ކުޅުދުއްފުށި ސިޓީ ކައުންސިލް މެންބަރު ރިލްވާން މުޙައްމަދު (ރިލޭ)، ކާރިސީ ހިރާސް ކުޑަކުރުމުގެ އުތުރުގެ މަހާސިންތާގައި - ފޮޓޯ: ކުޅުދުއްފުށިސިޓީ ކައުންސިލް
ތެޔޮ ނެތިގެން ކުޅުދުއްފުށީ ޕަބުލިކް ވޯރކްސްގެ މަސައްކަތް ހުއްޓިއްޖެ
މުޙައްމަދު ޤާސިމް 22 މޭ 2025 (ބުރާސްފަތި)   16:09
ކުޅުދުއްފުށި ސިޓީގެ ޕަބުލިކް ވާރކްސް މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކަށް އަޅާނެ ތެޔޮ ނެތިގެން މަސައްކަތް ހުއްޓިއްޖެ ކަމަށް އެ ސިޓީގެ ކައުންސިލުން ފިޔެސްއަށް މިއަދު މައުލޫމާތު ދީފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލް މެންބަރު ރިލްވާން މުޙައްމަދު (ރިލޭ) އެންމެފުރަތަމަ މިކަން ހާމަކުރައްވާ ވާހަކަ ދައްކަވާފައި ވަނީ، އުތުރު ސަރަހައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޕަބުލިކް ވާރކްސްގެ ވެހިކަލްތަކަށް އަޅާނެ ތެޔޮ ނެތުމުންގެ ސަބަބުން އެތަނުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ވިދާޅުވެ ރިލޭ ވިދާޅުވީ، އެ ސިޓީގެ ބައެއް މަގުތަކަކީ ވެލީގެ މަގުތަކެއްކަމަށް ވާތީ އެ މަގުތައް ހެދުންވެސް ތެޔޮ ނެތުމުގެ ސަބަބުން ހުއްޓިފައިވުމަކީ އާންމުރައްޔިތުންނަށް އެކަމުން ލިބޭ ވަރަށް ބޮޑު ދަތިކަމެއް ކަމަށެވެ.

"މިނިސްޓްރީތަކުގެ މަސައްކަތަށްވެސް ގިނަ ފަހަރު ހަރަދުކުރަން ޖެހެނީ ކައުންސިލްތަކުން. މިސާލަކަށް މިއަދު ކުޅުދުއްފުށީގައި ޕަބުލިކް ވާރކްސްއެއް އެބަ އިން އެކަމަކު އަޅުހަނޑުމެންނަށް މިއަދުވެސް މިތިބީ މަގުތަކުގެ މަސައްކަތް ނުކުރެވިފަ." ރިލޭ ވިދާޅުވި އެވެ.

ލޯކަލް ގަވަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އާރިފް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ޕެނަލް ޑިސްކަޝަންގައި ރިލޭ އިތުރަށް ވިދާޅުވީ، މިއަދުވެސް ރަށުގެ މަގުތަކުގައި ފެންބޮޑުވެއްޖެނަމަ ނެރެން ހުރީ އެ ވެހިކަލްތައް ކަމަށާއި މިނިސްޓްރީތަކުން ކުރަން ޖެހޭ މަސައްކަތް ކައުންސިލްތަކަށް ކުރަން ޖެހޭއިރު މިއަހަރުވެސް ސިޓީ ކައުންސިލަށް ސަރުކާރުން ދޫކޮށްފައިވަނީ 8 މިލިއަން ރުފިޔާ މަދުން ކަމަށެވެ.

ޕަބުލިކް ވާރކްސް ޔުނިޓްތަކަކީ ލޯކަލް ގަވަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ތަންތަން ކަން ފާހަގަކޮށްލެވެއެވެ. އަދި ރިލޭގެ އިތުރުން ވެސް ކުޅުދުއްފުށި ސިޓީގެ ކައުންސިލް މެންބަރު އަޙުމަދު ޢަބްދުﷲ ވަނީ، ކައުންސިލްތަކުން ކުރަންޖެހޭކަންކަން ކުރަމުން ދިޔަނަމަވެސް، މައިސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބަދަލުގައި، މައިސަރުކާރުން އުޅެނީ ކައުންސިލްތަކަކީ ބޭކާރު ތަންތަން ކަމަށްދެއްކޭތޯ ކަމަށް ވިދާޅުވެ މި ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، އަންގާރަ ދުވަހު މީސްމީޑިއާގައި ޕޯސްޓެއް ވެސް ކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް