޮފިސަރުންގެ މައްސަލަ އެ ޖަމްއިއްޔާގެ ފަރާތުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވެސް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.
ހަމްދާން ބުނެފައިވާ ގޮތުގައި ފުލުހުން ހަޑިހުތުރު ބަހުން ވާހަކަ ދައްކަން ފެށީ އޭނާގެ ވޮލެޓުގައި އޮތް ނޫސްވެރިޔެއްކަން އަންގައިދޭ ކާޑު ފެނުމުންނެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަން އަށް ހަމްދާން ގެންގޮސް އެތަނުގެ މެސް ރޫމަށް ވައްދައި އޭނާ ގައިގައި ފަސް ފުލުހަކު ވެގެން ތެޅި ކަމަށް ހަމްދާން ތުހުމަތު ކުރާއިރު، އޭނާގެ މޫނު މަތީ ތަޅައި އަނިޔާކުރި ކަމަށާ، ކަރުގައި ހިފައި ނޭވާ ހާސްކުރި ކަމަށް ވެސް ހަމްދާން ބުނެފައިވެ އެވެ.