އެ މިނިސްޓްރީ އަކީ، ލޯކަލް ކައުންސިލްތައް ބާރުވެރިކޮށް ރަށްރަށުގެ އާންމު ހިދުމަތް ހަރުދަނާ ކުރުމުގެ ނަމުގައި މި ސަރުކާރުން އުފެއްދި މިނިސްޓްރީއެކެވެ.
ސަރުކާރުގެ ޖުމުލަ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް މި ސަރުކާރުން ފަސްޖެހެމުން އަންނަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެ މިނިސްޓްރީގައި މި ވަގުތު 81 ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށާ، އެގޮތުން މާލޭގައި ތިއްބެވި ސިޔާސީ މުއައްޒަފުންގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައި ހުރި އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓްތަކުގައި ވެސް ސިޔާސީ މުވައްޒަފުން ތަކެއް ތިއްބަވާނެ ކަމަށެވެ.
މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައި ވާއިރު، ނޫސްވެރިން އެކިއެކި ގޮތްގޮތުން ރައީސް އޮފީހުންނާއި މިނިސްޓްރީތަކުން އެއްކުރި މައުލޫމާތުތަކުން ހާމަވާގޮތުގައި ހުސްވި އަހަރުގެ މެއިމަހުގެ ނިޔަލަށް ވެސް އެގާރަސަތޭކަ އަށް ވުރެ ގިނަ ސިޔާސީ މުއައްޒަފުން މި ސަރުކާރުގައި ތިއްބެވެ. އަދި އެ އަދަދަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ މުލިއާގެ އާއި ބައެއް މިނިސްޓްރީތައް ވެސް ނުހިމަނާ ހާމަވާން އޮތް އަދަދުކަން ވެސް ފާހަގަ ކޮށްލެވެއެވެ.
ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ރައީސް މުއިއްޒު ހާމަކުރެއްވީ އެމަނިކުފާނު އެކުލަވާލާ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އަދި މި މަހުގެ 3 ވަނަ ދުވަހު، ރައީސް މުއިއްޒު ބޭއްވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ހާމަކުރެއްވުމަށް އެދި ނޫސްވެރިން ތަކުރާރުކޮށް ރައީސާ ސުވާލުކުރުމުން ވެސް އެ އަދަދު ވިދާޅެއް ނުވިއެވެ. ވިދާޅުވިހާ ވެސް އެއްޗަކީ ފިނޭންސް މިނިސްޓްރީއަށާއި، ރައީސް އޮފީހުގެ މީޑިއާ ޓީމަށް އެ އަދަދު ލިޔުމަކުން ހާމަކުރެއްވުމަށް އަންގަވާނެ ކަމަށެވެ.